ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި މިހާރު މެންބަރު ހިމެނޭ ގޮތަށް ބަދަލު ގެނެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ބަންޑާރަ ނާއިބާއި ސިޔާސީ އެއްވެސް ބޭފުޅަކު ނުހިމެނޭ ގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރަން ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ހުށަހެޅުއްވި ދެވަނަ ބިލުވެސް މަޖިލީހުން ބޭރު ކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު މަޖިލީހަށް ބަލައިގަނޭތޯ ބަލަން ނެގި ވޯޓުގައި، ޖަލްސާގައި ތިއްބެވި ޖަލްސާގައި ތިއްބެވި 60 މެންބަރުންގެ ތެރެއިބް ބިލު ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ. ބިލު ބޭރުކޮށްލުމަށް 46 މެންބަރުން ވޯތު ދެއްވިއެވެ. އެ ބިލު މަޖިލީހަށް ބަލައި ގަންނަން ބޭނުން ވަނީ 29 ވޯޓެވެ.

ބިލު މަޖިލީހުން ބޭރު ކޮށްލި ނަމަވެސް ޖޭއެސްސީއަށް އިސްލާހު ގެންނަން ޖެހޭ ކަމަށް އެ ބިލުގެ ބަހުސްގައި ވާހަކަ ދެއްކެވި ހުރިހާ މެންބަރުން އިއްތިފާގުވަޑައިގަންނަވައެވެ. ނަމަވެސް އެ ކޮމިޝަނަށް އިސްލާހު ގެންނަން ޖެހޭ ގޮތާމެދު މެންބަރުންގެ މެދުގައި އޮތީ ހިޔާލު ތަފާތުވުން އުފެދިފައެވެ.

މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ މެންބަރުންވެސް ޖޭއެސްސީއަށް ބަދަލު ގެންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވައެވެ. ނަމަވެސް އެ މެންބަރުން ވިދާޅުވީ، ޖޭއެސްސީއަށް އިސްލާހު ގެންނަން ބޭނުންވަނީ، ވަކިން ގާނޫނުއަސާސިއަށް ގެންނަ އިސްލާހެއްގެ ގޮތުގައި ނޫން ކަމަށެވެ.

ގާނޫނުއަސާސީއަށް ބޮޑެތި އިސްލާހުތަކެއް އަންނަން ޖެހޭ ކަން ފާހަގަކުރައްވައި އެމެންބަރުން ވިދާޅުވީ، ޖޭއެސްސީއަށް އިސްލާހު ގެންނާނީ މުޅި ގާނޫނު އަސާސީއަށް ގެންނަ އިސްލާހުތަކުގެ ތެރެއިން ކަމަށެވެ.

ގާނޫނުއަސާސީ އިސްލާހުކޮށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށް އިދިކޮޅު ޕީޕީއެމްގެ މެންބަރު ތޯރި ހުށަޅުއްވި އިސްލާހުގައި ވަނީ، ކޮމިޝަން މެންބަރުންގެ އަދަދު އަށަކަށް މަދުކޮށް ސިޔާސީ އެއްވެސް ފަރާތަކާއި އެއްވެސް ފަނޑިޔާރެއް އެ ކޮމިޝަންގައި ނުހިމެނުމަށެވެ.

ތޯރިގު އިސްލާހު ހުށަހަޅުއްވާފައި ވަނީ ޖޭއެސްސީ އެތުރިފައިވާ ގޮތް ބަދަލު ކުރުމަށް، ގާނޫނު އަސާސީގެ 158 ވަނަ މާއްދާ އިސްލާހު ކުރުމުގެ އިތުރުން، ކޮމިޝަންގެ މެންބަރުންގެ މުއްދަތު ކަނޑައަޅާފައިވާ 161 ވަނަ މާއްދާ އާއި މެންބަރުކަމުން އިސްތިއުފާ ދޭނެ ގޮތް ކަނޑައަޅާފައިވާ 162 ވަނަ މާއްދާ އާއި އެ ފަރާތްތަކުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާފައިވާ 164 ވަނަ މާއްދާ އާއި މެންބަރުކަމުން ވަކި ކުރެވޭނެ ގޮތް ކަނޑައަޅާފައިވާ 165 ވަނަ މާއްދާއަށެވެ.

ޖޭއެސްސީ އެތުރިފައިވާގޮތަށް ބަދަލު ގެންނަން ތޯރިގު ހުށަހަޅުއްވާފައި ވަނީ، ފަނޑިޔާރުންގެ ތެރެއިން ޝަރަފުވެރިކަމާއެކު މުސްކުޅި ކުރައްވާފައިވާ އަދި ކޯޓުތަކުގައި ވަކާލާތު ނުކުރާ މީހުންގެ ތެރެއިން އެބައިމީހުން އިންތިހާބު ކުރާ މީހަކު، ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ގާނޫނީ ވަކީލަކު، އަދި ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ އަންހެން ގާނޫނީ ވަކީލަކު، ރާއްޖޭގެ ޔުނިވަސިޓީތަކުގައި އިސްލާމީ ޝަރީއަތުގެ އިލްމު ކިޔަވައިދޭ ދާރިސުންގެ ތެރެއިން، އިންތިހާބުކުރާ ދާރިސަކާއި، ޔުނިވަސިޓީތަކުގައި ގާނޫނީ އިލްމު ކިޔަވައިދޭ ދާރިސުންގެ ތެރެއިން، އިންތިހާބުކުރާ ދާރިސަކާއި، ތައުލީމީ ދާއިރާއިން މަތީ ތައުލީމު ހާސިލު ކޮށްފައިވާ އަދި ސިޔާސީގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން އިންތިހާބު ކުރާ މީހެއްގެ މައްޗަށް ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ވިޔަފާރީގެ ދާއިރާއަކުން މަތީ ތައުލީމު ހާސިލު ކޮށްފައިވާ އަދި ސިޔާސީގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން، އިންތިހާބު ކުރާ މީހަކާއި ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނަކުން މަތީ ތައުލީމު ހާސިލު ކޮށްފައިވާ އަދި ސިޔާސީ ގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން އިންތިހާބު ކުރާ މީހަކު ހިމެނޭ ގޮތަށެވެ.

ގާނޫނު އަސާސީގެ 161 ވަނަ މާއްދާގައި މިހާރު އޮންނަ ގޮތުން ޖޭއެސްސީގެ މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ބަންޑާރަ ނާއިބަކީ ވަކި މަގާމެއްގެ ހައިސިއްޔަތުން ކޮމިޝަންގައި ހިމެނޭ ބޭފުޅުން ކަމަށްވާތީ އެ ބޭފުޅުން އެމަގާމުތަކުގައި ދެމި ތިބިހާ ދުވަހަކު ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ހިމެނޭނެ އެވެ. ނަމަވެސް ކޮމިޝަންގައި ދެން ތިއްބެވި ބޭފުޅުންނަށް ކޮމިޝަނުގައި ތިއްބެވޭނީ ފަސް އަހަރުގެ އެއް ދައުރަށެވެ. އެ ދައުރު ހަމަވުމުން އެ ބޭފުޅަކު އަލުން އެ ކޮމިޝަނަށް އައްޔަނެއް ނުކުރެވޭނެ އެވެ.

އެ މާއްދާއަށް ތޯރިގު ގެންނަން ހުށަހެޅުއްވި އިސްލާހުގައި ވަނީ ޖޭއެސްސީގެ މެންބަރުންގެ ދައުރުގެ މުއްދަތަކީ ތިން އަހަރު ދުވަސް ކަމަށް ކަނޑައެޅުމަށެވެ. އަދި ވިދިވިދިގެން ދެ ދައުރަށް މީހަކު އައްޔަނު ނުކުރެވޭނެ ކަމަށްވެސް ހިމަނާފައިވެއެވެ.

ގާނޫނުއަސާސީގެ 162 މާއްދާ މިހާރު ބުނާ ގޮތުން ޖޭއެސްސީގެ މެންބަރަކު އިސްތިއުފާ ދޭން ބޭނުންވެއްޖެ ނަމަ ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހަޅައި، އެ ސީޓީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވާނެއެވެ. އެހެން ނަމަވެސް މެންބަރުކަމުން އިސްތިއުފާ ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ބަންޑާރަ ނާއިބު ފިޔަވައި ދެން ތިއްބެވި މެންބަރުންނަށް ކަމަށްވެސް ބުނެފައިވެއެވެ.

ޖޭއެސްސީގެ މެންބަރަކު އިސްތިއުފާ ދޭން ބޭނުންވެއްޖެ ނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބުމުން އެ މެންބަރަކު ވަކިވީކަމަށް އެ މާއްދާ އިސްލާހު ކުރަން ތޯރިގު ވަނީ ހުށަހަޅުއްވައިފައެވެ.

ޖޭއެސްސީއަށް އައްޔަން ކުރެވޭ މީހުންގެ ތެރެއިން ވެރިކަން ހިންގާ ފަރާތުގެ، ނުވަތަ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ނުވަތަ މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަމުގެ މަގާމުގައި ނެތް ކޮންމެ މީހަކަށް، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން މުސާރަ އާއި އިނާޔަތްތައް ދެވިދާނެ ކަަމަށް 164 ވަނަ މާއްދާގައި ބުނެފައި ވާއިރު، ޖޭއެސްސީއަށް އަންޔަންކުރާ މީހުންނަށް މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތީން މުސާރަ އާއި އިނާޔަތްތައް ދެވިދާނެ ކަމަށް ހިމަނަން ތޯރިގު ވަނީ ހުށަހަޅުއްވައިފައެވެ.

މަޖިލިސް ރައީސާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި، ބަންޑާރަ ނާއިބު ކޮމިޝަނުންގެ މެންބަރުކަމުން ވަކި ވަނީ، އެބޭފުޅުން އަދާކުރައްވަމުން ގެންދަވާ މަގާމުތަކުން ވަކިވެގެން ކަމަށާއި، ދެން ތިއްބެވި ބޭފުޅުން ވަކި ކުރާނީ އެމީހަކު ކޮމިޝަނަށް އައްޔަންކުރި ފަރާތުން ކަމަށް 165 ވަނަ މާއްދާގައި ބުނެފައިވާއިރު، ޖޭއެސްސީއަށް އައްޔަން ކުރާ މީހުން މަގާމުން ވަކި ކުރާނީ އެ މީހަކު ކޮމިޝަނަށް އައްޔަން ކުރި ފަރާތަކުން ކަމަށް ކަނޑައަޅަން މެންބަރު ތޯރިގު ހުށަހަޅުއްވާފައި ވެއެވެ.

ޖޭއެސްސީއަށް ބަދަލު ގެންނަން އެންމެ ފުރަތަމަ ތޯރިގު ހުށަހެޅުއްވީ 2020 ވަނަ އަހަރުއެވެ.

ނަމަވެސް 27 އޮކްޓޫބަރު 2020 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އެބިލު މަޖިލީހުން ބޭރު ކޮށްލައިފައެވެ. އެދުވަހުގެ ޖަލްސާގައި އެބިލު މަޖިލީހަށް ބަލައިގަތުމަށް ވޯޓު ދެއްވީ، ޖަލްސާގައި ތިއްބެވި 66 މެންބަރުންގެ ތެރެއިން އެންމެ 13 މެންބަރުންނެވެ. މަޖިލީހަށް ބަލައި ނުގަނެ ބިލު ބޭރުކޮށްލަށް 50 މެންބަރުން ވޯޓު ދެއްވިއެވެ.