ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ "ކޮލިފައިން ލޯ ޑިގްރީ ޕްރޮގްރާމްތަކުގެ އެންމެ ދަށް މިންގަނޑުތައް" ބަޔާންކުރާ ގަވައިދަށް ގެނައި އިސްލާހާ ގުޅިގެން ގާނޫނު ކިޔަވާ ކުދިން ހުށަހެޅި އީ ޕެޓިޝަންގައިވާ ކަންބޮޑުވުންތަކަށް ބާ ކައުންސިލުން އީޖާބީ ގޮތެއްގައި ހައްލެއް ގެންނަން ޖެހޭ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި މަނަދޫ ދާއިރާގެ މަޖިލިސް މެންބަރު ހުސްނީ މުބާރަކް މިއަދު ވިދާޅުވެއްޖެއެވެ.
ހުސްނީ މިހެން ވިދާޅުވީ، އެ ގަވާއިދަށް ބާ ކައުންސިލުން ގެނައި އިސްލާހާ ގުޅިގެން، އަންނަ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން ގާނޫނީ ދާއިރާގެ ޑިގްރީ ޕްރޮގްރާމްތަކުގެ ހުރިހާ އިމްތިހާނުތަކެއް މަރުކަޒަށް ހާޒިރުވެގެން ހަދާން ޖެހޭ ގޮތަށް ލާޒިމް ކުރުމާ ގުޅިގެން، ގާނޫނު ކިޔަވާ ކުދިން މަޖިލީހަށް ހުށަހެޅި އީ ޕެޓިޝަންގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
މެންބަރު ވިދާޅުވީ، ބާ ކައުންސިލެއް ވުޖޫދު ކުރި ސަބަބުތަކުގެ ތެރޭގައި ގާނޫނީ ފަންނު ތަރައްގީކޮށް ބެލެހެއްޓުމާއި، ރައްޖޭގައި ގާނޫނީ ތައުލީމު ދިނުން ހަރުދަނާކޮށް ގާނޫނީ ތައުލީމުގެ ފެންވަރު މަތިކޮށް ކަށަވަރުކުރުން ހިމެނޭ ކަމަށެވެ.
ހަމަ އެއާއެކު، މަތީ ތައުލީމުދޭ މަރުކަޒުތަކުން ހިންގާ ގާނޫނު ކިޔަވައިދޭ ކޯސްތަކުގެ މުގައްރަރާއި، ކޯހުގެ މުއްދަތާއި އެ ކޯސްތަކުގައި ބައިވެރިވުމުގެ ޝަރުތުތަކާބެހޭ ގަވާއިދު ހެދުމުގެ ބާރު ގާނޫނުން ދީފައިވަނީ ބާ ކައުންސިލްގެ އެކްސްކޯއަށް ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެކޯހާ ބެހޭ ކަންކަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ބަލައިގަނެފައިވާނީ، ބާ ކައުންސިލުން ބުނާ މިންގަނޑުތައް ކަޑައަޅާފައި ވުމުން ކަމަށްވެސް ވިދާޅުވިއެވެ.
ހުސްނީ ވިދާޅުވީ، އެ ކޯސްތަކުގައި ބައެއް ދަރިވަރުން ބައިވެރިވެފައިވަނީ، ރަށުގައި ހުރެގެން އީ ލާނިންގެ ތެރެއިން ކޯހުގައި ކިޔަވައި، ޓެސްޓް ހެދޭނެ ފުރުސަތު އޮތުމުން ކަމަށެވެ.
އެ ކޯސްތަކުގައި ކިޔަވާ ކުދިންގެ ތެރޭގައި އެކި ރަށްރަށުގެ ޕޮލިސް ސްޓޭޝަން ތަކުގައި މަސައްކަތްކުރާ އޮފިސަރުން ހިމެނޭ ކަމަށާއި، އެއީ އައިއޯއެއްގެ ގޮތުގައި ކުރިއަށްދާން ފުރުސަތު އޮތުމުން ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ކިޔަވަމުން ދާ ކޯހެއްގެ މެދުތެރެއިން ގަވައިދަށް ބަދަލުތަކެއް ގެނައުމަކީ އެފަރާތްތަކަށް ދިމާވި ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، އެ ކަމުުގެ ސަބަބުން ގިނަ ކުދިންތަކެއްގެ ކިޔެވުމަށް ހުރަސްއެޅިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ހުސްނީ އެދިވަޑައިގެންފައިވަނީ ގާނޫނީ ދާއިރާއިން މިހާރު ކިޔަވަމުން އަންނަ ކުދިން އެ ގަވާއިދުން އިސްތިސްނާކޮށް، ބާ ކައުންސިލުން ގަވައިދަށް އެ ބަދަލު ގެނައި ތާރީހުގެ ފަހުން ކިޔަވަން ފަށާ ކުދިންގެ މައްޗަށް އެ ގަވާއިދު ތަންފީޒު ކުރެވޭނެ ގޮތް ހެދުމަށެވެ.
"ގާނޫނީ އާއްމު އުސޫލަކީ ވެސް އާއްމު ހަމަތަކަކީވެސް ގާނޫނުތަކުގައި ވެސް ހަމަ ރެޓްރެސްޕެކްޓްކޮށް އެޕްލައިއެއް ނުކުރެވޭ ގަވާއިދުތަކުގައިވެސް ރަޖުއީކޮށެއް އެ ތަތުބީއު ކުރެވިގެންދާ އުސޫލެއްނޫން މި އޮންނަނީ،" ހުސްނީ ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް