ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުވާލައްވައިފިއެވެ.

ރައީސް ސޯލިހު މި ކޮމިޝަން އުވާލައްވައި މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވީ އެ ކޮމިޝަން އުވާލެއްވީ އެ ކޮމިޝަނުގެ މަސައްކަތް ނިންމަވާފައިވާތީ ކަމަށެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ބަލާ ކޮމިޝަން ރައީސް އުފެއްދެވީ 20 ފެބުރުވަރީ 2020 ގައެވެ.

މި ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ މައްސަލަތަކުގައި ދައުލަތުގެ އިދާރާތަކާއި ދައުލަތުގެ ފަރާތުން އެކަމަށް މަތިކޮށްފައިވާ އެންމެހައި ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތާއި މިހާރުގެ ހާލަތު ދެނެގަތުމެވެ.

މީގެ އިތުރުން ކުޑަކުދީންނަށް ދިމާވާ އަނިޔާގެ މައްސަލަތަކުގެ ބާވަތާއި އެކަންކަން މެދުވެރިވެފައިވާ ތަނާއި ވަގުތުތަކާއި ހާލަތާއި އެކަމުގައި ޝާމިލުވާ މީހުންގެ އުމުރާއި އިގުތިސާދީ ހާލަތާއި އިޖުތިމާއީ ހާލަތާއި ކުށްކުރާން ނުވަތަ އަނިޔާ ލިބެން މެދުވެރިވާ ސަބަބުތައް ހޯދުމެވެ. އަދި އަނިޔާ ލިބުނު ކުދިންގެ މިހާރުގެ ހާލަތާ ބެހޭ މައުލޫމާތު އެއްކޮށް، ދައުލަތުގެ އިދާރާތަކުން މިބާވަތުގެ މައްސަލަތަކުގައި ޒިންމާ އަދާކޮށްފައިވާ ގޮތާއި މިންވަރު ދެނެގަތުމެވެ.

މި ކޮމިޝަން އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޒިންމާ މަތިކޮށްފައިވާ ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކުރުމާއި ރޭވުންތެރިކަމާއެކު ވަކި ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރެވޭނެ ގޮތްތައް ކަށަވަރުކުރުމެވެ. އަދި ކުޑަކުދީންނަށް އަޅައިނުލާ ފަރާތްތަކާއި އެ ކުދީންނާ މެދު އިހުމާލުވާ ފަރާތްތަކާއި އެ ކުދީންނަށް އިހާނެތިކޮށް ހިތާ ފަރާތްތަކާއި އެ ކުދީންނަށް ގޯނާކުރާ ފަރާތްތަކާއި އެ ކުދީންގެ ކިބައިން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމެވެ.

މީގެ އިތުރުން ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭފަދަ އަމަލުތައް ކުރާ ފަރާތްތަކާ މެދު ކުށް ކަނޑައަޅައި ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި އެހެނިހެން ގަވައިދުތަކުގެ ދަށުން ޖިނާއީ ދައުވާކުރުން ނުވަތަ އިދާރީ ފިޔަވަޅު އެޅުމަށް ބޭނުންވާ މައުލޫމާތު ހޯދައި ދިރާސާއެއް ހިންގުމެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ބަލާ ކޮމިޝަން އެކުލަވައިލީ ފަސް މެންބަރުންގެ މައްޗަށެވެ.