ރަޝިއާ އާއި ޔޫކްރޭންގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގައި މަޑުކުރަން ބޭނުންވާ ޔޫކްރޭނުގެ ފަތުރުވެރިން ހާއްސަ ވިސާއަށް އެދުމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހުޅުވާލައިފިއެވެ.

އިމިގްރޭޝަނުން ބުނީ، ވިސާގެ މުއްދަތު އިތުރުކުރުމަށް އެދި މިހާރު އެ ފަތުރުވެރިންނަށް ދޫކޮށްފައިވާ ވިސާ ހަމަވުމުގެ ކުރިން އެދެން ޖެހޭނެ ކަމަށާއި ވިސާއަށް އެދެން ޖެހޭނީ އިމުގަ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ، ރާއްޖޭގައި ޔޫކްރޭނުގެ 750 އެއްހާ ފަތުރުވެރިން އެބަތިބި ކަމަށެވެ. އަދި ހަނގުރާމައިގެ ސަބަބުން ޔޫކްރޭނުގެ މާކެޓަށް އަސަރުކޮށްފައިވާކަން ވެސް މިނިސްޓްރީން ފާހަގަކުރިއެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މީގެ ކުރިން "ވަން" އަށް ވިދާޅުވީ، ރަޝިއާ އާއި ޔޫކްރޭންގެ ހަނގުރާމައިގެ ސަބަބުން އެ ދެގައުމުގެ ބައެއް ބުކިންތައް ކެންސަލް ކުރަމުން އަންނަ ކަމަށާއި ހަނގުރާމައިގެ ސަބަބުން އިރުމަތީ ޔޫރަޕުގެ ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް އަސަރު ކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ތިބި ރަޝިއާއާއި ޔޫކްރޭންގެ ފަތުރުވެރިން ބޭނުން ނަމަ، އެ ފަތުރުވެރިންގެ ވިސާ ތިން މަހާ ހަމައަށް އިތުރުކޮށްދޭނެއެވެ.