ރާއްޖޭގައި ހުއްޓައި މަރުވި ސްރީލަންކާ ޑިފެންޑަރު ޑަކްސަން ޕުސްލަސްގެ އާއިލާއަށް ލަންކާ އެފްއޭގެ ރައީސް ޖޭސްވާރު އުމަރު ޒިޔާރަތްކުރައްވައިފިއެވެ.

ރާއްޖޭގެ ކްލަބު ވެލެންސިއާއަށް ކުޅޭ ލަންކާގެ ޑިފެންޑަރު ޑަކްސަން މަރުވި ހަބަރު އިވިގެން ދިޔައީ ކުއްލިއަކަށެވެ. އެ ހަބަރު ވެގެން ދިޔައީ ލަންކާގެ އިތުރުން ރާއްޖެއަށްވެސް "ޝޮކިން" ހަބަރަށެވެ. ރޭގެ ވަގުތެއްގައި ޑަކްސަންގެ މަރުގެ ހަބަރު މީޑިއާއަށް ތިލަވެގެން ގޮސްފައިވާ އިރު، ޑަކްސަންގެ ހަށިގަނޑު ފެނިފައިވަނީ އޭނާ ރާއްޖޭގައި ދިރިއުޅޭ އެޕާޓްމަންޓުންނެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ޑަކްސަން މަރުވެފައި ވަނީ ދަން ޖެހިގެންނެވެ. އޭނާ ދަން ޖެހި މަރުވެފައި ހުއްޓައި ފެނުނީ ހަބަރެއް ނުވެގެން ބެލި ބެލުމުގައެވެ. ޑަކްސަންގެ މަރާ ގުޅިގެން އެތައް ބަޔަކު އާއިލާއަށް ތައުޒިޔާގެ މެސެޖުތައް ފޮނުވާފައިވާ އިރު، ލަންކާ ފުލުހުންނާއި އެފްއޭ ގުޅިގެން މަރުގެ ތަހުގީގު ފަށާފައިވާ ކަމަށް ލަންކާގެ ހަބަރުތައް ބުނެއެވެ.

ޑަކްސަންގެ ގެއަށް ގޮސް، އެފްއޭ ރައީސް އުމަރު ވަނީ ޑަކްސަންގެ އާއިލާއާ ބައްދަލުކޮށް ތައުޒިޔާ ވިދާޅުވެފައެވެ. އާއިލާއާ ބައްދަލުކުރައްވައި އުމަރު ވިދާޅުވީ ހަށިގަނޑު ލަންކާއަށް ގެންދަން މަސައްކަތް ކުރާ ކަމަށާއި، ހަށިގަނޑު ލަންކާއަށް ގެންގޮސް، ޖަނާޒާގެ ހުރިހާ ކަމަކަށް ހަރަދު ކުރާނީ ލަންކާގެ އެފްއޭއިން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑަކްސަންގެ މަރާ ގުޅިގެން ލަންކާ ފުލުހުންގެ އިތުރުން އެފްއޭއިން ވަނީ ރާއްޖޭގެ ފުޓުބޯޅަ އިދާރާގެ އިތުރުން ފުލުހުންނާވެސް ވާހަކަ ދައްކައިފައެވެ.

ލަންކާ އެފްއޭއިން ބުނިގޮތުގައި ޑަކްސަންގެ ހަށިގަނޑު މާދަމާ އެގައުމަށް ގެންދާނެއެވެ.

ޑަކްސަންއަކީ ލަންކާ ގައުމީ ޓީމުގެ އެންމެ މުހިއްމު އެއް ޑިފެންޑަރެވެ. ނިމިދިޔަ ފޯ ނޭޝަންސް ކަޕްގެ އިތުރުން ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕްގައިވެސް ލަންކާގެ ޓީމަށް ޑަކްސަން މޮޅު ކުޅުމެއް ދައްކާފައިވެއެވެ. ވެލެންސިއާއަކީ އޭނާ ކުޅޭ ރާއްޖޭގެ ދެވަނަ ކްލަބެވެ. މީގެ ކުރިން ޑަކްސަން ވަނީ ރާއްޖޭގެ ޓީސީއަށްވެސް ކުޅެފައެވެ.