ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ މެންބަރުންނަށް ކަނޑައަޅާފައިވާ އަގު ބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލައި ހުށަހެޅި އީ ޕެޓިޝަނަކީ، މުޖުތަމައުގައި އޮތް ތަފާތުކުރުންތަކާ ގުޅިގެން ހުށަހަޅާފައިވާ ޕެޓިޝަނެއް ކަަމަށް، އިދިކޮޅު އެމްޑީޕީގެ ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަހްމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެއެވެ.
ޝަމްހީދު މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ޕެޓިޝަނަށް ބަހުސް ކުރުމުގެ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
ޝަމްހީދު ވިދާޅުވީ، ތަފާތުކުރުން އޮތީ ހަމައެކަނި ސިއްހީ ދާއިރާއިން ނޫން ކަަމަށެވެ. ޝަރުއީ ދާއިރާއަށް ބަލައިލިޔަސް، ކޯޓުތަކުގެ ހުކުމްތަކުންވެސް ފެންނަނީ ކުޑަ މީހާއަށް ކުޑަ ގޮތް ބޮޑު މީހާއަށް ބޮޑު ގޮތް ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން ސިއްހީ ދާއިރާއަށް ބަލާއިރު، ރަށްރަށުގައި ދިރިއުޅޭ ރައްޔިތަކަށް ހާޓްއެޓޭކެއް ފަދަ ކުއްލި ކަމެއް ދިމާވާއިރު ސަލާމަތް ވުމުގެ ފުރުސަތު، މާލޭގައި އުޅޭ މީހާއަށް އޮންނަ ފުރުސަތަށްވުރެ ކުޑަކަން ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުގެ ދަރިއެކޭ އެހެން މީހެއްގެ ދަރިއެކޭ ދައުލަތުގެ ކުރިމަތީގައި ފުރާނަައިގެ ދަރަޖަ ކުރަން ޖެހޭނެ ކަމަަކަށް، އެހެންވީމާ ދިވެހި ދައުލަތުން ދޭ ހެލްތު ކެއާ މަޖިލީސް މެންބަރަކަށްވިޔަސް އެހެންމީހަކަށްވިޔަސް ތަފާތު ކުރާކަށް ނުޖެހޭ،" ޝަމްހީދު ވިދާޅުވިއެވެ.
މެންބަރު ފާހަގަ ކުރެއްވީ މާލޭ ސަރަހައްދާއި އަތޮޅުތަކުގެ ރަށްރަށުގެ ސިއްހީ ހާލަތުގެ ތަފާތުކަމެވެ. ހަމަ އެގޮތަށް ތައުލީމީ ދާއިރާގައި ތަފާތުކުރުންތައް ހުރިކަންވެސް ޝަމްހީދު ފާހަގަ ކުރެއްވިއެވެ.
ޝަމްހީދު ވިދާޅުވީ، ބޯހިޔާވަހިކަމާއި ތައުލީމީ ދާއިރާގައިވެސް ތަފާތު ކުރުން ހިމެނޭ ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމަށް ބަލާއިރު، މައިންބަފައިން ފޫޅުކަނޑާ ތަނާއި ލިބޭ ބޯހިޔާވަހިކަމާ ވަރަށް ބޮޑަށް ގުޅިފައި އޮންނަތަން ފެންނަ ކަަމަށްވެސް ވިދާޅުވިއެވެ.
ހަމަ އެގޮތަށް ދަރިވަރުންގެ ތައުލީމީ ކުރިއެެރުންވެސް ބިނާވަނީ ދަރިވަރު ދާން ލިބޭ ސްކޫލާއި އެ ދަރިވަރުގެ މައިންބަފައިންގެ ހުރި ތަނަވަސްކަމުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ޝަމްހީދު ފާހަގަ ކުރެއްވީ މަޖިލިސް މެންބަރުންގެ މުސާރަ މާ ބޮޑީ ނޫން ކަަމަށާއި، އާއްމު މީހާގެ މުސާރަ އެއާ ހަމަޔަށް އުފުލަން ޖެހެނީ ކަމަށެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް