ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އިނުމަކީ ރަނގަޅުކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

ޖޭއެސްސީއަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ގާނޫނުއަސާސީއަށް ބަދަލުގެންނަން ހުށަހަޅާފައިވާ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އިލިޔާސް ލަބީބު މިއަދު ވިދާޅުވީ، ޖޭއެސްސީއަށް ބަދލުތަކެއް ގެންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ޖޭއެސްސީ މިހާރު އެތުރިފައިވާ ގޮތާބެހޭގޮތުން އިލިޔާސް ލަބީބު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ ބޭފުޅުން މިހާރު ޖޭއެސްސީގައި ތިއްބަވާ ކަމަށެވެ. އެއީ އެޓާނީ ޖެނެރަލް އާއި ރައީސް އައްޔަންކުރައްވާ މެންބަރެކެވެ. ނަމަވެސް މެންބަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާ ކަމަށާއި، ދައުލަތުގެ ތިންބާރުގެ ތެރެއިން އެންމެ މަތީފަރާތް ކަމަށާއި އަދި ސަރުކާރު ހިންގާ ފަރާތް ކަމަށެވެ. އެހެންކަމުން ރައީސް ކަނޑައަޅުއްވާ އެއް މެންބަރަކު ޖޭއެސްސީގައި އިނުން މުހިއްމުން ކަމަށާއި، އެއީ އެޓާނީޖެނެރަލް ކަމަށް ގަބޫލު ކުރައްވާ ކަމަަށްވެސް ވިދާޅުވިއެވެ.

އިލިޔާސް ލަބީބު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައިސާއި މަޖިލިސް މެންބަރަކުވެސް މިހާރު ޖޭއެސްސީ މެންބަރުންގެ ގޮތުގައި ތިއްބަވާ ކަމަށެވެ. ނަމަވެސް މަޖިލިސް ރައީސަކީ ދައުލަތުގެ އެއްބާރުގެ ވެރިޔާ ކަމަށާއި، އެހެންކަމުން ދައުލަތުގެ އެއްބާރުގެ ވެރިޔާ ޖޭއެސްސީގައި އިނުމަކީ އެހާ ރަނގަޅުގޮތްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ފިޔަވައި، ސީދާގޮތުން ރައްޔިތުންގެ ކަންތައްތައް ބެލެހެއްޓުމާއި، ރައްޔިތުންނަށް ކަންތައްތައް ކޮށްދިނުމަށް ރައްޔިތުންގެ ވޯޓުން އިންތިހާބު ކޮށްފައި ތިބޭ ހަމައެކަނި ބަޔަކީ މަޖިލިސް މެންބަރުންކަމުން ރައްޔިތުންގެ މަންދޫބުންގެ ތެރެއިން ރައްޔިތުންގެ ވިންދާއި ކަންތައްތައް ޖޭއެސްސީގެ ތެރޭގައި އިއްވުމަށް މަޖިލިސް މެންބަރަކު ޖޭއެސްސީގައި އިނުމަކީ މުހިއްމުކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޖޭއެސްސީގެ އެންމެ މުހިއްމު މަސްއޫލިއްޔަތުކަމުގައި ގާނޫނުއަސާސީ ބަޔާން ކުރަނީ، ފަނޑިޔާރުންގެ ސުލޫކީ ކަންތައްތައް ބެލުމާއި، ޖުޑިޝަރީ އިސްލާހު ކުރުން ކަމަށެވެ.

ނަމަވެސް ފަނޑިޔާރުންގެ ތެރެއިން ގިނަ ބަޔަކު ޖޭއެސްސީގައި ތިއްބެވުމަކީ، ކޮންމެވެސް ވަރަކަށް މަސްލަހަތު ފުށުއަރާކަމެއް ކަމަށްވެސް ވިދާޅުވިއެވެ. ފަނޑިޔާރުންގެ ތެރެއިން ދެބޭފުޅުން އިނުމަކީ މައްސަލައެއްނޫން ކަމަށްވެސް ވިދާޅުވިއެވެ

އިލިޔާސް ވިދާޅުވީ މަޝްވަރާ ކުރަން ޖެހެނީ ދެން އެ ކޮމިޝަނުގައި ހިމެނެން ޖެހޭ މެންބަރުންނާ ބެހޭގޮތުން ކަމަށެވެ. އެމްޑީޕީން ބޭނުންވަނީ ފުޅާ ދާއިރާއެއްގައި އެކަމާމެދު މަޝްވަރާކޮށްގެން އިސްލާހު ގެންނަން ކަމަށާއި، އެކަމުގައި އެހެން ޕާޓީތަކުގެ ރުހުން އޮންނަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަކީ އެމްޑީޕީގެ ވައުދެއް ކަމަށެވެ. އެހެންކަމުން އެ ވައުދު ފުއްދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި އެމްޑީޕީން އެކަން ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.