ޚަބަރު

އޭސީސީއަށް ކުރިމަތިލީ މެންބަރުންގެ ނަންތައް މަޖިލީހަށް ފޮނުވައިފި

ރިފާ ހަލީލު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރު ކަމަށް ކުރިމަތިލި މީހުންގެ ނަންތައް ފައިނަލްކުރުމަށްފަހު މަޖިލީހަށް މިއަދު ފޮނުވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް މީޑިއާތަކަށް މިއަދު ވިދާޅުވީ އޭސީސީގެ މެންބަރު ކަމަށް ކުރިމަތިލި މީހުންގެ ނަންތައް ފައިނަލްކުރުމަށްފަހު މަޖިލީހަށް ފޮނުވާފައިވާ ކަމަށާއި އެނަންތައް ހާމަކުރާނީ މަޖިލީހުން ކަމަށެވެ.

އޭސީސީގައި ތިއްބެވި ހުރިހާ މެންބަރުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޮމިޝަން މިހާރު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައެވެ. މެންބަރުން ކޮމިޝަނުން އިސްތިއުފާ ދެއްވީ، އެ ބޭފުޅުން މެންބަރުކަމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައި އެމަސައްކަތް ފެށުމާ ގުޅިގެންނެވެ. އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އިތުރު ކުރި މުއްދަތު މިދިޔަ މަހުގެ 31 ވަނަ ދުވަހަށް ހަމަވެފައިވާއިރު، 30 އަށްވުރެ ގިނަ މީހުން ވަނީ ކުރިމަތިލައިފަ އެވެ.

އޭގެ ތެރޭގައި ނެޝަނަލް ޓެންޑަ ބޯޑުގެ ޗެއާމަން ކަން ކުރެއްވި، އިސްމާއިލް ޒަރިޔަންދުގެ އިތުރުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ކުރީގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވެސް ހިމެނެ އެވެ. މީގެ އިތުރުން އޭސީސީގެ އިންވެސްޓިގޭޓަރުންގެ ގޮތުގައި ކުރިން މަސައްކަތްކުރި ބައެއް މީހުން ވެސް ކޮމިޝަންގެ މެންބަރުކަމަށް ވަނީ ކުރިމަތި ލައިފައެވެ.

އޭސީސީގެ ގާނޫނުގައިވާގޮތުން އެ ކޮމިޝަންގެ މެންބަރަކު އިސްތިއުފާދެއްވައިފިނަމަ 60 ދުވަސްތެރޭ އާ މެންބަރަކު އައްޔަންކުރަން ޖެހެއެވެ. އެހެންކަމުން އެ ކޮމިޝަނަށް އާ މެންބަރަކު އައްޔަންކުރަން ޖެހޭ ގާނޫނީ މުއްދަތު ވެސް މިވަނީ ހަމަވެފައެވެ.