އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބާ ދިމާކޮށް ބައެއްމީހުން ސަރުކާރު ވަޒީފާތަކުން ވަކި ކުރާ ކަމަށްބުނެ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބަހުސް ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ އެމަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދުއެވެ.

އަންނަ އޭޕްރީލްމަހުގެ 16 ވަނަ ދުވަހު އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބު ބާއްވަން ހަމަޖެހިފައިވާއިރު، އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަނުން، އަންނަނީ އެ އިންތިހާބުގައި ވާދަ ކުރަމުންނެވެ.

އޭގެ ތެެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރާ މެންބަރުން ބައިއަތު ހިފާފައި ވަނީ އިކޮނޮމިކު މިނިސްޓަރު ފައްޔާޒު އިސްމާއިލް އަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ މެންބަރު ބައިއަތު ހިފާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއަށެވެ.

ރައީސުލްޖުމްހޫރއިްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިވާ ވެރިކަމުގެ ބާރުތައް، ހަމަހަމަކަމެއްނެތި ބޭނުންކުރައްވަމުން ގެންދަވާކަމަށް ތުހުމަތު ކުރައްވައި މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހެޅުއްވީ އިންތިއަށް ތާއީދު ކުރައްވާ މެންބަރެކެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރއީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުތަކަކީ މުތުލަގަށް ދީފައިވާ ބާރުތަކެއް ކަމަށެވެ.

ނަމަވެސް ރައީސް އެ ބާރުތައް ބޭނުންކުރަން ވާނީ ވަކި ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށްވެސް ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ، ގާނޫނުއަސާސީގެ 115 މާއްދާގެ (ޅ)ގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތައް އަދާކުރަން ބޭނުންވާ މަގާތަކަށް މީހުން އައްޔަންކޮށް، ވަކިކުރުމުގައި އަމަލުކުރާ ހަމަތަކަކާއި އުސޫލުތަކެއް ހުންނަން ޖެހޭނެ ކަމަށެވެ. އެގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އެ ބާރުތައް ބޭނުން ކުރަންވާނީ ގާނޫނުއަސާސީގެ 17 ވަނަ މާއްދާގައިވާ، ތަފާތު ނުކުރުމުގެ ހަމަތަކާއި 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަމަހަމަކަމުގެ އިންތަކުގެ ތެރެއިން ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެގޮތަށް މަގާމުތަކަށް އައްޔަންކޮށްފައިވާ މީސްމީހުންގެ ތެރެއިން، އިންތިހާބުތަކާ ދިމާކޮށް ވަކި ބަޔަކު، "އަދި ހާއްސަކޮށް ވެރިކަން ހިންގާ ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބަކާ ދިމާކޮށް ވަކިކުރުމަށް ނިންމައި ވަކި ކުރުމަކީ އެނިންމުންތަކުގެ އިންސާފުވެރިކަމާއި ހަމަހަމަކަމާމެދު ރައްޔިތުންނަށް އެތަކެއްސުވާލު އުފެދޭނެކަމެއް،" ކަމަށެވެ.

ވަހީދު ވިދާޅުވީ، އޭޕްރީލް 16 ވަނަ ދުވަހު އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބު ބާއްވަން ހަމަޖެހިފައިވާއިރު އެ އިންތިހާބާ ދިމާކޮށް ސަރުކާރުގެ ވަޒީފާތަކުގައި ތިބި ބައެއް މީހުން ވަޒީފާތަކުން ވަކިކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން ސަރުކާރާމެދު ރައްޔިތުންގެ އިތުބާރު ގެއްލި ރައްޔިތުންގެ މެދުގައި ނަފުރަތު އުފެދި، ސަރުކާރާއި ރައްޔިތުންނާ ދެމެދު ބައިބައިވުން އުފެދިދާނެކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން އެކަންތައްތަކަކީ ރައްޔިތުންގެ މުހިއްމު މަސްލަހަތެއް ހިމެނޭ ކަމަކަށްވާތީ އެކަން ސަރުކާރުގެ ސަމާލު ކަަމަށް ގެނައުމަށް ކުއްލި މައްސަލަ ހުށަހެޅުއްވީކަމަށް ވަހީދު ވިދާޅުވިއެވެ. މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރަން ފާސްކުރީ ޖަލްސާގައި ތިއްބެވި 36 މެންބަރުންގެ ތެރެއިން 23 މެންބަރުން ވޯޓު ދެއްވައިގެންނެވެ.