ރަޝިއާއާއި ޔޫކްރެއިންގެ ހަނގުރާމައަށް ދުނިޔޭގެ ކަޅި ހުއްޓުވާލައިފިއެވެ. ފަލަ ސުރުހީތަކުގައި އޮތީ ރަޝިއާއިން ޔޫކްރެއިނަށް ހަމަލާ ދޭ ވާހަކަތަކެވެ. ހަމަލާތަކުގެ ކުރިން ދެއްކި އެކި ވާހަކަތަކާއި، ހަމަލާތަކަށް ފަހު ދެކެވެމުންދާ ވާހަކަތަކަށް އެންމެންގެ ނަޒަރުވެސް ހުއްޓިއްޖެއެވެ.

ކޮންމެއަކަސް ހަމަލާތައް ފަށައި، ހަނގުރާމައެއްގެ ތެރެޔެށް ދެގައުމު ވެއްޓިއްޖެއެވެ. އެކަމުގެ ތަފްސީލުތައް އެތައް ގޮތަކުން ނޫސްތަކުން ގެނެސްދީފިއެވެ. އެ ތަފްސީލުތަކުގެ ތެރެއިން ބައެއް ސުރުހީތައް ކުޅިވަރާވެސް ގުޅެއެވެ. ޔޫރަޕްގެ ފުޓުބޯޅައާވެސް ގުޅެއެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ވާހަކައިން ކްލަބުތަކުގެ ސްޕޮންސަރުންގެ ވާހަކައެވެ. ރަޝިއާގައި ބާއްވަން އޮތް ކުޅިވަރު އިވެންޓްތަކާއި ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތަކުގެ ވާހަކަވެސް ވަރަށް ބޮޑަށް ދެކެވިއްޖެއެވެ. އަދި ކީއް ހެއްޔެވެ؟ ކުޅުންތެރިންވެސް ބަސްބުނެ، ހަނގުރާމައިގެ ތެރެއަށް ވަދެ ވާހަކަ ދައްކަމުން އެބަދެއެވެ.

އިއްޔެ ހެނދުނު ރަޝިއާއިން ޔޫކްރެއިންއަށް ދިން ހަމަލާތަކާއެކު އިނގިރޭސިވިލާތާއި ޔޫރަޕްގެ އެކުވެރި ގައުމުތަކުން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށް، ރަޝިއާއަށް ދަތިކުރަން ނިންމިއެވެ. އެ ވާހަކަތަކުގެ ތެރެއިން ޔޫރަޕްގެ ގާނޫނު ހަދާ މަޖިލިސް، އީޔޫގެ ޕާލިމަންޓްގައި ދެކެވުނު އެއްވާހަކައަކީ ކުޅިވަރުގެ އިވެންޓްތައް ރަޝިއާގައި ބޭއްވިޔަ ނުދޭން ދެއްކި ވާހަކަތަކެވެ.

ޔޫރަޕްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އެންމެ ބޮޑަށް އަލިއަޅުވާލީ މިއަހަރު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް ރަޝިއާގެ ޕީޓާސްބާގުގައި ބާއްވަން އޮތް އޮތުމަށާއި، އިތުރު ފުޓުބޯޅަ އިވެންޓްތައް ރަޝިއާއަށް ނުދިނުމުގެ މައްޗަށެވެ. އެ ވާހަކަތައް ޔޫއެފާ ރައީސާ ހަމައަށް ސިޓީއެއްގެ ޒަރީއައިން ވަނީ ފޮނުވާފައެވެ.

ސިޔާސީ ޕޯޑިއަމްތަކުން އެ ވާހަކަތައް ބޭރުވެ، ރަސްމީ އިދާރާތަކަށްވެސް ވަނީ ގޮސްފައެވެ. ބެލެވޭ ގޮތުގައި ރަޝިއާގައި އަންނަ މޭ 28 ވަނަ ދުވަހު ކުޅެން އޮތް ޗެމްޕިއަންސް ލީގުގެ ފައިނަލް އެހެން ގައުމަށް ބަދަލުކުރާނެއެވެ. އެކަމަށްޓަކައި ހާއްސަ އިމަޖެންސީ މީޓިންއެއް ޔޫއެފާއިން މިއަދު ބާއްވާ ގޮތަށްވެސް ވަނީ ހަމަޖައްސައިފައެވެ.

މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް ރަޝިއާގެ ކްލަބެއް ކަމަށްވާ ޒެނިތު ޕީޓާސްބާގުގެ ގެޒްޕްރޯމް އެރީނާގައި ހޯސްޓް ކުރަން ކުރިން ޔޫއެފާއިން ނިންމާފައިވާ ނަމަވެސް އެ ނިންމުން ބަދަލުކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އެ ފައިނަލް ގެންދާނެ އިތުރު ގައުމެއް އަދި ނޭނގުނު ނަމަވެސް ރަޝިއާއަށް ފައިނަލްގެ ފުރުސަތު ހަނިކުރާނެ ކަމަށް ބޭރުގެ މީޑިއާތަކުން ޔަގީންކަން ދެއެވެ.

ދެން އޮތީ ވޯލްޑް ކަޕަށް ކޮލައިފުމަށް ދެ ގައުމަށްވެސް ލިބިފައިވާ ޕްލޭ އޮފް ފުރުސަތުގެ ވާހަކައެވެ. ދެ ގައުމުވެސް އޮތީ ޕްލޭ އޮފް ކުޅެން ތައްޔާރު ވެގެންނެވެ. ރަޝިއާ ހިމެނޭ ޕްލޭ އޮފް ބްރެކެޓްގައި ސްވިޑެންއާއި ޗެކު ރިޕަބްލިކްގެ އިތުރުން ޕޮލެންޑް އޮތް އިރު، ރަޝިއާއަކީ ޕޮލެންޑާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗުގެ ހޯސްޓް ގައުމެވެ. އަނެއްކޮޅުން ޔޫކްރެއިން ހިމެނޭ ބްރެކެޓްގައި ސްކޮޓްލޭންޑާއި ވޭލްސްގެ އިތުރުން އޮސްޓްރިއާ އޮތް އިރު، ޔޫކްރެއިން ފުރަތަމަ މެޗުގައި ސްކޮޓްލޭންޑާ ދެކޮޅަށް ކުޅެން ޖެހެނީ ރަށުން ބޭރުގައި ހެމްޕްޑަން ޕާކުގައެވެ.

ރަޝިއާއިން ކޮލިފިކޭޝަންގައި ކުޅޭ މެޗު އަންނަ މަހު 24 ވަނަ ދުވަހު އޮތް އިރު، ޔޫކްރެއިންގެ ފުރަތަމަ މެޗުވެސް އޮތީ އެ ދުވަހުއެވެ. ޔޫކްރެއިންގެ ވައިގެ ސަރަހައްދު ބަންދުކޮށް ފްލައިޓްތައް ހުއްޓުމަކަށް އައިސްފައިވާ އިރު، ސުވާލުތައް އޮތީ އެފަދަ ހާލަތްތަކަށް ރިއާޔަތް ކޮށެވެ. ރަޝިއާގެ ބްރެކެޓްގައި ހިމެނޭ އަނެއް ތިން ޓީމުންވެސް ރަޝިއާގައި ކުޅެން ބޭނުން ނުވާ ކަމަށް ބުނެ، އެކަމަށް ހައްލު ހޯދައިދޭން ފީފާގައި އެދިފައިވާ އިރު، ފީފާއިންވެސް ވަނީ އެކަށް މިހާރު ވާހަކަ ދައްކައިފައެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ ހަނގުރާމައަކީ ހައްލެއް ނޫން ކަމަށާއި، ދެގައުމަށްވެސް ސުލްހައަށް ރުޖޫއަވާން ގޮވާލައްވާ ކަމަށެވެ. އިންފެންޓީނޯ އިތުރަށް ވިދާޅުވީ ފުޓުބޯޅައަކީ ފީފާގެ މައިގަނޑު އަސާސް ނަމަވެސް، ދުނިޔޭގެ އެކިއެކި ކަންކަމުގެ ހާލަތު ބަލައި، އެކަންކަމަށް ރިއާޔަތްކޮށް، ކަންކަމުގެ ހައްލު ހޯދުމަކީވެސް ފީފާގެ މަސްއޫލިއްޔަތެއް ކަމަށް ދެކޭ ކަމަށެވެ.

"ފުޓުބޯޅައަކީ ފީފާގެ އެންމެ ބޮޑު މަސްއޫލިއްޔަތު ނަމަވެސް އެކިއެކި ކަންކަމުގެ ހަބަރުތައް ހޯދައި، އެކަންކަމަށް ހައްލު ހޯދޭނެ މަގުތަކަށް ބާރު އެޅުންވެސް އެއީ ފީފާގެ ރޯލެއް. ފީފާއިން ގޮވާލާނީ ހައްލު ހޯދުމަށް. ހަމަޖެހުން ގާއިމް ކުރުމަށް. ހާލަތު ކައިރިން ބަލަމުން އަންނަ ކަމަށް ދަންނަވަން. ފީފާގެ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތަކަށް ނިންމާ ނިންމުމެއް ވަރަށް އަވަހަށް ހާމަކުރެވޭނެ،" އިންފެންޓީނޯ ވިދާޅުވިއެވެ.

ރަޝިއާގެ ބައެއް ޓީމުތަކުން ޔޫރަޕްގެ ކޮންފަރެންސް ލީގު އަދި ޔޫރޮޕާ ލީގުގައިވެސް ކުޅެމުން ދެއެވެ. ޔޫއެފާއިން ވަނީ ރޭ ޒެނިތުން ސްޕެއިންގައި ކުޅުނު ޔޫރޮޕާ ލީގުގެ ގަދަ 32 ގެ މެޗަށް ފުރުސަތު ދީފައެވެ. އެ މެޗުގައި ޒެނިތު ނުކުތީ ރެއާލް ބެޓިސްއާ ދެކޮޅަށެވެ. ރޭގެ މެޗަށް ފުރުސަތު ދިން ނަމަވެސް ޔޫރަޕްގެ މުބާރާތްތަކުން ރަޝިއާގެ ޓީމުތަކަށް ދޭނެ ފުރުސަތަށްވެސް މިއަދު ގޮތް ނިންމާނެ ކަމަށް ބެލެވެއެވެ.

މި ހަފުތާއަކީ ވިންޓާ ބްރޭކަކަށްފަހު ޔޫކްރެއިންގެ ފުޓުބޯޅަ ލީގު އަލުން ފަށަން އޮތް ހަފުތާ ނަމަވެސް އެކަން ކުރިއަކަށް ނުދާނެއެވެ. އިއްޔެގެ ހަމަލާތަކާއެކު ޔޫކްރެއިންގައި މާޝަލް ލޯ އިއުލާންކޮށް، ކުޅިވަރު ހުއްޓުވައިފިއެވެ. މިހާރު އޮތީ އެގައުމުގެ ފުރަތަމަ ޑިވިޝަންގެ ފުޓުބޯޅަ ހުއްޓުވައިފައެވެ. އެތަކެއް ކުޅުންތެރިންނަކާއި ކޯޗުންނެއް ތިބީ މާޔޫސްކަމުގައެވެ.

ފުރަތަމަ ކަމަކަށް ޔޫކްރެއިން ގައުމީ ޓީމުން އަންނަ މަހު ކުޅެން އޮތް ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗަށް ތައްޔާރުވުން މުހިއްމެވެ. އެހެން ނަމަވެސް ލީގު ހުއްޓުމާއެކު އެކަމަށް ވަނީ އުނދަގޫތަކެއް ދިމާވެފައެވެ. އެއީ ގައުމީ ޓީމަށް އެންމެފަހުން ނެގި 23 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނުނު 15 ކުޅުންތެރިންނަކީ ޑޮމެސްޓިކް ލީގުގައި ކުޅޭ ކުޅުންތެރިންނަށްވެސް ވާތީއެވެ.

ދެން އޮތް ވާހަކައަކީ ޔޫކްރެއިންގެ ކްލަބުތަކަށް ކުޅޭ ކުޅުންތެރިންނަށް އައި ބިރުވެރިކަމާއި، އެ އެތުލީޓުންގެ މުސްތަގުބަލު އޮތް ގޮތުގެ ވާހަކައެވެ.

"އަހަރެންގެ އާއިލާއާއި އަހަންނަށް މިއީ ވަރަށް އުނދަގޫ ހާލަތެއް. މިއީ ގަބޫލުކުރެވޭނެ ހަނގުރާމައެއްވެސް ނޫން. އަހަރެން މިއަދު ހެނދުނު ފުރަން އޮތް ނަމަވެސް ހަނގުރާމައިގެ ސަބަބުން މިހުރީ ގައުމުގައި ތާށިވެފައި. އަހަރެން ގަބޫލުކުރަނީ ހަނގުރާމައިން މިންޖުވެ، ސުލްހަ ގާއިމު ކުރެވޭނެ ކަމަށް،" 2016 ވަނަ އަހަރުން 2019 ވަނަ އަހަރަށް ޝަކްތާ ޑޮނެސްކްގެ ކޯޗުކަން ކުރި ޕޯޗުގަލްގެ ޕައުލޯ ފޮންސެކާ ޔޫކްރެއިންގެ ވެރިރަށް ކިއޭވްގައި ހުރެ ބުންޏެވެ.

ފޮންސެކާއަކީ ޔޫކްރެއިންގެ އަންހެނަކާ ކައިވެނިކޮށްގެން އެގައުމުގެ ވަޒަންވެރިއެއްގެ ގޮތުގައި ދިރިއުޅޭ ޔޫރަޕްގެ މަޝްހޫރު ކޯޗެއްވެސް މެއެވެ. އޭނާގެ އިތުރުން މިހާރު ޝަކްތާ ޑޮނެކްސްގައި ހުރި އިޓަލީގެ ކޯޗު ރޮބާޓޯ ޑެ ޒާބީ ވެސް ވަނީ އޭނާގެ ބައެއް ތަޖުރިބާތައް ހިއްސާ ކޮށްފައެވެ.

"އަހަރެން މިއަދު އެއްކޮށް މިހުރީ ދިރިއުޅޭ ކޮޓަރީގައި. މިއީ އުނދަގޫ ދުވަހެއް. އަހަރެން ޔޫކްރެއިން ދޫކޮށް ނުދާން ހުރީ އިދާރާތަކުން ސީޒަން މެދުކަނޑާނުލައި އޮތުމުން. ކުރިން އޮތް ގޮތުން މި ހަފުތާގެ ހޮނިހިރު ދުވަހު އަހަރެމެންގެ މެޗު އޮންނާނެ. އެހެންވެ ސަޕޯޓަރުންނަށްޓަކައި ގައުމު ދޫކޮށް ނުގޮސް ހުރީ. އެކަމަކު މިހާރު މިހުރީ ތާށިވެފައި،" ޒާބީ ބުންޏެވެ.

އޭގެ އިތުރުން ޔޫކްރެއިންގެ ލީގުގައި ކުޅޭ ބްރެޒިލްގެ 13 ކުޅުންތެރިޔަކުވެސް ވަނީ އެނބުރި ގައުމަށް ދިޔުމަށް އެހީއަށް އެދިފައެވެ. އެއާޕޯޓްތައް ބަންދުވެ، ވައިގެ ދަތުރުތައް ޔޫކްރެއިންގައި ހުއްޓިފައި އޮތް އޮތުމުން އެގައުމުގެ ފުޓުބޯޅައަށް ދަނީ ބޮޑެތި އަސަރުތަކެއް ކުރަމުންނެވެ.

"ވީ އެންމެ އަވަހަކަށް ދާން ބޭނުންވޭ. ކްލަބުން އެހީވިޔަސް މިކަން ވާނެ ކަމަށް ބެލެވޭ. އެހެންވެ ދޭ މެސެޖެއް މިއީ،" ޔޫކްރެއިން ލީގުގައި ކުޅޭ ބްރެޒިލްގެ ޑިފެންޑަރު މާލޮން ކުރި ޕޯސްޓެއްގައި ވެއެވެ. އެ ޕޯސްޓާއެކު ހިއްސާ ކޮށްފައިވާ ފޮޓޯގައި ޔޫކްރެއިން ލީގުގައި ކުޅޭ ބްރެޒިލްގެ ގިނަ ކުޅުންތެރިން ފެނެއެވެ.

އިނގިރޭސިވިލާތުން ރަޝިއާއަށް ކުރިމަތިކުރުވާނެ އެންމެ ބޮޑު ފިއްތުންތަކަކީ އިގުތިސާދީ ދަތިކުރުން ކަމަށް ޕްރައިމް މިނިސްޓަރު ބޮރިސް ޖޯންސަން ވަނީ ވިދާޅުފައެވެ. ބޮރިސްގެ އެ ވާހަކައަށް ބާރު ދޭ އަމަލުތަކެއް ފުޓުބޯޅަ ޑީލްތަކުންވެސް ފެނިގެން ދާން ފަށައިފިއެވެ. އެގޮތުން އިނގިރޭސި ފުޓުބޯޅައިގައި އެންމެ ވަރުގަދަ އެއް ބްރޭންޑް، މެންޗެސްޓާ ޔުނައިޓެޑުން ވެސް ވަނީ ވަރުގަދަ ނިންމުމެއް ނިންމަން ތައްޔާރުވެފައެވެ. އޭގެ އިތުރުން ޖަރުމަނު ކްލަބުތަކުންވެސް ވަނީ ރަޝިއާއަށް ދަތިކުރުމުގެ ގޮތުން ބައެއް ސްޕޮންސާޝިޕް ޑީލްތަކުގެ އެއްބަސްވުން ބާތިލުކުރަން ނިންމައިފައެވެ.

އިނގިރޭސިވިލާތުން ރަޝިއާގެ ވިޔަފާރިތަކާ އޮތް ގުޅުން ކަނޑާލަން ބޮރިސް ނިންމަވާފައިވާ ކަމަށް ނޫސްތަކުން ބުނެފައިވާ އިރު، އެ އުސޫލުތަކާއެކު ޔުނައިޓެޑަށް ވަނީ ކްލަބުގެ ޒަމާންވީ ޕާޓްނަރެއް ކަމަށްވާ ރަޝިއާގެ އެއިރޯލޮފްޓްގެ ސްޕޮންސަރޝިޕް އުވުމާ ގާތްވެފައެވެ. 2013 ވަނަ އަހަރުން ފެށިގެން ޔުނައިޓެޑްގެ އެންމެ ބޮޑު އެއް ސްޕޮންސަރުގެ ގޮތުގައި އެއިރޯލޮފްޓް އެއާލައިން އޮތް އިރު، މިއަދު އެ ކުންފުނި އިނގިރޭސިވިލާތުން ބޭން ކުރާނެ ކަމަށް ބެލެވެއެވެ.

ރަޝިއާ ސަރުކާރުގެ އެންމެ ބޮޑު އެއް ހަކަތަ ކުންފުނި ކަމަށްވާ ގެޒްޕްރޯމް ކުންފުންޏަށްވެސް ވަނީ ހަނގުރާމައިގެ ލޮޅުން އައިސްފައެވެ. އެގޮތުން ޖަރުމަނުގެ ކްލަބެއް ކަމަށްވާ ޝާލްކޭގެ ޖާޒީ ފްރޮންޓްގައި ޖަހާފައިވާ ގެޒްޕްރޮމް ލޯގޯ، ކްލަބުގެ ނަމަށް ބަދަލުކުރަން އެ ކްލަބުން ވަނީ ނިންމައިފައެވެ. އެހެންކަމުން ޝާލްކޭއާއި ގެޒްޕްރޯމްގެ އެއްބަސްވުން އެހިސާބުން ނިންމާލާނެ ކަމަށް ބެލެވެއެވެ.

ރޭ ޔޫއެފާ ޔޫރޮޕާ ލީގުގައި ބާސެލޯނާއާއި ނަޕޯލީ ކުޅުނު މެޗުގެ ކުރިން ދެ ޓީމުން ހިފެހެއްޓި ބެނާގައި ވަނީ ހަނގުރާމައަށް ނޫނެކޭ ބުނުމަށެވެ. އެކަމުގައި، ޑޯޓުމަންޑު ފަދަ ކްލަބުތަކުން ބައިވެރިވެފައިވާ އިރު، ޖަރުމަނުގެ ކްލަބުތައް ތިބީ އީޔޫގެ ސްޓޭންޑުގައި ޔޫކްރެއިންއާ އެކުގައެވެ.

ހަނގުރާމައިގެ މައްސަލައިގެ ތެރެއަށް މެސުޓް އޮޒިލް ފަދަ ކުޅުންތެރިންވެސް ވަދެ ޕޯސްޓް ކޮށްފައިވާ އިރު، ރަޝިއާގެ މަޝްހޫރު ކުޅުންތެރިއެއް ކަމަށްވާ ފެޑޯ ސްމެލޯވް ވަނީ އަމިއްލަ ގައުމުގެ ހަމަލާތަކާ ދެކޮޅުކަން މީސް މީޑިއާގައި ހާމަކޮށްފައެވެ. ހަނގުރާމަ ނުކުރުމަށް ޕޯސްޓެއްގައި ޖަހައި އޭނާ މީސް މީޑިއާއަށް ދޫކޮށްލި މެސެޖުގައި ޔޫކްރެއިން ދިދަ ޖަހާފައިވެއެވެ.

ޔޫކްރެއިންގެ ގައުމީ ޓީމުގެ ކުޅުންތެރިންނާއި އެގައުމަށް ނިސްބަތްވާ އެހެން ލީގުތަކަށް ކުޅޭ ކުޅުންތެރިން ގައުމާ އެކު ތިބިކަން ހާމަކޮށް ޕޯސްޓްތައް ކޮށްފައިވާ އިރު، ގައުމީ ޓީމުގެ ކޯޗުކަންވެސް ކުރި، އެގައުމުގެ ފުޓުބޯޅަ ލެޖެންޑް އަންދްރޭ ޝެވްޗެންކޯވެސް ވަނީ ވަރުގަދަ މެސެޖެއް ދީފައެވެ.

"ޔޫކްރެއިންއަކީ އަހަރެންގެ އުފަން ފަސްގަނޑު. މި ގައުމުގެ ރައްޔިތުންނަށްޓަކައި އަހަރެން އަބަދުވެސް ފަހުރުވެރިވަން. މިއަށްވުރެ އުނދަގޫ ހާލަތްތަކުންވެސް އަހަރެމެން އަރައިގަނެފިން. ޔޫކްރެއިނަށް މިވީ 30 އަކަށް އަހަރު ދުވަހު ފެނިފައި ވާނީ ބުރަކޮށް މަސައްކަތްކުރާ، ހިތްހަމަޖެހުމާއި، އަމިއްލަ މިނިވަން ކަމަށް ލޯބިކުރި ރަތްޔިތުންތަކެއް. މިއަދުވެސް ދައްކަންވީ ސާބިތުކަމަކީ އެއީ. އެކުއެކީ އަތުގުޅާލަންވީ. އެކުގައި ޔޫކްރެއިން ކާމިޔާބީ ހޯދާނެ،" ޝެވްޗެންކޯ ލިޔެފައިވެއެވެ.

އޭގެ އިތުރުންވެސް ގެރީ ލިނެކާއާއެކު އެތައް ލެޖެންޑަރީ ކުޅުންތެރިންނެއް ވަނީ ރަޝިއާ ކުށްވެރިކޮށް ވާހަކަ ދައްކައިފައެވެ.

ހަމަލާތަކާއެކު ޔޫކްރެއިންގެ ހުރިހާ ކުޅިވަރެއް ހުއްޓުވި ނަމަވެސް ރަޝިއާއަށް އޮތީ ފިއްތުންތަކެވެ. ރަޝިއާގެ ކުޅިވަރަށް ހުއްޓުމެއް ނައި ނަމަވެސް މަޝްހޫރު ނަންތަކުން ދަނީ ރަޝިއާއާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ.

ރަޝިއާގެ ސޮޗީގައި ކޮންމެ އަހަރަކު ބާއްވާ ގްރާން ޕްރީ ފޯމިއުލާ ވަން ޓުއާގެ ވާހަކަވެސް ދެކެވެން ފަށާފައިވާ އިރު، މަޝްހޫރު ޑްރައިވަރުން ކަމަށްވާ ސެބެސްޓިއަން ވެޓެލްއާއި އެސްޓޮން މާޓިންވެސް ވަނި މިއަހަރުގެ މުބާރާތް ރަޝިއާގައި ބާއްވާނަމަ ބޮއިކޮޓް ކުރާނެ ކަމަށް ބުނެފައެވެ.

އޭގެ އިތުރުން މިއަހަރު ރަޝިއާގައި ބާއްވަން އޮތް ފިރިހެން ވޯލްޑް ވޮލީބޯޅަ ޗެމްޕިއަންޝިޕާ ދޭތެރޭ ގޮތެއް ނިންމަން ހާލަތު ބަލަމުން އަންނަ ކަމަށް ދުނިޔޭގެ ވޮލީ ފެޑަރޭޝަނުން ވަނީ ބުނެފައެވެ. ސެއިންޓް ޕީޓާސްބާގާއި، މޮސްކޯ، ނޮވޮސިބާސްކް، ޔޫފާ، ޔެކަޓަރިންބާގުގެ އިތުރުން ކްރަސްނޮޔާސްކް، ކަލިނިންގާޑް، ކަޒާން އަދި ޔަރޮސްލޭވް ބާއްވާ ގޮތަށް މުބާރާތް ތާވަލު ކޮށްފައި އޮތް ނަމަވެސް ހާލަތު އޮތް ގޮތުން އެ މުބާރާތްވެސް ރަޝިއާއަށް ގެއްލުން ގާތެވެ.

ޔޫރަޕްގެ ބާސްކެޓް ލީގުގައިވެސް ރަޝިއާގެ ކްލަބުތަކުން ތަމްސީލުކުރާ އިރު، އެ ކްލަބުތަކަށް ކުޅޭ އެމެރިކާ ކުޅުންތެރިންނަށް ރަޝިއާގައި މަޑުކުރެވޭނެ ކަމުގެ ޔަގީންކަމެއް އަދި ނެތެވެ. އޭގެ އިތުރުން އޮލިމްޕިކްސް ފަދަ ބޮޑެތި އިވެންޓްތަކުގައި ގައުމު ތަމްސީލުކުރާ ރަޝިއާ އަދި ޔޫކްރެއިންގެ އެތުލީޓުންވެސް ގައުމުން ބޭރުވާން މަސައްކަތް ކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވެއެވެ. އެ އެތުލީޓުންވެސް ވަނީ ގައުމުގެ ދިފާއުގައި ވާހަކަ ދައްކައިފައެވެ. އެހެން ނަމަވެސް މައިގަނޑުކޮށް ހުރިހާ އެތުލީޓުންގެ ނަޒަރަކީވެސް ހަނގުރާމަ ހުއްޓާލުމެވެ.

ޔޫރަޕްގެ ކުޅިވަރުގެ ތެރޭގައި ރަޝިއާއާއި ޔޫކްރެއިންގެ ބައިވެރިވުންވެސް ބޮޑުކޮށް އެބައޮތެވެ. ވިޔަފާރީގެ ނަޒަރުގެ ބޭރުން އެތުލީޓުންގެ ނަޒަރުން ބެލިއަސް، ކުއްލިއަކަށް އައި ހަނގުރާމައިގެ ބަދަލާއެކު ކުޅިވަރަށްވެސް އަސަރުތަކެއް ކޮށްފިއެވެ. ހާއްސަކޮށް ރަޝިއާއާއި ޔޫކްރެއިންގެ ކުޅިވަރަށެވެ. ޖުމްލަކޮށް ޔޫރަޕްގެ ކުޅިވަރަށްވެސް އަސަރުތަކެއް އެކިއެކި ގޮތްގޮތުން ކޮށްފިއެވެ.