ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތައް ފ. މަގޫދޫ، ފ. ބިލެތްދޫ، މ. ދިއްގަރު، މ. މުލަކުގެ އިތުރުން އދ. މާމިގިލި އަދި އދ. އޮމަދޫން ކާމިޔާބު ކޮށްފިއެވެ.
ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރު ފެށިގެން މިހާރު ކުރިއަށްދާ އިރު، ރޭ ކުޅެފައި ވަނީ ފ. އަތޮޅުގެ ދެމެޗާއި، މ. އަތޮޅުގެ ދެ ގްރޫޕުގެ ދެމެޗާއި، އދ. އަތޮޅުގެ ދެ ގްރޫޕުގެ ދެމެޗެވެ.
މުބާރާތުގައި މ. އަތޮޅާއި، އދ. އަތޮޅުންވެސް ކޮންމެ އަތޮޅަކުން ހަ ޓީމް ބައިވެރިވެފައިވާތީ އެ ދެ އަތޮޅުގެ މެޗުތައްވެސް ކުޅެނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި ދިން ޓީމުން ވާދަކުރާ އިރު، ގްރޫޕް އެއްވަނަ ފައިނަލަށް ދާނެއެވެ. އަތޮޅު ޗެމްޕިއަންކަން ހޮވާނީ އަތޮޅު ފައިނަލް މެޗު ކުޅެގެންނެވެ. އެއާ ހިލާފަށް ފ. އަތޮޅުގެ ޗެމްޕިއަން ހޮވާނީ ލީގު ބުރަކުންނެވެ. އެއީ ފ. އަތޮޅުން މުބާރާތުގައި ފަސް ޓީމު ބައިވެރިވެފައިވުމުންނެވެ.
އދ. އަތޮޅު ގްރޫޕް އެކެއްގައި ރޭ ކުޅުނީ މާމިގިއްޔާއި ފެންފުށި ކުޅުނު މެޗެވެ. އެ މެޗަކީ މާމިގިލިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. ރޭގެ މެޗު މާމިގިލިން 4-0 އިން ކާމިޔާބުކުރި އިރު، މެޗުގެ ގޯލުތައް ޖެހީ ހައިޝަމް އަރީފްގެ އިތުރުން ކުރިން ގައުމީ ޓީމަށްވެސް ކުޅުނު ޑިފެންޑަރު ހިޝާމް ސަލީމެވެ. މެޗުގައި އަރީފް ވަނީ ހެޓްރިކް ހަދާފައެވެ. ފެންފުށިން މިހާތަނަށް ގްރޫޕްގައި ދެމެޗު ކުޅެފައިވާ އިރު، އެ ދެމެޗުންވެސް ބަލިވެ، ފައިނަލްގެ އުންމީދު ވަނީ ގެއްލިފައެވެ.
އދ. އަތޮޅު ގްރޫޕް ދޭއްގައި އޮމަދޫން ކުޅުނު ދެވަނަ މެޗުގައި ކުނބުރުދޫ ކޮޅަށް ހަތް ގޯލުޖަހައި، މެޗު 7-1 އިން ކާމިޔާބު ކުރި އިރު، އެ ގްރޫޕުން އޮމަދޫ ވަނީ ފައިނަލް ޔަގީން ކޮށްފައެވެ. ގްރޫޕުގައި ދެން ބާކީ އޮތް މެޗަކީ ކުނބުރުދުއާ ދަނގެތި ވާދަކުރާ މެޗަށްވާ އިރު، އެ މެޗަށް ނުކުންނަ އިރުވެސް ދެޓީމަށް ފައިނަލްގެ އުންމީދެއް ނެތެވެ.
ރޭގެ މެޗުގައި އޮމަދޫގެ ގޯލުތައް ޖަހައިދިނީ މޫސާ އަރީފާއި އަލީ އަޒުމީ އަދި ހަސަން ސާމެވެ. މެޗުގައި އަޒުމީއާއު އަރީފް ހެޓްރިކް ހެދިއެވެ. ކުނބުރުދޫގެ ގޯލު ޖަހައިދިނީ ފަތުހީއެވެ.
މ. އަތޮޅުގެ ފައިނަލް ފުރަތަމަ ޖާގަ ދިއްގަރުން ޔަގީން ކުރީ ރޭ ކުޅުނު މުބާރަތުގެ ދެވަނަ މެޗުގައި މަޑުއްވަރީގެ މައްޗަށް 4-1 އިން ކުރި ހޯދައިގެންނެވެ. ގްރޫޕް ދޭއްގައި ދެން އޮތީ މަޑުއްވަރިއާއި ނާލާފުށި ކުޅޭ މެޗު އެކަންޏެވެ. އެ މެޗަށް ނުކުންނައިރު، ދެޓީމަށްވެސް ދިއްގަރާ ހަމަކުރެވޭކަށް ނެތެވެ.
ރޭގެ މެޗުގައި ދިއްގަރުގެ ގޯލުތައް ޖަހައިދިނީ ނަސޫހު މަސްއޫދު، އަހުމަދު މިދުހަތު މަހުމޫދާއި އާދަމް ހަލީލެވެ. އާދަމް ހަލީމް މެޗުގައި ދެ ގޯލު ޖެހިއެވެ. މަޑުއްވަރީގެ ހަމައެކަނި ގޯލު ޖެހީ އިބްރާހީމް މުއާޒެވެ.
މ. އަތޮޅު ގްރޫޕް އެކެއްގައި ރޭ މުލަކުން ވަނީ 1-0 އިން ކޮޅުފުށި ބަލިކޮށް، ފެށުން ރަނގަޅު ކޮށްފައެވެ. އެ ގްރޫޕުގައި ކޮޅުފުއްޓަށް ފައިނަލްގެ ފުރުސަތު ދެން ނެތް ނަމަވެސް މުއްޔާއި މުލަކަށްވެސް އަދި ފައިނަލް ގެ ޖާގަ އެބައޮތެވެ. ދެން އޮންނާނީ އެ ދެޓީމު ކުޅޭ މެޗެވެ. ރޭގެ މެޗުގައި މުލަކުގެ ހަމައެކަނި ގޯލު ޖަހައިދިނީ ސުޖުއާން ހުސައިންއެވެ. މެޗުގެ ތަރިއަކީ މޮޅަށް ކުޅުނު ގޯލްކީޕަރު މިފުދާދު އަހުމަދެވެ.
ފ. އަތޮޅުގެ ލީގު ބުރުގައި ރޭ ދެމެޗު ކުޅުނު އިރު، ފުރަތަމަ މެޗުގައި ބިލެއްދޫން ވަނީ 3-1 އިން ނިލަންދޫ ބަލިކޮށްފައެވެ. މެޗުގައި ބިލެއްދޫގެ ގޯލުތައް ޖެހީ މުނީފް އަބްދުލް ނަސީރާއި ޒުހުރީއެވެ. މެޗުގައި މުނީފް ވަނީ ދެ ގޯލު ޖަހައިފައެވެ. ނިލަންދޫގެ ހަމައެކަނި ގޯލު ޖެހީ ކުރިން ނިއު ރޭޑިއަންޓަށް ކުޅުނު ޑިފެންޑަރު ފާރޫގު އިސްމާއީލެވެ. ބިލެއްދޫން މިހާތަނަށް ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށް، ފ. އަތޮޅުގެ ޗެމްޕިއަން ކަމަށް އެޓީމު ވަނީ އުންމީދު ބޮޑު ކޮށްފައެވެ.
ފ. އަތޮޅުގައި ރޭ ކުޅުނު އަނެއް މެޗުގައި މަގޫދޫން ފީއަލި ބަލިކުރީ 7-0 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ މެޗުގައި ބަލިވެފައި އޮތް މަގޫދޫއަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ މުސްތަފާ، މޫސާ އަސްއަދު އަންވަރު، މޫސާ މާހިލް މިގުދާދު، އަބްދުﷲ މުއާޒާއި މުހައްމަދު މުއާޒެވެ. އަބްދުﷲ މުއާޒާއި މާހިލް، މެޗުގައި ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހިއެވެ.
ޖުމުލަ 91 ޓީމަކުން މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ އިރު، މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސް އެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ. މުބާރާތުގައި މިރޭ އޮންނާނީ ކ. އަތޮޅުގެ ދެ ގްރޫޕުގެ ދެމެޗާއި، ތ. އަތޮޅުގެ ދެ ގްރޫޕުގެ ދެމެޗުގެ އިތުރުން، ގއ. އަތޮޅު ދެ ގްރޫޕުގެ ދެމެޗެވެ. ތ. އަތޮޅުގެ މެޗުތަކުގެ ތެރޭގައި އެންމެފަހުގެ ޗެމްޕިއަން ތިމަރަފުށިން ކުޅޭ މެޗުވެސް ހިމެނެއެވެ.
- ކ. އަތޮޅު
20:15 ކާށިދޫ - ހުރާ (ގްރޫޕް 1)
20:15 މާފުށި - ގުރައިދޫ (ގްރޫޕް 2)
- ގއ. އަތޮޅު
21:15 ކަނޑުހުޅުދޫ - ނިލަންދޫ (ގްރޫޕް 1)
22:15 ދެއްވަދޫ - މާމެންދޫ (ގްރޫޕް 2)
- ތ. އަތޮޅު
21:15 ކިނބިދޫ - ގާދިއްފުށި (ގްރޫޕް 1)
22:15 ވޭމަންޑޫ - ތިމަރަފުށި (ގްރޫޕް 2)
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު