އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލުމަށްފަހު ފެންވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނު މަހުމޫދު އަބޫބަކުރުގެ ގާތިލް ޝާހް އަލޮމް މިއާ (ސާލިމް) މެރުމަށް ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފިއެވެ.
ދަނގެތީގެ ވިޔަފާރިވެރިއެއް ކަމަށްވާ، މަހުމޫދު މަރާލުމަށްފަހު ބޮލާއި ފައިގައި ގޯންޏެއް އަޅުވައި، ފަޅުގެއެއްގައި ހުރި ވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނީ ހުސްވި އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ އޮތް ސާފް ޗެމްޕިއަންޝިޕް މެޗަށްފަހު އޭނާ ގެއިން ނުކުމެގެންދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށެވެ.
މަހުމޫދުގެ ހަށިގަނޑު ފެނުނުއިރު 30 ތަނަކަށް ވަޅިން ހަމަލާދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލައިގައި ސާލިމްގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކޮށްފައިވެއެވެ. އެއީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާއެވެ.
މި މައްސަލައިގައި ސާލިމް ވަނީ ޝަރިއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފްވެފައެވެ. އަދި އެއީ ޝައިތޯނާ ކުރުވިކަމެއް ކަމަށް ބުނެ އޭނާ ވަނީ އެކަމަށް މައާފަށްވެސް އެދިފައެވެ.
މައްސަލައިގައި ހުކުމް އިއްވުމަށް މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ، ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ މަހުމޫދުގެ ހުރިހާ ވާރިސުން، އޭނާގެ މަރުގެ ބަދަލުގައި މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފައިވާތީ، އިސްލާމީ ޝަރީއަތާއި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ސާލިމް މެރުމަށް ހުކުމް ކުރާ ކަމަށެވެ.
އެހެންކަމުން އިސްލާމީ އުސޫލުތަކާ ހިލާފުނުވާ ގޮތެއްގެ މަތިން ސާލިމް މެރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އަންގާ ކަމަށް ގާޒީ ވިދާޅުވިއެވެ. އެ ހުކުމް ބަންގްލަދޭޝް ބަހުން ސާލިމަށް ވަނީ ތަރުޖަމާކޮށްދީފައެވެ.
އިސް ގާޒީ ވިދާޅުވީ އިއުތިރާފަކީ އެންމެ ވަރުގަދަ ހެކިި ކަމަށާއި ސާލިމްގެ މައްޗަށް ކުށް ސާބިތު ވަނީ އަމިއްލަ އިއުތިރާފުން ކަމަށެވެ. އަދި ހައްގަކާ ނުލައި މީހުން މެރުމަކީ އިސްލާމްދީނުގައި މަނާ ކުރައްވާފައިވާ ކަމެއް ކަމަށާއި މަހުމޫދު މަރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
އަދި ހުކުމް އިއްވުމަށްފަހު ސާލިމަށް ނަސޭހަތް ދެއްވަމުން ގާޒީ ވަނީ، މަރުގެ އަދަބު ކަނޑައެޅި ނަމަވެސް އެ ހުކުމް އިސްތިއުނާފުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވެފައެވެ.
މީހަކު މެރުމުގެ ދައުވާއަށް، މަރުގެ އަދަބު އިއްވުމުގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާގެ އަދަބެއްގެ ގޮތުން ސާލިމް، އެއް މަހާއި 24 ދުވަހަށް ޖަލަށްލުމަށްވެސް ކޯޓުން މިއަދު ހުކުމްކުރިއެވެ.
މަރުގެ އަދަބެއް ތަންފީޒު ކުރުމުގެ ކުރިން އިސްތިއުނާފުގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރަންޖެހޭނެ ކަމަށް ގާނޫނުގައި ވަނީ ކަނޑައަޅައިފައެވެ. މީގެ ކުރިން ރާއްޖޭގައި މަރުގެ އަދަބު ހަމައެކަނި ދިވެހިންނަށް ކަނޑައެޅި ނަމަވެސް މިއީ ބިދޭސީއަކަށް މަރުގެ ހުކުމް އިއްވި ފުރަތަމަ ފަހަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު