ރާއްޖޭގެ ކްލަބު ވެލެންސިއާއަށް ކުޅޭ ސްރީ ލަންކާގެ ޑިފެންޑަރު ޑަކްސަން ޕުލްސަން މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ޑަކްސަން މިވަގުތު ރާއްޖޭގައި ހުރި އިރު، އޭނާ މަރުވެފައި އޮއްވައި ފެނުނީ ދިރިއުޅޭ އެޕާޓްމަންޓްގައެވެ. އެނގިފައިވާ ގޮތުގައި އޭނާ މަރުވެފައިވަނީ ދަންޖެހިގެންނެވެ. އޭނާ ދަންޖެހި މަރުވެފައި ހުއްޓައި ފެނުނީ ހަބަރެއް ނުވެގެން ބެލި ބެލުމުގައެވެ.

ވެލެންސިއާ އޮފިޝަލަކު "ވަން" އަށް އެކަން ކަށަވަރު ކޮށްދީފައިވެއެވެ. "ވަން" އާ ވާހަކަ ދެއްކި އޮފިޝަލް ބުނެފައި ވަނީ ޑަކްސަން އެންމެ ފަހުން ކްލަބާއެކު ފިރިތަކުރީ އިއްޔެ ކަމަށާއި މިއަދު ދަ ގްރާންޑޭއާ ދެކޮޅަށް ކުޅުނު މެޗަށް އޭނާ ނޭރީ ކުރީ މެޗުގައި ލިބުނު އަނިޔާ ރަނގަޅު ނުވާތީ ކަމަށެވެ.

"ޑަކްސަން ޓީމާ އެންމެފަހުން ދިމާވީ އިއްޔެގެ ފަރިތަކުރުންތަކުން. ހަމަ ވަރަށް ވާހަކަ ދައްކާ ހެދި. ވަރަށް ރަނގަޅަށް ހުރީ. ބުނި ދެން މެޗެއް ކުޅެން ތައްޔާރުކަމަށްވެސް. އެއްވެސް އިތުރު ކަމެއް ފާހަގައެއް ނުވޭ،" ވެލެންސިއާ އޮފިޝަލު "ވަން"އަށް ބުންޏެވެ.

އެ މައްސަލައިގައި ކަން ހިނގިގޮތް ފުލުހުން ދަނީ ބަލަމުންނެވެ.

ޑަކްސަންއަކީ ލަންކާ ގައުމީ ޓީމުގެ އެންމެ މުހިއްމު އެއް ޑިފެންޑަރެވެ. ނިމިދިޔަ ފޯ ނޭޝަންސް ކަޕްގެ އިތުރުން ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕްގައިވެސް ޑަކްސަން ސްރީ ލަންކާއަށް މޮޅު ކުޅުމެއް ދައްކާފައިވާ އިރު، ވެލެންސިއާއަކީ އޭނާ ކުޅޭ ރާއްޖޭގެ ދެވަނަ ކްލަބެވެ. މީގެ ކުރިން ޑަކްސަން ވަނީ ރާއްޖޭގެ ޓީސީއަށްވެސް ކުޅެފައެވެ.