ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރޭ ޗެލްސީން ކުޅުނު މެޗުގައި ލިލް އަތުން މޮޅުވި އިރު، ސްޕެއިންގައި ވިލަރެއާލްއާ ދެކޮޅަށް ޔުވެންޓަސްއިން ކުޅުނު މެޗު އެއްވަރު ވެއްޖެއެވެ.
މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރަށް ޔޫއެފާއިން ވަނީ އަވޭ ގޯލު އުސޫލު އުވާލައިފައެވެ. އަވޭ ގޯލަކީ ފައިދާ ބޮޑު ގޯލެއްގެ ގޮތުގައި އޮތް އޮތުމަށް މިއަހަރު ނިމުން ގެންނަން ޔޫއެފާއިން ނިންމާފައިވާ އިރު، މިއީ 1965 ވަނަ އަހަރަށްފަހު އަވޭ ގޯލުން ފައިދާ ވާ އުސޫލު ޔޫއެފާއިން އުވާލި ފުރަތަމަ ފަހަރެވެ.
ޗެލްސީން އަމިއްލަ ދަނޑުގައި ރޭ ލިލް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ޗެލްސީ ޑޮމިނޭޓްކޮށް ފެނުނު އިރު، އެޓީމުގެ ގޯލުތައް ޖަހައިދިނީ ކައި ހަވާޓްސް އާއި ކްރިސްޓިއަން ޕުލިސިޗެވެ.
ކްލަބު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން މިދިޔަ މަހު ތެރޭގައި ހޯދި ޗެލްސީން ރޭގެ މެޗުގައި ފެނުނީ ރަނގަޅު ފޯމެއްގައެވެ. މިދިޔަ ހަފުތާ ތެރޭގައި ޗެލްސީން ލީގުގައި ކުޅުނު މެޗުގައި އެޓީމުގެ ފަރާތުން ވަރުބަލިކަން ފެނުނު ނަމަވެސް ރޭގެ މެޗުގައި ފެނުނީ ތަފާތު ސްޕީޑެއްގައި ކުޅުނުތަނެވެ. މެޗުގެ ފުރަތަމަ 11 ގައި ރޮމެލޫ ލުކާކޫ ހިމަނައިފައި ނުވާ އިރު، އެތަން ފޫބައްދަން މެޗަށް ނުކުތީ ކައި ހަވާޓްސް އެވެ.
ކޯނަރެއްގައި ޗެލްސީގެ ފުރަތަމަ ގޯލު ޖެހީވެސް ކައި އެވެ. މެޗުގައި އޭނާގެ ފަރާތުން އިތުރު ހަމަލާތައްވެސް ވަނީ ފެނިގެން ގޮސްފައެވެ. ޗެލްސީން މެޗު ކޮންޓްރޯލްކޮށް ކުޅުނު އިރު، ދެވަނަ ގޯލު ޕުލިސިޗް ޖެހީ މެދުތެރެއިން އެންގޯލޯ ކަންޓޭ ދިން ޕާހަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ މަގާމު ހޯދި ކަންޓޭ ވަނީ މުހިއްމު ކުޅުމެއް ޗެލްސީގެ މެދުތެރެއިން ދައްކައިފައެވެ.
ޔުވެންޓަސްއިން ރޭ ސްޕެއިންގައި ކުޅުނު ގަދަ 16ގެ ފުރަތަމަ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ 37 ވަނަ ސިކުންތުގައި ޔުވެންޓަސްއިން ވަނީ ލީޑު ނަގައިފައެވެ. އެޓީމަށް ލީޑު ނަގައިދިނީ އަލަށް ޓީމަށް ގެންދިޔަ ޒުވާން ފޯވަޑް ޑޫސަން ވްލަހޮވިޗެވެ. ވްލަހޮވިޗް ޖެހި ގޯލަކީ ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ.
މެޗުގެ ދެވަނަ ހާފުގައި ވިލަރެއާލްއިން ނަތީޖާ ހަމަހަމަ ކުރީ ޑެނީ ޕަރޭހޯ ޖެހި ގޯލުންނެވެ. ޗެލްސީއާއި ލިލް ފްރާންސްގައި ކުޅޭ މެޗާއި، ޔުވެންޓަސްއާއި ވިލަރެއާލް އިޓަލީގައި ކުޅޭ ދެވަނަ ލެގުގެ މެޗުތައް އޮންނާނީ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ.