ރަޝިއާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ޔޫކްރޭނުގެ ފަތުރުވެރިން ރާއްޖެ އައުން އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި މިނިސްޓަރު މައުސޫމް ރޭ ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތަކީ ހަމަޖެހުމާ ގުޅިފައި އޮތް ސިނާއަތެއް ކަމަށާއި ހަމަނުޖެހުމެއް އުޅޭ ނަމަ އެ ސިނާއަތަށް އަސަރު ކުރާނެ ކަމަށެވެ.
ޔޫކްރޭނަކީ ރާއްޖެއަށް މުހިންމު މާކެޓެއް ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ޔޫކްރޭނުގެ 700 އެއްހާ ފަތުރުވެރިން ތިބިއިރު، އެ ފަތުރުވެރިންނަށް އަނބުރާ ގައުމަށް ދެވޭނެ ގޮތެއްވެސް ނެތް ކަމަށެވެ. ޔޫކްރޭނުން ރާއްޖެއަށް ފަތުރުވެރިންނަށް އާދެވޭނެ ގޮތެއްވެސް މިހާރު ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިހާތަނަށް އައިއިރު ހަމަ ޔޫކްރޭންގެ ފަތުރުވެރިން އެއްކޮށްހެން އައުން ހުއްޓިއްޖެ، އެހެން ނޫންތޯ ވާނީ ދަތުރުފަތުރުކުރުން އެއްކޮށް ހުއްޓިއްޖެ. އެކޮޅުން (ޔޫކްރޭނުން) މިކޮޅަށް (ރާއްޖެއަށް) އާދެެވޭނެ ގޮތެއް ނެތް" މިނިސްޓަރު ވިދާޅުވިއެވެ.
ޔޫކްރޭނަށް ހަމަލާތައް ދެމުންދާ ރަޝިއާއަކީ މިއަހަރު ރާއްޖޭގެ އެންމެ ބޮޑު މާކެޓެވެ. އަދި އެއީ މިދިޔަ އަހަރު ރާއްޖޭގެ ދެވަނަ މާކެޓެވެ.
މިނިސްޓަރު މައުސޫމް ވިދާޅުވީ، ހަނގުރާމައާ ގުޅިގެން ރަޝިއާގެ ބުކިންތައްވެސް ކޮންމެވެސް ވަރަކަށް ކެންސަލް ވަމުންދާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ރަޝިއާ މާކެޓަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެން ވާ ކަމަށެވެ. އަދި އެގައުމަށް ބައެއް ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވުން އެކަށީގެން ވާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު މައުސޫމް އިތުރަށް ވިދާޅުވީ، ފަތުރުވެރިކަމުގެ މިއަހަރުގެ އަމާޒަށް ވާސިލްވުމަށް އިތުރު މާކެޓުތައް ހޯދުން މުހިންމު ކަމަށެވެ. އެގޮތުން މިއަހަރުގެ މެދެއްހާ ހިސާބުގައި ޗައިނާގެ މާކެޓު އަލުން ހުޅުވާލާ ވާހަކަތަކެއް ފެތުރެމުން އަންނައިރު، ޗައިނާ ހުޅުވާލުމާއެކު އެންމެ ފުރަތަމަ އެގައުމުގެ މީހުން އަންނަ ގައުމަކަށް ރާއްޖެވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު