ރަޝިއާގެ ސެއިންޓް ޕީޓާސްބާގުގައި ބާއްވަން އޮތް މިއަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް އެހެން ގައުމެއްގައި ބާއްވަން ޔޫއެފާއިން ނިންމާފައިވާ ކަމަށް ހަބަރުތައް ބުނެފިއެވެ.
މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް އަންނަ މޭ މަހުގެ 28 ވަނަ ދުވަހު ރަޝިއާގެ ކްލަބެއް ކަމަށްވާ ޒެނިތު ޕީޓާސްބާގުގެ ގެޒްޕްރޯމް އެރީނާގައި ހޯސްޓް ކުރަން ކުރިން ޔޫއެފާއިން ނިންމާފައިވާ ނަމަވެސް އެ ނިންމުން ބަދަލުކުރާނެ ކަމަށް ވަރަށް ބޮޑަށް ވަނީ ބެލެވިފައެވެ. ބީބީސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެ ނިންމުން ރަސްމީކޮށް ނިންމާނީ ޔޫއެފާއިން މާދަމާ ބާއްވާ އެމަޖެންސީ މީޓިންގައެވެ.
ޔޫއެފާއިން އެ ނިންމުން ނިންމަން ގަސްދު ކޮށްފައި ވަނީ ރަޝިއާއިން ޔޫކެރެއިނަށް ހަމަލާތައް ދިނުމަށް ހަނގުރާމަ އިއުލާން ކޮށްފައިވާތީއެވެ. ޔޫކްރެއިންގައި ހާއްސަ އަސްކަރީ އޮޕަރޭޝަނެއް ހިންގަން ނިންމަވާފައިވާކަން ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން މިއަދު ހެނދުނު އިއުލާނު ކުރެއްވިތާ ގިނަ އިރުތަކެއް ނުވެ، ރަޝިއާގެ ސިފައިން ޔޫކްރެއިނަށް ހަމަލާދޭން ފަށާފައިވާ އިރު، އެ ސަރަހައްދުގެ މަޝްހަރު ވަނީ ހޫނުވެފައެވެ.
ރަޝިއާގެ މައްސަލައިގައި ދުނިޔޭގެ އެކިއެކި ބޮޑެތި ގައުމުތަކުންވެސް ފިޔަވަޅުތައް އަޅަމުންދާ އިރު، ޔޫކެރެއިނާއި ރަޝިއާގެ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ ފުޓުބޯޅައަށްވެސް އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.
ޔޫއެފާގެ އިތުރުން ފީފާއިންވެސް މާދަމާ ރަޝިއާ އަދި ޔޫކުރެއިންގެ ފުޓުބޯޅަ ފެޑަރޭޝަނާ މަޝްވަރާތައް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ. އެ މަޝްވަރާތަކުގެ އެންމެ ބޮޑު ބޭނުމަކަށް ވާނީ އަންނަ މަހު ދެގައުމުންވެސް ކުޅެން އޮތް ޔޫއެފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ފަހު މެޗުތަކާ ގުޅޭގޮތުން ވަކި ގޮތެއް ނިންމުމެވެ.
ވޯލްޑް ކަޕްގެ ޕްލޭ އޮފްގައި ރަޝިއާއިން އަންނަ މަހުގެ 24 ވަނަ ދުވަހު ޕޮލެންޑާ ދެކޮޅަށް ކުޅެން އޮތް އިރު، އެ ދުވަހު ޔޫކްރެއިން ކުޅެން އޮތް މެޗުގައި ވާދަކުރާނީ ސްކޮޓްލޭންޑާ ދެކޮޅަށެވެ. ރަޝިއާއިން އަމިއްލަ ގައުމުގައި ފުރަތަމަ މެޗު ކުޅެން އޮތް ނަމަވެސް ޔޫކްރެއިން އެދުވަހު ކުޅެން ޖެހޭނީ ސްކޮޓްލޭންޑްގައެވެ.
ވިންޓާ ބްރޭކަކަށްފަހު މި ހަފުތާގައި ޔޫކްރެއިންގެ ޑޮމެސްޓިކް ލީގު ފަށަން އޮތް ނަމަވެސް ލީގު ވަނީ ސަސްޕެންޑް ކޮށްފައެވެ. ލީގު ސަސްޕެންޑް ވެފައި ބާއްވަން ޖެހިއްޖެ ނަމަ ގައުމީ ޓީމަށް އޭގެ އަސަރުކުރާނެއެވެ. އެއީ ގައުމީ ޓީމަށް އެންމެފަހުން ނެގި 23 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނުނު 15 ކުޅުންތެރިންނަކީ ޑޮމެސްޓިކް ލީގުގައި ކުޅޭ ކުޅުންތެރިންނަށް ވާތީއެވެ.
ޗެމްޕިއަންސް ލީގު ފައިނަލް ރަޝިއާއިން ބޭރުގައި ބާއްވާނެ ވަކި ގައުމެއް އަދި ޔޫއެފާއިން ނިންމާފައި ނުވާ ކަމަށް ހަބަރުތައް ބުނެއެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލް އެހެން ގައުމަކަށް ގެންދަން ޔޫއެފާއިން ގަސްދު ކޮށްފައިވީ ނަމަވެސް މިރޭ ޔޫރޮޕާ ލީގުގައި ޒެނިތާއި ރެއާލް ބެޓިސް، ރަޝިއާގައި ކުޅޭ މެޗު ކުރިއަށް ދާނެ ކަމަށް ޔޫއެފާއިން ވަނީ ބުނެފައެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު