ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތައް އދ. ހަންޏާމީދޫ، އދ. އޮމަދޫގެ އިތުރުން މ. ދިއްގަރާއި ފ. ނިލަންދު އަދި ފ. ބިލެއްދޫން ކާމިޔާބު ކޮށްފިއެވެ.
ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރު ފެށިގެން މިހާރު ކުރިއަށްދާ އިރު، ރޭ ކުޅެފައި ވަނީ މ. އަތޮޅާއި، ފ. އަތޮޅުގެ އިތުރުން އދ. އަތޮޅުގެ މެޗުތަކެވެ.
މ. އަތޮޅު އަދި އދ. އަތޮޅުންވެސް ކޮންމެ އަތޮޅަކުން މުބާރާތުގައި ހަ ޓީމު ބައިވެރިވެފައިވުމާ އެކު އެ ދެ އަތޮޅުގައި ފުރަތަމަ ކުޅޭ ލީގު ބުރު ކުޅޭނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ދެ ގުރޫޕުން، ގުރޫޕުގެ އެއްވަނަ ޓީމު ފައިނަލަށްދާ ގޮތަށް މ. އަތޮޅާއި އދ. އަތޮޅުގެ މެޗުތައް ތާވަލު ކޮށްފައިވާ އިރު، ޖުމުލަ ހަތަރު ރަށަކުން ބައިވެރިވި ފ. އަތޮޅުގެ ޗެމްޕިއަން ހޮވާނީ ލީގު އުސޫލުން ކުޅެގެންނެވެ.
މުބާރާތުގައި ރޭވެސް ވަނީ ހަ މެޗު ކުޅެފައެވެ. އެއީ މ. އަތޮޅު ދެ ގުރޫޕުގެ ދެ މެޗާއި އދ. އަތޮޅުގެ ދެ ގުރޫޕުގެ ދެ މެޗުގެ އިތުރުން ފ. އަތޮޅުގެ ދެ މެޗެވެ. މ. އަތޮޅުގެ ގުރޫޕް އެކެއްގައި މުއްޔާއި ކޮޅުފުށި ވާދަކުރި މެޗު 2-2 އިން އެއްވަރު ވެގެން ނިމުނު އިރު، ގުރޫޕް ދޭއްގައި ދިއްގަރުން ވަނީ 4-1 އިން ނާލާފުށި ބަލިކޮށްފައެވެ.
މުއްޔާއި ކޮޅުފުށި ކުޅުނު މެޗުގައި މުލީގެ ގޯލުތައް ޖަހައިދިނީ އަބްދުލް ސަލާމް އަބްދުލް ވައްހާބާއި ސާހު އަހުމަދެވެ. ކޮޅުފުށީގެ ދެ ގޯލު ޖަހައިދިނީ އާދަމް ނަސީމާއި އަލީ ރަޒީއެވެ. ދިއްގަރުން ނާލާފުށި ބަލިކުރި މެޗުގައި މޮޅަށް ކުޅެ ދިއްގަރުގެ އާދަމް ހަލީލް ދެ ގޯލު ޖެހި އިރު، އެޓީމުގެ އަނެއް ދެ ގޯލު ޖަހައިދިނީ މުހައްމަދު ސާގިބާއި އަލީ ވިޔާމްއެވެ. ނާލާފުށީގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު ފަޒީލެވެ.
އދ. އަތޮޅުގެ ގުރޫޕް އެކެއްގައި ހަންޏާމީދޫން ފަހަތުން އަރައި ފެންފުށި ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ފެންފުށީގެ މުހައްމަދު ޝަމްވީލު ގޯލެއް ޖަހައި އެޓީމަށް ލީޑު ނަގައިދިން ނަމަވެސް ފަހު ހާފުގައި ހަންޏާމީދޫގެ އަލީ އަހުލާމް ވަނީ ދެ ގޯލު ޖަހައި، މެޗުގެ ނަތީޖާ އަނބުރާލައިފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް އަހުލާމެވެ.
އދ. އަތޮޅުގެ ގުރޫޕް ދޭއްގައި ރޭ ކުޅުނީ ދަނގެއްޗާއި އޮމަދޫ ވާދަކުރި މެޗެވެ. އެ މެޗު އޮމަދޫ ކާމިޔާބު ކުރީ 2-1 އިންނެވެ. އޮމަދޫގެ ދެ ގޯލު އަލީ އަޒުމީއާއި އަހުމަދު އަހުސަމް ޖަހައިދިން އިރު، ދަނގެތީގެ ހަމައެކަނި ގޯލު ޖަހައިދިނީ އަހުމަދު ނަވީޒެވެ.
ރޭ ކުޅުނު އެންމެ ފަހު ދެ މެޗަކީ ފ. އަތޮޅުގެ ދެ މެޗެވެ. ނިލަންދޫން 3-0ގެ ނަތީޖާއަކުން ފީއަލި ބަލިކުރި އިރު، ދެން ކުޅުނު މެޗުގައި ބިލެއްދޫން މަގޫދޫ ބަލިކުރީ 1-0ގެ ނަތީޖާއަކުންނެވެ.
ނިލަންދޫގެ ގޯލުތައް އެޓީމަށް ޖަހައިދިނީ އީޖާޒް އަބްދުލް ގާދިރާއި އަހުމަދު ރިޒުވާން އިސްމާއީލް އަދި ފާރޫގު އިސްމާއީލެވެ. ފާރޫގަކީ ކުރިން ނިއު ރޭޑިއަންޓާއި މާޒިޔާ ޖާޒީގައި ފުރަތަމަ ޑިވިޝަނުން ފާހަގަވި ކުޅުންތެރިއެކެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް ފާރޫގެވެ. ނިލަންދޫގެ ކޯޗަކީ ކުރިން ގައުމީ ޓީމުގެ ފަހަތަށް ކުޅުނު ޑިފެންޑަރު ފަރުހާދު އިސްމާއީލް (ފަރޭ) އެވެ.
ރޭ ބިލެއްދޫން މަގޫދޫ ބަލިކުރި މެޗުގެ ހަމައެކަނި ގޯލު، ފުރަތަމަ ހާފުގައި ޖަހައިދިނީ ރިމާން އަލީއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ އޭނާއެވެ.
ޖުމުލަ 91 ޓީމަކުން މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ އިރު، މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސް އެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.
މިރޭ އޮންނާނީ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ އިތުރު ތިން މެޗަކާއެކު، ހއ. އަތޮޅާއި، ށ. އަތޮޅުގެ އިތުރުން ހދ. އަތޮޅުގެ ފައިނަލް މެޗުތަކެވެ.
- ކ. އަތޮޅު
ކ. އަތޮޅު (ގްރޫޕް 1)
20:15 ތުލުސްދޫ - ކާށިދޫ
ކ. އަތޮޅު (ގްރޫޕް 2)
21:15 ގާފަރު - މާފުށި
- ދ. އަތޮޅު
22:15 ބަނޑިދޫ - ކުޑަހުވަދޫ
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު