މަސްތުވާތަކެތި ވިއްކުމުގެ ދެ މައްސަލައެކެވެ. ބޭނުންކުރުމުގެ 16 މައްސަލައަކާއި ގެންގުޅުމުގެ 35 މައްސަލައެކެވެ. ޖުމުލަ 53 މައްސަލައެއްގައި އޭނާ ހުއްޓުވައި ސުވާލުކޮށްފައިވެއެވެ. މިއީ މިދިޔަ ތިން އަހަރު ތެރޭ އުމުރުން އެންމެ 14 އަހަރުގެ ކުއްޖަކު ކޮށްފައި ހުރި ކުށުގެ 50 ޕަސެންޓެވެ.
އައިޖީއެމްއެޗް ކުރިމަތި ގޯޅިތެރެއިންނާއި ވައިކަންމަތީ ކައިރިން އަދި އަލަމާގޯޅި ތެރެއިން އާންމުކޮށް ފެންނަ އެ ކުއްޖާގެ އޮތީ މަސްތުވާތަކެތީގެ މައްސަލަތަކެއް އެކަންޏެއް ނޫނެވެ. އުޅެ ބޮޑުވަމުންދަނީ ކުށުގެ ވެއްޓެއްގައެވެ. ކުށްވެރިންނާއެކު އެވެ. ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރުމާއި މާރާމާރީ ހިންގުމާއި ސްކޫލަކަށް ގެއްލުން ދޭން މަސައްކަތް ކުރުމާއި ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވެއެވެ. ވައްކަމާއި ފިލަން މަސައްކަތްކުރުމާއި ލައިސަންސް ނެތި ސައިކަލު ދުއްވުމުގެ އިތުރުން މީހުން ރަހީނުވެސް ކޮށްފައިވެއެވެ.
ފުލުހުން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލައި އިރު, ކުށަށް އަރައިގަންނަން އެ ކުއްޖާ ފެށީ 2019 ވަނަ އަހަރެވެ. ސަބަބެއް ނުބުނެއެވެ. އެ އަހަރު މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން އަދި ގެންގުޅުމުގެ މައްސަލައެއްގައި އެ ކުއްޖާއާ ސުވާލުކުރީ އެންމެ ފަހަރަކުއެވެ. ނަމަވެސް މިއަދު އެއީ ޑުރަގް ގެންގުޅުމުގެ ރެކޯޑެއް އޮތް ކުއްޖެކެވެ. މިދިޔަ އަހަރު އެކަނިވެސް މަސްތުވާތަކެތި ގެންގުޅުމުގެ 25 މައްސަލައެއް އަދި ބޭނުންކުރުމުގެ 12 މައްސަލައެއްގައި އެކުއްޖާއާ ސުވާލުކުރިއެވެ.
މިއީ މިގޮތަށް އުޅޭ އެންމެ ކުއްޖެކެވެ. ފުލުހުން ބުނި ގޮތުގައި, ތިން އަހަރު ތެރޭ، 13 އަހަރާއި 18 އަހަރާ ދެމެދުގެ 932 ކުއްޖަކު ހައްޔަރު ކޮށްފައިވެއެވެ. އެއީ 902 ފިރިހެން ކުދިންނާއި 30 އަންހެން ކުދިންނެވެ.
ތިން އަހަރު ތެރޭ ޑުރަގުގެ މައްސަލަތަކުގައި ހައްޔަރުކުރި ކުދިންގެ އުމުރު:
- 13 އަހަރުގެ 1 ކުއްޖަކު
- 14 އަހަރުގެ 15 ކުއްޖަކު
- 15 އަހަރުގެ 53 ކުއްޖަކު
- 16 އަހަރުގެ 126 ކުއްޖަކު
- 17 އަހަރުގެ 212 ކުއްޖަކު
- 18 އަހަރުގެ 525 ކުއްޖަކު
ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމަންޓުން މި ހަފުތާގައި ބޭއްވި މީޑިއާ އިވެންޓުގައި ކުޑަކުދިން މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ މިންވަރު ތިލަކޮށްދިނީ, ކަންބޮޑުވާ މިންވަރަށެވެ. ހާމަވެގެން ދިޔައީ ޑުރަގް ނެޓްވޯކްތަކުގެ ޑުރަގް ވިއްކުމާއި އެކަމުގެ ފައިސާގެ މުއާމަލާތުގައި ކުޑަކުދިން ބައިވެރިކުރުވާފައިވާ ފުޅާމިނެވެ.
މިދިޔަ އަހަރު ހިންގި އެފަދަ އޮޕަރޭޝަނެކެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކުޑަކުއްޖެކެވެ. އޭނާ ލައިގެން ހުރި ޖީންސަކުން މަސްތުވާތަކެއްޗާއި ގެއެއްގެ ތަޅުދަނޑިއެއް ފެނުނެވެ. އެއީ އެ މައްސަލައިގެ އެންމެ ބޮޑަށް ތުހުމަތުކުރެވޭ މީހާ ކުއްޔަށް ހުރި ގޭގެ ތަޅުދަނޑިއެވެ.
ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކުރި އިރު, އެތަނުންވެސް ދެ ވައްތަރެއްގެ މަސްތުވާތަކެތި ފެނުނެވެ. އެތަކެތީގެ ބަރުދަނުގައި 59 ގުރާމް ހުއްޓެވެ. އަދި އެ ގެއިން މަސްތުވާތަކެތި ކިރަން ބޭނުންކުރާ ކައްޓާއި, އޭގެ ވިޔަފާރިއަށް ބޭނުންކުރާ އެއްޗެހި ފެނިފައިވެއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން އެހެން ގެއެއް ބަލައި ފާސްކުރި އިރު, މަސްތުވާތަކެތީގެ ވިޔަފާރިއަށް ރެކްރޫޓުކުރާ ކުދަކުދިން ބައިތިއްބާ ކޮޓަރިއެއް ފެނުނެވެ. އެތަނުންވެސް މަސްތުވާތަކެތީގެ ދެ ބާވަތަކާއި ބޭންކް ސްލިޕްތަކެއް ފެނުނެވެ. އެތަކެތި ފެނުމުން, އެތަނުން ކުއްޖެއްގެ ކުޑަކަމުދާ ތަކެތި ޓެސްޓު ކުރި އިރު, މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފައެވެ.
"އެ ކުދިން ރެކްރޫޓްކުރުމަށް، އެ ކުދިންނަށް ކުރީބައިގަ ހުންނަނީ ކިޔައިދީފަ ފުލުހުން އައިސްފިއްޔާ އަމަލުކުރަންވީ ގޮތާއި މައްސަލައިގައި ފުލުހުން ސުވާލުކޮށްފިއްޔާ އަމަލުކުރަންވީ ގޮތް. މި ގޮތަށް ރެކްރޫޓުކޮށްފައި ހުންނަނީ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ, އެ އޮޕަރޭޝަންގައި، ކުޑަކުދިން ބޭނުންކޮށްފައި ވަނީ ތުހުމަތު ކުރެވޭ ފަރާތް ފޮރުވިގެން ހުރެ އެކުދިން މެދުވެރިކޮށް, މަސްތުވާތަކެތި ވިއްކުމުގައި އަދި އެތަކެތި ކުދިކޮށް ޕެކުކުރުމާއި ފައިސާގެ މުއާމަލާތް ކުރުމަށް ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި، ކުޑަކުދިން ކުށުގެ މާހައުލަށް ހުށަހެޅުމަށް މަގުފަހިވަނީ އެ ކުދިންގެ ދިރިއުޅުމުގެ ހާލަތު ހުންނަ ގޮތެވެ. އަދި އާއިލާގެ ތެރޭގައި ޖެހޭ މައްސަލަތަކުގެ ސަބަބުން ދަރިންނަށް އިހުމާލުވުމުން އެ ކުދިން މުޖުތަމައަށް ނުކުތުމަކީވެސް ކުށްކުރުމަށް މަގުފަހިވާ ކަމެއް ކަމަށް ފާހަގަކުރި އެވެ.
އޭގެ އިތުރުން ރަށްރަށުގައި ދިރިއުޅޭ ނިކަމެތި އާއިލާތަކަށް ޓާގެޓުކޮށްގެން އެ ކުދިންނަށް ރަނގަޅު ގޮތް ހަދައިދޭނެ ކަމަށް ބުނެ އެ ކުދިންގެ މައިންބަފައިންގެ ރުހުމާ އެކު އަދި ރުހުމާނުލައި އޮޅުވާލައިގެން މާލެ ގެނެސް ގްރޫމްކޮށް އެކްސްޕްލޮއިޓުކޮށް އެ ކުދިންގެ ބޭނުން ނަމަހަގޮތުގައި ހިފާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މައިންބަފައިންނާއި މުއައްސަސާތަކުން ކުދިންގެ ކަންތައްތައް އެކަށީގެންވާ ގޮތަށް މޮނީޓާ ނުކުރެވޭތީވެސް ކުޑަކުދިން ކުށް ކުރުމަށް މަގުފަހިވާ ކަމަށެވެ.
ފުލުހުން ދިން މައުލޫމާތުން, މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއަށް ކުޑަކުދީންނާއި އަންހެނުން ވަންނަ މިންވަރު އިތުރު ކަމަށް ދައްކައެވެ. އެ ޓްރެންޑު ދަނީ މައްޗަށެވެ. ނަމަވެސް އެކަން ހައްލުކުރަން ގޮންޖެހުންތައް ގިނައެވެ. ފަށަން ޖެހިފައި އޮތީ ސުމަކުންނެވެ.
ފުރަތަމަ ކަމަކަށް, ޖުވެނައިލް ރިހެބިލިޓޭޝަން ސެންޓަރެއް ރާއްޖެއަކު ނެތެވެ. ކުދިން ރިބެލިބިޓޭޓްކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށް އެކަށީގެންވާ ޕްރޮގްރާމެއްވެސް ނެތެވެ.
ކުދީންނަށް ފަރުވާދެވެން ޖެހޭ މުއްދަތުގެ ތެރޭގައި އެ ފަރުވާދޭނެ ސެންޓަރެއްވެސް ނެތްއިރު, ކުޑަކުދިންގެ ޑުރަގް ރިހެބިލިޓޭޝަން ސެންޓަރެއްވެސް ނެތެވެ. އަދި އެކަމަށް ތަމްރީނު ވެފައިވާ މުވައްޒަފުންވެސް ނެތްކަން ފުލުހުން ފާހަގަކުރެއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް