"އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕާސަންސް ވިތު ޑިސްއެބިލިޓީ" ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
އެ ޕްރޮޓޮކޯލްގައި ބައިވެރިވާން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ރުހުން ދިނީ ޖަލްސާގައި ތިއްބެވި، 65 މެންބަރުންގެ ތެރެއިން 64 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ހެލްތު މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް މަޝްވަރާކުރުމަށްފަހު އެ ޕްރޮކޯލްގައި ރާއްޖެއިން ބައިވެރިވާން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަޒީރުންގެ މަޖިލީހުން ނިންމުމާ ގުޅިގެން، އެކަމަށްޓަކައި މަޖިލީހުގެ ރެހުން ހޯއްދެވުމަށް ރައީސުލްޖުމްޖޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ، ގާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން ބައިނަލްއަގުވާމީ މުއާހަދާތަކުގައި ބައިވެރި ވެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ކަމަށްވާތީއެވެ.
ރާއްޖެއިން "ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕާސަންސް ވިތު ޑިސްއެބިލިޓީސް" ތަސްދީގުކޮށްފައިވަނީ ފަހެއް އޭޕްރީލު 2010 ގައެވެ. ނަމަވެސް، އޭގެ ފަހުން މިހާތަނަށް އައިއިރުވެސް އޭގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވެފައެއް ނުވެއެވެ.
އިންސާނީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ އެކި ނިޒާމުތަކުގެ ދަށުން ރާއްޖެ ރިވިއު ކުރުމުގެ ތެރޭގައި، ވީ އެންމެ އަވަހަކަށް މި ޕްރޮޓޮކޯލް ތަސްދީގުކުރުމަށް މީގެ ކުރިން ގިނަ ރިކޮމެންޑޭޝަންތަކެއް ލިބިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.
މި ޕްރޮޓޮކޯލަކީ ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ރައްކާތެރިކޮށްދޭ ހައްގުތައް އިތުރަށް ހަރުދަނާކޮށް، މުއާހަދާ ތަންފީޒުކުރުމުގައި މެންބަރު ގައުމުތައް ޒިންމާދާރުކުރުމަށް އެކުލަވައިލައިފައިވާ އެއްބަސްވުމެކެވެ.
މި ޕްރޮޓޮކޯލްގެ ދަށުން މައިގަނޑު ދެ ނިޒާމެއް ކަނޑައަޅާފައިވެއެވެ. ފުރަތަމަ ނިޒާމަކީ، ވަކިވަކި ފަރުދުން ނުވަތަ ބައެއްގެ ހައްގެއް ނިގުޅައިގަނެވިއްޖެ ހާލަތެއްގައި، ގައުމުގެ އެތެރޭގެ ގާނޫނީ މަރުހަލާތައް ފުރިހަމަކޮށް ނިމުމަށްފަހު، އެކަމުގެ ޝަކުވާ އދ. ގެ ކޮމިޓީއަށް ހުށަހެޅުމުގެ ފުރުސަތު ދޭ ނިޒާމެކެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް