ޚަބަރު

ހުޅުމާލޭ ފޭސް ދޭކުން ބިން ވިއްކުން ހުއްޓުވުމުގެ އަމުރެއް ހައިކޯޓުން ވެސް ނެރެނުދިން

ހުޅުމާލޭ ދެވަނަ ފިޔަވަހިން އާންމުންނަށް ވިޔަފާރި އުސޫލުން ވިއްކަން ހުޅުވާލި ބިންތަކުގެ ތެރެއިން ހަތަރު ބިމެއް ވިއްކުން ހުއްޓުވައިދިނުމަށް އެދި ހުށަހެޅި ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއިދުކޮށްފިއެވެ.

ހުޅުމާލެ ދެވަނަ ފޭސް އިން ބިން ދޫކުރުމަށް 04 ޖަނަވަރީ 2017 ގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނު ކުރިއެވެ. އަދި ބިޑް ކާމިޔާބުކުރި 42 ފަރާތެއް ކަނޑައަޅައި ޝޯޓު ލިސްޓްކުރިއެވެ. އަދި ހަތަރު ބިމެއް ފިޔަވައި ބާކީ ހުރި ބިންތައް ވަނީ ވިއްކައިފައެވެ. ނަމަވެސް ޝޯޓް ލިސްޓް ކުރެވުނު ފަރާތްތަކުގެ ތެރެއިން ބާކީ ތިބި ފަރާތްތަކަށް ލިސްޓު ތަރުތީބުން ބިން ގަތުމުގެ ފުރުސަތު އެޗްޑީސީން ދީފައެއް ނުވެއެވެ. އެހެންވެ ބިޑް ކާމިޔާބުކުރި މ. ސާނިޔާ، ޒުލްފީނާ ރަޝީދުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި، އެދުނީ ޝޯޓް ލިސްޓު ކުރެވުނު ތަރުތީބުން އަމަލުކުރުމުން އޭނާއަށް ބިން ގަތުމުގެ ފުރުސަތު ލިބިގެންދާތީ ބިން ގަތުމުގެ ފުރުސަތު ދިނުމަށް އެޗްޑީސީގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.

އެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށްދަނިކޮށް، އެޗްޑީސީން ވަނީ ހުޅުމާލެއިން 60 ބިމެއް ވިއްކާލަން އިއުލާނުކޮށްފައެވެ. އަދި އެ ބިންތަކަށް ހުށަހެޅި ބިޑްތައް ކަނޑައަޅައި, މިހާރު ވަނީ އެންމެ މަތިން އަގު ހުށަހެޅި ފަރާތްތައް ޝޯޓްލިސްޓު ވެސް ކޮށްފައެވެ. އަދި އެ ބިންތަކުގެ ތެރޭގައި ކުރިން ނުވިއްކައި މަޑުޖައްސައިލި ހަތަރު ބިންވެސް ހިމެނިއެވެ.

އެހެންވެ ޒުލްފީނާގެ ފަރާތުން ސިވިލް ކޯޓުގައި އެދުނީ އެ ބިންތައް ވިއްކުން ހުއްޓުވުމުގެ ވަގުތީ އަމުރެއް އެޗްޑީސީގެ މައްޗަށް ނެރެދިނުމަށެވެ.

ނަމަވެސް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ އެދިފައިވާ ފަދަ ވަގުތީ އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށެވެ. އެއީ ވަގުތީ އަމުރުގެ ޒަރީޔާއިން ހިމާޔަތްކުރަންޖެހޭ މައުޟޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް ނެތުމެވެ. އެހެންވެ އޭނާގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްސަލައިގައި ހައިކޯޓުން މިއަދު ކޮށްފައިވާ ހުކުމުގައި ވަނީ މި މައްސަލައިގައި ޒުލްފީނާއަށް 2017 ވަނަ އަހަރު ބިޑު ކާމިޔާބުވެ، އެފަރާތަށް ބިން ގަތުމުގެ ފުރުސަތު ނުލިބޭކަން ފެބްރުއަރީ 2017 ގައި އެނގިފައިވާކަން ދެ ފަރާތުގެ ބަހުން އެނގޭ ކަމަށެވެ. އެހެންކަމުން އެ ހައްގު ހޯދުމަށް އެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅީ 2021 ވަނަ އަހަރުގައި ކަމަށް ވުމުން މައްސަލަ ހުށަހެޅުމުގައި އެ ފަރާތުން ލަސްތަކެއް ވެފައިވާކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

"މި ލަސްވި ސަބަބުކަމުގައި އެ ފަރާތުން ބުނެފައިވަނީ ބިން ބާކީ ހުރިކަން އެފަރާތަށް ނޭނގުމާއި އަދި އެކަން އެނގުމުން އެ ބާކީ ހުރި ބިންތަކަކީ އާންމު ބޭނުމަށްޓަކައި ނުވިއްކާ ބެހެއްޓުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ނިންމާފައިވާ ބިންތަކެއް ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާ ބުނުމެވެ. އަދި މައްސަލަ ހުށަހެޅި ފަހުން، ވަގުތީ އަމުރަށް އެދުމުގެ ކުރިން، ނުވިއްކި ހުރި ބިން ތަކުގެ ތެރެއިން ބައެއް ބިންތައް އިސްތިއުނާފު ރައްދުވާ ފަރާތުން ވިއްކާފައިވަނީ އާންމު އިއުލާންކުރުމަކާ ނުލައި ކަމުގައިވާތީ ބިން ވިއްކުމުގެ ފުރުސަތު އޮތްކަން އެ ފަރާތަށް ނޭނގޭ. އަދި ބިން ވިއްކާކަން އާންމު އިއުލާނަކުން އިސްތިއުނާފު ރައްދުވާ ފަރާތުން އިއުލާނުކުރިކަން އެނގުމުން ވަގުތީ އަމުރަކަށް އެދިފައިވާނެ. ބުނެވިދިޔަ ކަންތައްތައް ދަށުކޯޓުގައި ފާހަގަކޮށްފައިވާއިރު އެކަމަށް ޝަރީއަތުން ރިއާޔަތްކޮށްފައިނުވާ ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރޭ،" ހުކުމުގައިވެއެވެ.

ނަމަވެސް މައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެއީ ދެކެވިފައިވާ ވާހަކަތަކެއްކަން އެނގޭކަށް ނެތް ކަމަށެވެ. އަދި މި ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އެ ވާހަކަތައް ދެކެވުމުން އެކަމަށް އެޗްޑީސީގެ ފަރާތުން އިންކާރުކޮށްފައި ނުވާ ކަމަށްވެސް ހުކުމުގައިވެއެވެ.

މި މައްސަލަ ހުށަހެޅި ހުށަހެޅުމުގައި ވެފައިވާ ލަހަކީ ވަގުތީ އަމުރުން ހިމާޔަތްކުރަންޖެހޭ މައުޟޫއީ ހައްގު މި މައްސަލައިގައި ނެތިދާ ފަދަ ކަމެއް ކަމުގައި ނުދެކޭ ކަމަށެވެ. އެހެންކަމުން ވަގުތީ އަމުރު ނެރުމުގައި ހިމާޔަތްކުރަންޖެހޭ މައުޟޫއީ ހައްގެއް ނެތް ކަމަށް ދަށު ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫން ކަމަށް ހައިކޯޓް=ުގެ ހުކުމުގައިވެއެވެ.

މި މައްސަލައިގައި އެޗްޑީސީން ހައި ކޯޓުގައި ބުނެފައިވަނީ ވިއްކުން ހުއްޓުވުމަށް އެދިފައިވާ ބިންތައް ގަތުމަށް ބިޑް ސެކިއުރިޓީއާ އެކު އެތައް ފަރާތްތަކުން ކުރިމަތިލައި ތިންވަނަ ފަރާތްތަކުގެ ހައްގު މިހާރު އުފަންވެފައިވާ ކަމަށެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތުން ވަކި ޕްލޭނެއްގެ ދަށުން އެ ބިންތައް ބޭނުންކުރުމަށް ހުޅުވާލައި ބިޑިން ޕްރޮސެސް މިހާރު ގޮސްފައިވާ ހިސާބުން ހަތަރު ބިން އެ ޕްލޭނުން އުނިކޮށްފިނަމަ އިސްތިއުނާފު ރައްދުވާ ފަރާތަށާއި އަދި ބިޑަށް ކުރިމަތިލީ ފަރާތުގެ ހައްގުތަކަށް އުނިކަމެއް ލިބޭނެތީ މިހިނދުގައި ވަގުތީ އަމުރެއް ނެރެފިނަމަ އިސްތިއުނާފު ރައްދުވާ ފަރާތަށާއި ބިޑަށް ކުރިމަތިލީ މީހުންނަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށެވެ.

ދަށު ކޯޓުން ޒުލްފީނާއަށް ޖެނުއަރީ މަހުގެ އިއުލާނުގެ ދަށުން ބިން ގަތުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އަމުރުކޮށްފިނަމަ، ސީދާ އެބިން ނުދެވުނު ނަމަވެސް އެފަދަ ބިމެއް ނުވަތަ ގެއްލުމުގެ ބަދަލު ދިނުމަށް އިސްތިއުނާފު ރައްދުވާ ފަރާތަށް ހުރަހެއް ނެތް ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

އެކަމަށް ތާއީދުކޮށް ހައިކޯޓުން އިއްވި ހުކުމުގައި ވަނީ މި މައްސަލައިގައި އެޗްޑީސީގެ ހައްގުގެ އިތުރަށް ތިންވަނަ ފަރާތްތަކުގެ ހައްގުތައް ހިމެނޭކަމަށް ބެލެވޭތީ މި ވަގުތީ އަމުރު ނެރެފިނަމަ އެޗްޑީސީއަށް ލިބޭ ގެއްލުމަށް ވުރެ އަމުރު ނުނެރުމުން ޒުލްފީނާއަށް ލިބޭ ގެއްލުން ކުޑަކަމުގައި ބެލެވޭ ކަމަށެވެ. އަދި މި ހިނދުގައި މި އަމުރު ނެރުން މުހިއްމު ކަމުގައި ނުދެކޭ ކަމަށްވެސް ހުކުމުގައިވެއެވެ.

އެހެންވެ ސިވިލް ކޯޓުން ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމި ނިންމުމެއް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ވަނީ ނިންމައިފައެވެ.