ޚަބަރު

ރިއަލްސްޓޭޓް ޓޫރިޒަމާއި ޓްރާންޝިޕްމަންޓް ބަދަރު ހިމެނޭގޮތަށް އިހަވަންދިއްޕޮޅު ތަރައްގީކުރަން މިއަހަރު ފެށޭނެ: ފައްޔާޒު

އިބްރާހިމް ޒަކީ

ރިއަލްސްޓޭޓް ޓޫރިޒަމާއި ބަންކަރިން އާއި ސެކިއުރިޓީ ހިދުމަތްތަކާއި ޓްރާންޝިޕްމަންޓް ބަދަރެއް ހިމެނޭގޮތަށް އިހަވަންދިއްޕޮޅު ތަރައްގީ ކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ހިދުމަތް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ގޮވާލައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ރައްޔިތުންގެ މަޖިލީހަށް ވަނީ ގަރާރެއް ހުށަހަޅުއްވައިފައެވެ. އެ ގަރާރު ދިރާސާ ކުރަމުން ގެންދަނީ މަޖިލީހުގެ އިގުތިސާދީ ކޮމިޓީންނެވެ.

އެކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އިވަންދިއްޕޮޅުގައި ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ ޕްރޮޖެކްޓްތަކާބެހޭ މައުލޫމާތު ދެއްވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހެދުމުގެ ވާހަކަ ދައްކާތާ ގިނަދުވަސްތަކެއް ވެފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެމެރިކާގެ ބޮސްޓަން ކޮންސަލްޑެންސީ ގްރޫޕާ ހަވާލުކޮށްގެން ދިރާސާއެއް ހަދާފައިވާ ކަމަށެވެ. އަދި ކަމާބެހޭ ބައިނަލްއަގުވާމީ މާހިރުންގެ ލަފާގެ މަތިން މިސަރުކާރުވެސް އެފަދަ ދިރާސާއެއް ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތަށް އެކަން ކޮށްގެން އެއީ ފީސިބަލް ޕްރޮޖެކްޓަކަށް ވާނެ ކަމަށް އެ ދިރާސާތަކުން ނުދައްކާ ކަމަށްވެސް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

ފަހުން ކުރި ދިރާސާތަކުން އެކަމަކީ ކޮމާޝަލީ ފީސިބަލް ކަމަށްނުވި ނަމަވެސް އެކަމަށް ހުޅުވާލި ފުރުސަތުގައި އެކަން ކޮށްދިނުމަށް ހަ ޕާޓީއަކުން ކުރިމަތިލި ކަމަށެވެ. ނަމަވެސް އެފަރާތްތަކަކީ އެކަންކުރާ ބައެއްނޫން ކަމަށާއި ފައިނޭންޝަލީ ކެޕޭސިޓީހުރި ބައެއްނޫން ކަމުން އެކަންތައް ކުރިއަށް ނުގެންދެވުނު ކަމަށްވެސް ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އެކަން ފީސިބަލް ނޫންކަމަށް ދައްކަނީ އިހަވަންދިއްޕޮޅަކީ އެކަމަށް އެންމެ ރަނގަޅު ލޮކޭޝަން ކަމަށްވެފައި ދުވާލެއްގެ މައްޗަށް އެ ސަރަހައްދުން 200 އެއްހާ އާގުބޯޓު ދަތުރު ކުރި ނަމަވެސް، އެފަދަ ހިދުމަތެއް ރާއްޖޭގައި ގާއިމުކުރުން ލަސްވެ، އަވަށްޓެރި ގައުމުތައް ކަމަށްވާ ސްރީލަންކާ އާއި އިންޑިއާގައި އެހިދުމަތް ގާއިމް ކޮށްފައިވާތީ ކަމަށެވެ.

"އަޅުގަނޑުމެންގެ ލޮކާޝަނަކީ އެންމެ ފައްކާ ލޮކޭޝަން، އެއީ ތްރީޑިގްރީ ޗެނަލް، އެތަނުން ދުވާލެއްގެ މްއްޗަށް އެބަ ދަތުރުކުރޭ 200 އެއްހާ އާގުބޯޓު، އަޅުގަނޑުމެން މިއޮންނަނީ ސީދާ ޑިރެކްޓް ރޫޓުގައި. އެހެންނަމަވެސް އަޅުގަނޑުމެންގެ ގައުމުގައި އެ ހިދުމަތް ތައާރަފުކޮށްފައި ނުވާތީވެ، ވޭތުވެދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ހާއްސަކޮށް އަވަށްޓެރި ގައުމުތަކުގައި އެ ހިދުމަތްތައް ގާއިމްކޮށްފި، އެހެންވީމަ އަޅުގަނޑުމެންނަށް ކޮމާޝަލީ އިންވެސްޓަރަކުއައިސް ގާތްގަނޑަކަށް 600 މިލިޔަން ޑޮލަރުގެ ވާހަކަ،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އެ ޕްރޮޖެކްޓް އެގޮތަށް ކުރިއަށްގެންދާނަމަ، ފައިދާ ލިބެން ފަށަން ވިއްސަކަށް އަހަރުދުވަސް ނަގާނެ ކަމަށާއި އެ ފައިސާއަކީވެސް ހަތްޕަސެންޓްގެ ފައިދާއެއް ކަމަށެވެ.

ޕޯޓުތަކުގެ ކަންތައް ރޭވިފައި އޮންނަނީ ޝިޕިންލައިންތައް ހިއްސާވާގޮތަށް ބޯޓްފަހަރުތަކުން އެތަންތަނުން ހިދުމަތްހޯދާ ގޮތަށް ކަމަށެވެ. އެއީވެސް އެފަދަ ޕްރޮޖެކްޓެއްގެ ފައިދާ އެންމެ ރަނގަޅަށް ނުލިބޭނެ ސަބަބެއް ކަމަށާއި އެތަންތަން ހިންގުމަށްދާ ހަރަދާއި މީހުންގެ މުސާރަތައް ރާއްޖެއަށްވުރެ ކުޑަވުންވެސް އެއީ ސަބަބެއް ކަމަށެވެ. ނަމަވެސް އެފަދަ ބަނދަރެއް ރާއްޖޭގައި އޮންނަންޖެހޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"މިހާރު ކޮމާޝަލީ ވައިބަލް ނުވި ކަމަަށްވިޔަސް ގައުމަށް އެބަ ވައިބަލްވޭ، 15 އަހަރު ދުވަހުގެ ރިޓާން އެއީ ވިޔަފާރިއެއްގެ ޕަސްޕެކްޓުން ބަލާއިރުގައި ވައިބަލް ނުވި ނަމަވެސް ގައުމެއްގެ ޕާސްޕެކްޓިވުން ބަލާއިރު އަލުގަނޑުމެނަށް އެއީ 20 އަހަރުވިޔަސް 25 އަހަރުވިޔަސް ރާއްޖޭގެ އިކޮނޮމީ ތެރޭގައި ހިމެނެންޖެހޭކަމެއް، އެކަމަށް ސަރުކާރުން އިންވެސްޓް ކުރެވެން އޮތްނަމަ އަޅުގަނޑު ސަރުކާރުން އިންވެސްޓް ކުރުމަށް ބާރު އަޅާނަން، އެހެންނަމަވެސް އެވަރުގެ އިންވެސްޓެއް ކުރެވޭވަރުގެ ފައިސާގެ ތަނަވަސްކަމެއް މިވަގުތަކު ސަރުކާރަކު ނެތް، ސަރުކާރުން ހިންގާ އެތައް ޕްރޮޖެކްޓްތަކެއް ހުރިއިރު،" ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެކަން އެގޮތަށް އޮތް ނަމަވެސް އެތައްކަމެއް އޭގެ ތެރޭގައި ހިމަނައިގެން އެކަންތައް ކުރިއަށް ގެންދިއުމަށް ރާވައި އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމުގެ މަގުމަތީގައި މިހާރު އޮތް ކަމަށެވެ. އެކަން ކުރިއަށް ގެންދަން ރާވާފައި ވަނީ ޓްރާންޝިޕްމަންޓާއި ބަންކަރިން ސާވިސް އާއި އެއާ ގުޅުންހުރި އިތުރު އެހެން ހިދުމަތްތަކާއި ކިއުރިޓީ ސާވިސަސް އާއި ރިއަލްސްޓޭޓް ޓޫރިޒަމް ހިމެނޭގޮތަށް ކަމަށް ވިދާޅުވިއެވެ.

އެކަން ކުރުމަށް ރާވާފައި ވަނީ، ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ ޖޮއިންޓް ވެންޗާގެ ތެރެއިން ކޮންމެ ކުންފުންޏަކުން އެކުންފުންނާ ގުޅުންހުރި ބައިތައް ތަރައްގީކުރާ ގޮތަށް ކަމަށެވެ. އެހެންކަމުން އެޕްރޮޖެކްޓް އެއްކޮށް ނިންމަން 10 އަހަރަށްވުރެ ވެސް ގިނަދުވަސް ނަގާފާނެ ކަމަށާއި މިއަހަރުގެ ތެރޭގައި އެ ޕްރޮޖެކްޓް ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ދެކުނަށް ކަނޑައަޅުއްވާފައިވާ އިގުސާދީ ހަބުގެ މައިގަނޑު މަސައްކަތް ކުރިއަށްދާނީ އެ ޕްރޮޖެކްޓްގެ ތެރެއިން ކަމަށެވެ.