ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހުސާން ސަސްޕެންޑުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ގާޒީ އަބްދުﷲ އިހުސާނާ ގުޅޭޣޮތުން ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅިގެން މައްސަލައިގެ ބާވަތަށާއި، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން އޭނާ ސަސްޕެންޑުކުރަން އެ ކޮމިޝަނުން މިއަދު ބޭއްވި ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން ނިންމާފައިވަނީ، ގާޒީ އަބްދުﷲ އިހުސާން، މިއަދުން ފެށިގެން ވަގުތީގޮތުން 60 ދުވަހަށް މަގާމުގެ މަސައްކަތުން ދުރުކުރުމަށެވެ. ނަމަވެސް އޭނާއާ ގުޅޭގޮތުން ތަހުގީގުކުރަމުންދާ މައްސަލައިގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި ގާޒީ އިހުސާންއާ ގުޅޭގޮތުން ހުށަހަޅާފައިވަނީ މުވައްޒަފުންނަށް ފުރައްސާކުރިކަމަށް ތުހުމަތުވާ މައްސަލައެކެވެ. މި މައްސަލައަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޖޭއެސްސީއަށް ހުށަހެޅުނު މައްސަލައެކެވެ.