ރާއްޖޭގެ ކްލަބު ވެލެންސިއާއަށް ކުޅޭ ސްރީ ލަންކާގެ ޑިފެންޑަރު ޑަކްސަން ޕުލްސަން މަރުވި ހަބަރު ވެގެން ދިޔައީ ކުއްލި ހަބަރަކަށެވެ. "ޝޮކިން" ހަބަރަށެވެ. ރޭގެ ވަގުތެއްގައި ޑަކްސަންގެ މަރުގެ ހަބަރު މީޑިއާއަށް ތިލަވެގެން ގޮސްފައިވާ އިރު، ޑަކްސަންގެ ހަށިގަނޑު ފެނިފައިވަނީ އޭނާ ރާއްޖޭގައި ދިރިއުޅޭ އެޕާޓްމަންޓުންނެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ޑަކްސަން މަރުވެފައި ވަނީ ދަން ޖެހިގެންނެވެ. އޭނާ ދަންޖެހި މަރުވެފައި ހުއްޓައި ފެނުނީ ހަބަރެއް ނުވެގެން ބެލި ބެލުމުގައެވެ. ޑަކްސަންގެ މަރާ ގުޅިގެން އާއިލާގެ އިތުރުން ފުލުހުންވެސް އަދި ވަކި އެއްޗެއް ބުނެފައި ނުވާ އިރު، އެ މަރުގެ ހިތާމައިގައި ރާއްޖެއާއި ލަންކާ ފުޓުބޯޅަ އާއިލާ ޖެހިއްޖެއެވެ. އެކުގައި ކުޅުނު ކުޅުންތެރިންގެ ފަރާތުންވެސް ދިނީ އަސަރު ގަދަ މެސެޖުތަކެކެވެ.

"ވަން" އާ ވާހަކަ ދެއްކި ވެލެންސިއާ އޮފިޝަލަކު ރޭ ބުނެފައި ވަނީ ޑަކްސަން އެންމެ ފަހުން ކްލަބާއެކު ފަރިތަކުރީ ހުކުރު ދުވަހު ކަމަށާއި އިއްޔެ ދަ ގްރާންޑޭއާ ދެކޮޅަށް ކުޅުނު މެޗަށް އޭނާ ނޭރީ ކުރީ މެޗުގައި ލިބުނު އަނިޔާ ރަނގަޅު ނުވާތީ ކަމަށެވެ.

"ޑަކްސަން ޓީމާ އެންމެފަހުން ދިމާވީ އިއްޔެގެ ފަރިތަކުރުންތަކުން. ހަމަ ވަރަށް ވާހަކަ ދައްކާ ހެދި. ވަރަށް ރަނގަޅަށް ހުރީ. ބުނި ދެން މެޗެއް ކުޅެން ތައްޔާރުކަމަށްވެސް. އެއްވެސް އިތުރު ކަމެއް ފާހަގައެއް ނުވޭ،" ވެލެންސިއާ އޮފިޝަލު "ވަން"އަށް ބުންޏެވެ.

އިއްޔެ ވެލެންސިއާއިން ކުޅުނު މެޗަށް ޑަކްސަން ގޮސްފައެއް ނުވެއެވެ. މެޗަށް ނޭރި ނަމަވެސް، އަނިޔާގައި ތިބޭ ކުޅުންތެރިންވެސް އާންމުކޮށް ޓީމާއެކު ދަނޑަށް ދާނެއެވެ. އެހެން ނަމަވެސް އިއްޔެގެ މެޗު ބެލުމަށް ޑަކްސަން ދަނޑަށްވެސް ގޮސްފައެއް ނުވެއެވެ. ވެލެންސިއާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޑަކްސަންގެ ކުއްލި ވަކިވުމާއެކު ކްލަބަށް ހައިރާންކަން ލިބިފައިވާ ކަމަށާއި، ކްލަބުގެ މެނޭޖުމަންޓާއި ކޯޗިން ސްޓާފުން އަދި ކުޅުންތެރިންގެ ނަމުގައި އާއިލާއަށް ތައުޒިޔާ ފޮނުވާ ކަމަށެވެ.

ވެލެންސިއާއިން އިތުރަށް ބުނީ ޑަކްސަންއަކީ ޓީމުގެ ފަހަތުގެ ތަނބެއް ކަމަށާއި، ޑިފެންސުން ޑަކްސަން ނެތްތަން ވަރަށް ބޮޑަށް ދައްކާނެ ކަމަށެވެ. "ޑަކްސަންގެ ނަން ކްލަބުގެ ތާރީހުގައި ލިޔެލެވޭނީ ހަރުދަނާ، އެކުވެރި ވަރުގަދަ ލީޑަރެއްގެ ގޮތުގައި،" ކަމަށްވެސް ވެލެންސިއާއިން ބުންޏެވެ.

ޑަކްސަންގެ ވަކިވުމާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްވެސް ވަނީ އާއިލާއަށް ތައުޒިޔާ ފޮނުވައިފައެވެ. އޭގެ އިތުރުން ޑަކްސަންއާއެކު ކުރިން ޓީސީއަށް ކުޅުނު ކުޅުންތެރިންނާއި، ރާއްޖޭގައި އޭނާއާ ގާތް ރައްޓެހިންގެ ފަރާތުން އަސަރުގަދަ މެސެޖުތައް ސޯޝަލް މީޑިއާގައި ޕޯސްޓް ކޮށްފައިވެއެވެ.

"ޑަކްސަންއަކީ އަހަންނަށް ހަގީގީ ރައްޓެއްސެއް، އަދި ބޭބެއެއް ކަހަލަ މީހެއް. ދަނޑުމަތީގައި ހޭދަކުރި ވަގުތުތަކާއި ދަނޑު ބޭރުގައި ހޭދަކުރި ވަގުތުތައް ހަނދާނުގައި ހުންނާނެ،" ކުރިން ޑަކްސަންއާއެކު ޓީސީއަށް ކުޅުނު އިބްރާހީމް ވާހިދު (ވާޑު) ބުންޏެވެ.

ލަންކާ ފުޓުބޯޅަ ފެޑަރޭޝަނުން ބުނީ ޑަކްސަންއަކީ ގައުމީ ޓީމަށް އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށާއި، ކުއްލި ވަކިވުމުގެ ހިތާމައިގައި އާއިލާއަށް ތައުޒިޔާ ފޮނުވާ ކަމަށެވެ. ލަންކާ ގައުމީ ޓީމުގެ ކެޕްޓަން، ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބަށް މިވަގުތު ކުޅެމުންދާ ސުޖަން ޕެރޭރާވެސް ވަނީ އަސަރުގަދަ މެސެޖެއް ސޯޝަލް މީޑިއާއަށް ދޫކޮށްލައިފައެވެ.

"އަހަރެމެން ދެމީހުން އަބަދުވެސް ދެއްކި ވާހަކައަކީ ގިނަ މެޗުތަކަކުން މޮޅުވެ، ގިނަ ޓްރޮފީތަކެއް ހޯދައި، އެކުގައި ރިޓަޔާވާނެ ވާހަކަ. އެކަމަކު ޑަކްސަން ހަޔާތުން ތި ރިޓަޔާކުރީ އަހަންނާ އެއްވެސް ވާހަކައެއް ހިއްސާ ނުކޮށް. ހަނދާން ވާނެ. އަލްވަދާއު ކިޔަން،" ސުޖަން ބުންޏެވެ.

އޭގެ އިތުރުންވެސް ސްރީލަންކާ ގައުމީ ޓީމުގެ ތަރިން ކަމަށްވާ ކަވިންދޫ އިޝާން ފަދަ ކުޅުންތެރިންވެސް ވަނީ ޑަކްސަންގެ މަރާއެކު "ޝޮކް" އަކަށް ދިޔަ ކަމަށް ބުނެފައެވެ.

ޑަކްސަންއަކީ ލަންކާ ގައުމީ ޓީމުގެ އެންމެ މުހިއްމު އެއް ޑިފެންޑަރެވެ. ނިމިދިޔަ ފޯ ނޭޝަންސް ކަޕްގެ އިތުރުން ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕްގައިވެސް ޑަކްސަން ސްރީ ލަންކާއަށް މޮޅު ކުޅުމެއް ދައްކާފައިވާ އިރު، ވެލެންސިއާއަކީ އޭނާ ކުޅޭ ރާއްޖޭގެ ދެވަނަ ކްލަބެވެ. މީގެ ކުރިން ޑަކްސަން ވަނީ ރާއްޖޭގެ ޓީސީއަށްވެސް ކުޅެފައެވެ.