ބަލައި ފާސްކުރުމުގެ އަމުރާއި ހައްޔަރުކުރުމުގެެ އަމުރު ނެރެދިނުމުގެ އިހުތިސޯސް ލިބިދީފައިނުވާ ކޯޓަކުން ނެރޭ އަމުރެއްގެ މައްޗަށް ބިނާކޮށް ހޯދާ ހެކިތައް ގާނޫނާ ހިލާފުވިޔަސް އެ ހެކިތައް ބަލައިގަނެވޭނެ ހާލަތްތަކެއް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައެޅީ މިއަދު އެ ކޯޓުން ބެލި ތިން ގަޒިއްޔާއެއްގައެވެ. އެ ތިން ގަޒިއްޔާ ވެސް ބަލައި ހުކުމް ކޮށްފައިވަނީ އެއް މައްސަލައެއްގެ ގޮތުގައެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ޖޫން މަހުގެ ހަތަރު ވަނަ ދުވަހުގެ 3:10 ހާއިރު ހުޅުމާލެ ގޯތި ނަމްބަރު 10361 (ޕިންކްޕާލް) އަހުމަދު ރަޝީދާއި އިތުރު ބަޔަކު ގުޅިގެން އެގޭގެ ގްރައުންޑު ފްލޯގައި މަސްތުވާތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އަހުމަދު ރަޝީދުގެ މައްޗަށް ދައުލަތުން ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ ވަނީ ކޮށްފައެވެ.

އަހުމަދު ރަޝީދުގެ މައްޗަށް ތުހުމަތުކުރެވޭ އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ހުޅުމާލެ މެޖިސްޓްރޭޓު ކޯޓު އަމުރެއްގެ ދަށުން އެކިފަހަރު މަތިން އޭނާ ހައްޔަރުކޮށްފައެވެ. 2019 ވަނަ އަހަރުގެ ޖޫން މަހުގެ ހަ ވަނަ ދުވަހު އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލެ ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ. ނަމަވެސް ހުޅުމާލެ ކޯޓަކީ އެފަދަ އަމުރެއް ނެރެވޭނެ ކޯޓެއް ނޫނެވެ.

ހުޅުމާލެ މެޖިސްޓްރޭޓު ކޯޓުން ބަންދުގެ މުއްދަތު އިތުރުކުރުމުން އަހުމަދު ރަޝީދުގެ ފަރާތުން ވަނީ އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ހައި ކޯޓުން ހުކުމްކުރީ ހުޅުމާލެ ކޯޓަށް ބަންދުގެ މުއްދަތު އިތުރުކުރުމުގެ އަމުރު ނުނެރެވޭނެ ކަމަށެވެ. އެހެންވެ ހައި ކޯޓުގެ އެ ނިންމުން ދައުލަތުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ސުޕްރީމް ކޯޓުން އެ މައްްސަލަ ބެލުމަށްފަހު އަމުރުކުރީ ހައި ކޯޓުގެ އަމުރު ސައްހަ ކަމަށެވެ. އެހެންވެ އަލީ ރަޝީދު ވަނީ ބަންދު ދޫވެފައެވެ. އޭނާ ބަންދުން ދޫކޮށްލިޔަސް ދައުލަތުން ވަނީ އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ފަހުން ކޮށްފައެވެ. އެ ދައުވާގެ ޝަރީއަތް ކުރިއަށް ދިޔައީ ހުޅުމާލެ މެޖިސްޓްރޭޓު ކޯޓުގައެވެ.

ދައުވާއަށް ޖަވާބުދާރީވަމުން އަހުމަދު ރަޝީދު ބުނެފައިވަނީ އޭނާގެ މައްޗަށް ކުށް ސާބިތުކުރަން ހެކި ހޯދާފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެ ވާހަކައަށް ތާއިދުކޮށް ހުޅުމާލެ މެޖިސްޓްރޭޓު ކޯޓުން ނިންމީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށެވެ. ދައުލަތުގެ ފަރާތުން އެ މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން، ހައި ކޯޓުން ވެސް ތާއިދުކުރީ ހުޅުމާލެ މެޖިސްޓްރޭޓު ކޯޓުގެ ނިންމުމަށެވެ.

ހައި ކޯޓުގެ އެ ހުކުމް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ގާނޫނާ ހިލާފަށް ހޯދާ ހެކިތައް ބޭނުން ކުރެވޭނެ ހާލަތްތަކެއް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ.

  • މުސްތަގިއްލު ތިންވަނަ ފަރާތަކުން / އެހެން ތަހުގީގަކުން ލިބޭ ހެކި
  • ގާނޫނާ އެއްގޮތަށް އަމަލުކުރި ނަމަވެސް ފެންމަތިނުވެ ނުދާނެ ހެކިި
  • ގާނޫނު ތަންފީޒު ކުރާ ފަރާތުގެ ހެޔޮ ނިޔަތުގައި ކުރާ އަމަލެއްގެ ސަބަބުން ލިބޭ ހެކި

އެކަންކަމަށް ރިއާޔަތްކޮށް އެ މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނީ، ހުޅުމާލެ މެޖިސްޓްރޭޓު ކޯޓުން އަމުރެއް ހޯދައިގެން އަހުމަދު ރަޝީދު ދިރިއުޅޭ ގެ ފުލުހުން ބަލައި ފާސްކޮށްފައިވަނީ ހެޔޮ ނިޔަތުގައި ކަމަށެވެ. ހެޔޮ ނިޔަތުގައި ހޯދާ ހެކި އެމެރިކާގެ ކޯޓުތަކުން ވެސް ބަލައިގަންނަ ކަމަށް ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ. ހުކުމުގައިވާ ގޮތުން މީހެއްގެ އަސާސީ ހައްގުތަކާ ގުޅުމެއް ނެތް، އަދި މައްސަލައިގެ މައުލޫއަށް އަސަރު ނުކުރާނެ، ގޯސް ރަނގަޅު ކުރުމުގެ ފުރުސަތު އޮތް އިޖުރާއީ ގޯސްތައް ރަނގަޅު ކުރުމުގެ ފުރުސަތު ގާނޫނު ތަންފީޒުކުރާ އިދާރާތްތަކަށް ދިނުމަކުން މައްސަލައެއް ނެތް ކަމަށެވެ.

ކޮންމެ އިޖުރާއީ ގޯހަކީ އެކަމުގެ ސަބަބުން މައްސަލައިގެ މައުލޫއަށް އަސަރުކުރާނެ ކަމެއް ނޫން ކަމަށާއި، ހިލާފުވި އިޖުރާއަތަކީ ފުރިހަމަ ކުރުމުގެ ފުރުސަތު އޮތް އިޖުރާއަތެއްނަމަ އެ ފުރުސަތުދީ، އިޖުރާއަތު ރަނގަޅު ކުރެވިދާނެ ކަމަށް ވެސް ހުކުމުގައި ބުންޏެވެ. ފުލުހުން ހިލާފުވި އިޖުރާއަތަކީ އަލުން ރަނގަޅުކުރެވުމުގެ ފުރުސަތު އޮތް އިޖުރާއަތެއް ނޫންކަމަށް ވިޔަސް ފުލުހުން އަމަލުކޮށްފައިވަނީ ހެޔޮ ނިޔަތުގައި ކަމަށްވާތީ، އެއީ ގާނޫނާ ހިލާފަށް ހޯދި ނަމަވެސް ހެކި ބަލަިއގަނެވިދާނޭ އިސްތިސްނާ ހާލަތެއް ކަމަށްވާތީ، އަހުމަދު ރަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައި ހައިކޯޓުގެ ނިންމުން ބާތިލުކުރާ ކަމަށް ހުކުމުގައި އިތުރަށް ބުންޏެވެ.

ފުލުހުން އަމަލުކޮށްފައިވަނީ ހެޔޮ ނިޔަތުގައި ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ، އަހުމަދުު ރަޝީދު ދިރިއުޅޭ ގެ ބަލައި ފާސްކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވުމުންނާއި، ބަލައި ފާސްކުރުމުގެ އަމުރު ތަންފީޒުކުރުމުގެ ސަބަބުން ހެކިތަކެއް ފެނިފައިވާތީއެވެ. އަދި އެ ހެކިތަކުގެ ތެރޭގައި މަސްތުވާތަކެތި ހުރިކަމާ މެދު ހިލާފެއް ނެތްކަން ޔަގީންވާތީ އާއި ފެނުނު ހެކިތަކަކީ ގާނޫނީ އެހެން އުސޫލަކުން ހިމާޔަތް ލިބިގެންވާ، ނުވަތަ ތިންވަނަ ފަރާތެއްގެ ހައްގު އެކުލެވިގެންވާ ހެކިތަކެއް ނުހިމެނޭތީއެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުންނަކީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.