ސެޕްޓެމްބަރު 29، 2017 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ވަޅިން ހަމަލާދީ ގއ. ދާންދޫ، ގޯލްޑްލީފް/ ހާރިސް އަބްދުލްއަފޫރު މަރާލިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ޏ. ފުވައްމުލައް، ހިލްޓަން/ ޔާމިން ރަޝީދުގެ މައްޗަށް ކުށް ސާބިތުކުރަން ދައުލަތުން ހުށަހެޅި މުހިންމު ދެ ހެކިވެރިއެއްގެ ހެކިބަސް ނުނުގައި އެ މައްސަލައިގައި ހުކުމްކުރަން މައްސަލަ ބައްލަވާ ގާޒީ ނިންމަވައިފިއެވެ.

ދައުލަތުން ޔާމީންގެ މައްޗަށް ކުރަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއެެވެ. ކުރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ އެ މައްސަލައިގެ ޝަރީއަތް ފެށުމަށްފަހު ގާޒީ ވިދާޅުވީ، ދައުލަތުގެ ފަރާތުންނާއި ދިފާއުގެ ފަރާތުން ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. ޔާމީންގެ ފަރާތުން ފޮނުވި ސިޓީގައި ވަނީ، އޭނާގެ ދިފާއީ ވަކީލަށް މިއަދު ޝަރީއަތުގައި ބައިވެރިވެވެން ނެތް ކަމަށެވެ.

ދައުލަތުން ފޮނުވި ސިޓީގައި ވަނީ، ކުށް ސާބިތުކުރަން ދައުލަތުން ހުށަހަޅާފައިވާ ދެ ސިއްރު ހެކިވެރިއަކު ޝަރީއަތަށް ހާޒިރުކުރުމުގައި ލަސްތަކެއް ދިމާވާތީ އިތުރު ޝަރީއަތެއް ބާއްވައި ދިނުމަށެވެ. އަދި ދިފާއުންވެސް މިއަދު ހެކިވެރިން ހާޒިރުކުރަން ހަމަޖެހިފައިވިޔަސް އެކަން ނުވުމުން އިތުރު ޝަރީއަތެއް ބޭއްވުން މުހިންމު ކަމަށް ދެކޭ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ހެކިވެރިން ހާޒިރުކުރުމަށް ދައުލަތަށާއި ދިފާއަށް ތަފާތު އެކި ފަހަރުމަތިން ފުރުސަތު ދީފައިވާނެ ކަމަށެވެ. އެގޮތުން އެންމެ ފަހުން ފުރުސަތެއް ދީފައިވާނީ މިދިޔަ ޖެނުއަރީ މަހު ބޭއްވި ޝަރީއަތުގައި ކަމަށާއި އެހެންކަމުން ހެކިވެރިން ހާޒިރުކުރަން އިތުރު ޝަރީއަތެއް ބޭއްވުމުގެ ބަދަލުގައި ދެން އޮންނާނީ ހުލާސާ ބަޔާން އިއްވާ ޝަރީއަތާއި ހުކުމްކުރާ ޝަރީއަތް ކަމަށް ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ މާޗު މަހު ހުލާސާ ބަޔާން އިއްވާ ޝަރީއަތް ބޭއްވުމަށްފަހު އެޕްރީލް މަހު ހުކުމްކުރާ ޝަރީއަތް ބާއްވާނެ ކަމަށެވެ.

މި މައްސަލައިގައި މީގެ ކުރިން ބޭއްވި ޝަރީއަތުގައި ޔާމީން ވަނީ ބޭސް ފަރުވާއަށް ބަންދުން ދޫކޮށްދިނުމަށް އެދިފައެވެ. އެ ޝަރީއަތުގައި އޭނާގެ ވަކީލު ވިދާޅުވެފައި ވަނީ 2015 ވަނަ އަހަރު ހިނގި މާރާމާރީއެއްގައި ޔާމީނަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. އެ މާރާމާރީގައި ތޫނު އެއްޗަކުން ޔާމީނަށް ހަމަލާ ދިނުމުން އޭނާގެ ގޮހުރޮ ފޫއަޅޫވާލައި ހަތިޔާރު ވަދެފައިވާތީ، ދެ އަހަރު ވަންދެން ފަރުވާދޭން ޖެހުނު ކަމަށެވެ.

އެ މާރާމާރީގައި ޔާމީނަށް ހަމަލާދީފައި ވަނީވެސް ހާރިސްއެވެ. އެ މައްސަލައާ ގުޅިގެން ހާރިސް ހައްޔަރުކުރުމަށް ފަހު ވަނީ ބަންދުން ދޫކޮށްލައިފައެވެ.