ޚަބަރު

ޔޫކްރެއިންގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް ސަރުކާރުން އެހީވަނީ

ޔޫކްރެއިންގައި ތިބި ދިވެހީންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް އެކަމުގެ އެހީތެރިކަން ފޯރުކޮށްދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމާބެހޭ މިނިސްޓްރީތަކަށް މިއަދު އަންގަވައިފިއެވެ.

ޔޫކްރެއިންއާއި ރަޝިއާގެ މަޝްރަހު ހޫނުވެ، އިރުމަތީ ޔޫކްރެއިންގެ ޑޮނެސްކް އަދި ލުހާންސްކް މިނިވަން ދައުލަތްތަކެއްގެ ގޮތުގައި ބަލައިގަންނަން ނިންމަވައި، އެ ސަރަހައްދަށް ރަޝިއާ ސިފައިން އަރަން ރައީސް ލެޑިމިއަ ޕުޓިން ރޭ ވަނީ އަމުރުކުރައްވައިފައެވެ.

އެކަމާ ގުޅިގެން ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އިންތިހާއަށް ހީވެ، ދުނިޔޭގެ ގައުމުތަކުން ދަނީ ރަޝިއާގެ އެ ނިންމުން ކުށްވެރި ކުރަމުންނެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު "ވަން" އަށް މިއަދު ވިދާޅުވީ، ޔޫކްރެއިންގައި ދިރިއުޅޭ ދިވެހިން ރާއްޖެއަށް އަނބުރާ ގެނައުމުގައި އެހީތެރިކަން ފޯރުކޮށްދެއްވަން ރައީސް އަންގަވާފައިވާ ކަމަށެވެ.

އެ އެންގެވުމާ ގުޅިގެން ފޮރިން މިނިސްޓްރީންނާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެ މަސައްކަތް ފައްޓަވާފައިވާ ކަމަށާއި އެގޮތުން ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް ފައިސާގެ އެހީތެރިކަންވެސް ސަރުކާރުން ވެދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވި ގޮތުގައި، ޔޫކްރެއިންގައި މިވަގުތު 50 އަށްވުރެ ގިނަ ދިވެހިން ދިރިއުޅެއެވެ. އޭގެ ތެރޭގައި ގިނައީ މަތީ ތައުލީމަށް އެގައުމަށް ކިޔަވަން ގޮސް ތިބި ދަރިވަރުންނެވެ.