ރައްޔިތުންގެ މަޖިލީހަށް ހުށަޅާ ގަރާރަށް ބަހުސް ކުރުުމުގެ ކުރިން އެ ގަރާރެއް މަޖިލީހަށް ބަލައިގަނޭތޯ، ވޯޓަށް އަހައި ގަރާރު މަޖިލީހަށް ބަލައިގަތުމަށްފަހު އެ ގަރާރުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދާ ގޮތަށް މަޖިލީހުގެ ގަވައިދު ބަދަލު ކުރަން ހުށަހަޅައިފިއެވެ.
މި ގޮތަށް މަޖިލިސް ގަވައިދުގެ 191 ވަނަ މާއްދާ އިސްލާހު ކުރަން ހުށަހެޅުއްވީ، އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރެވެ.
ގަވާއިދުގެ 191 ވަނަ މާއްދާގައި މިހާރު އޮންނަނީ، މަޖިލީހުގައި ގަރާރުގެ މައްޗަށްވެސް ހިނގާނެ އުސޫލަކީ އާއްމު ގޮތެއްގައި ބިލުގެ މައްޗަށް ހިނގާ އުސޫލު ކަމަށެވެ. ނަމަވެސް މަޖިލީހުން ގަރާރު ފާސް ވުމުން، ބިލު ތަސްދީގު ކުރަން އޮންނަ އުސޫލުން ގަރާރު ތަސްދީގުކުރަން ފޮނުވަން ނުޖެހޭނެ ކަަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.
އެގޮތުގެމަތިން ގަރާރުތަކާމެދު މިހާތަނަށް އަމަލު ކުރަމުން އައީ މެންބަރަކު ގަރާރެއް ހުށަހެޅުމުން، އެ ގަރާރުގެ ފުރަމަ ކިޔުން އިއްވައި، އެ ގަރާރުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދަން ހުޅުވައިލާގޮތަށެވެ. އެއަށްފަހު މަޖިލީހަށް ބިލު ބަލައިގަންނަ އުސޫލުން ގަރާރުވެސް މަޖިލީހަށް ބަަލއިގަނެ ދިރާސާ ކުރުމަށް ކަމާބެހޭ ކޮމިޓީއަށް އަންނަނީ ފޮނުވަމުންނެވެ.
ނަމަވެސް ގަވާއިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، މަޖިލީހަށް ގަރާރު ބަލައިގަންނަން ވޯޓަށް އަހާނީ ގަރާރުގެ އިބްތިދާއީ ބަހުސް ފެށުމުގެ ކުރިން ކަމަށެވެ. ގަރާރު މަޖިލީހަށް ބަލައި ނުގެންފިނަމަ އިތުރު ބަހުސެއް ނޯންނާނެ ކަމަށާއި، ގަރާރު ބާތިލުވީ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.
އެ ގޮތަށް މަޖިިސް ގަވައިދު ބަދަލު ކުރުމުން ކުއްލި މައްސަލަތައް ގޮތަށް، މަޖިލީހަށް ހުށަހަޅާ ގަރާރަކަށް ބަހުސް ކުރުމަށް މަޖިލީހުގައި އެއިރަކު އޮންނަ މެޖޯރިޓީއަކުން ބޭނުންވެއްޖެ ނަމަ ބަހުސަކާ ނުލައި ގަރާރު މަޖިލިސް ތަޅުމުން ބޭރުކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ގަވައިދަށް މި ބަދަލު ގެންނަން ހުށަހެޅި އިސްލާހު، މަޖިލިހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވަނީ މަޖިލީހުގެ އާއްމު ކޮމިޓީއަށް ފޮނުވައިފައެވެ.
އެ ބަދަލު މަޖިލިސް ގަވާއިދަށް ގެންނާނީ އެ ކޮމިޓީން ދިރާސާ ކުރުމަށްފަހު އެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް