ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ހއ. އަތޮޅު ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފިއެވެ.
އިހަވަންދޫން އަތޮޅު ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު އަތޮޅު ފައިނަލް މެޗުގައި 2-0ގެ ނަތީޖާއަކުން ހޯރަފުށި ބަލިކޮށްގެންނެވެ. އިހަވަންދޫން ރޭ ޗެމްޕިއަންކަން ހޯދި އިރު، އެޓީމުން ވަނީ އެންމެފަހުން 2019 ވަނަ އަހަރު ބޭއްވި ގޯލްޑަން ފުޓްސަލް ޗެލެންޖުގައިވެސް ހއ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފައެވެ.
މުބާރާތުގައި ހއ. އަތޮޅުގެ އަށް ޓީމު ބައިވެރިވެފައިވާ އިރު، އެ އަތޮޅުގެ މެޗުތައް ކުޅެފައި ވަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ލީގު އުސޫލުން ދެ ގުރޫޕުގެ މެޗުތައް ކުޅެ، ފައިނަލާ ހަމައަށް ދެ ޓީމު ގޮސްފައިވާ އިރު، ރޭ ފައިނަލް ކުޅުނު ދެޓީމަށްވެސް ވަނީ ޒޯން ބުރުން ފުރުސަތު ފަހިވެފައެވެ. ރޭގެ ފައިނަލަކީ އަތޮޅު ޗެމްޕިއަން ހޮވުމަށް ކުޅުނު ފައިނަލް މެޗެވެ.
ރޭގެ މެޗު ފެށިގެން ފުރަތަމަ ހާފުގައިވެސް ރަނގަޅަށް ކުޅެފައި ވަނީ އިހަވަންދޫ އިންނެވެ. ނަތީޖާއެއްގެ ގޮތުން ހާފު ނިމުމުގެ ކުރިން އިބްރާހީމް ސުހޭލު ޖެހި ގޯލާ އެކު އިހަވަންދޫ ލީޑު ނެގިއެވެ. މެޗުގައި މޮޅަށް ކުޅުނު ސުހޭލަކީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކުޅުންތެރިޔާވެސް މެއެވެ.
ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ ފައިނަލަށް ދިޔަ އިހަވަންދޫން ޗެމްޕިއަންކަން ޔަގީން ކުރީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ހުސައިން ނަޝީދު ޖެހި ގޯލާވެސް އެކުގައެވެ. ފައިނަލް މެޗު ނިންމާ ހއ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާ، އަދި ޓޮޕް ސްކޯރާއަސްވެސް ޓްރޮފީ ދީފައިވެއެވެ.
ހއ. އަތޮޅުގެ، އަތޮޅު ބުރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އެންމެ ގިނަ ގޯލު ޖަހައިގެން ޓޮޕް ސްކޯރާގެ މަގާމުވެސް ހޯދި އިހަވަންދޫގެ އިބްރާހީމް ހާމިދެވެ. ރޭގެ ފައިނަލް މެޗަށްފަހު އިހަވަންދޫއަށް ތަށި ހަވާލުކޮށްދެއްވީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ.
ޖުމުލަ 91 ޓީމަކުން މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ އިރު، މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސް އެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް މިރޭވެސް އޮންނާނެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު