ސިވިލް ކޯޓުގެ ގާޒީ ސަސްޕެންޑުކުރީ ކޯޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ދެކެވޭ ވާހަކަތައް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދޮގުކޮށްފިއެވެ.
ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހުސާނާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ޖޭއެސްސީން ވަނީ މިއަދުން ފެށިގެން 60 ދުވަހުގެ މުއްދަތަށް މަގާމުގެ މަސައްކަތުން އޭނާ ދުރުކުރަން ނިންމައިފައެވެ. ޖޭއެސްސީން އެ ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައެވެ. މި މައްސަލައަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޖޭއެސްސީއަށް ހުށަހެޅުނު މައްސަލައެކެވެ.
ޖޭއެސްސީން ނިންމި މި ނިންމުމާ ގުޅިގެން ބައެއް މީޑިއާތަކުން ވަނީ، ގާޒީ އިހުސާން ސަސްޕެންޑުކުރުމާއި ސިވިލް ކޯޓަށް ހުށަހަޅާ ލެގޫންސް ސްޕޯޓްސް ކްލަބާ ގުޅޭ މައްސަލަތަކާ ގުޅުވައި ރިޕޯޓުކޮށްފައެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިހުސާން ސަސްޕެންޑްކުރީ މިހާރު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށްބުނެ މީޑިއާތަކުން ފަތުރަނީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ގާޒީ މަސައްކަތުން ދުރުކުރީ އޭނާގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހަޅައި ތަހުގީގުކުރަމުންދާ ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ކަމަށް އެ ބަޔާނުގައި ބުންޏެވެ.
މި މައްސަލައިގެ ތަހުގީގީ އިޖުރާއަތުގެ ތެރެއިން ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުމާއެކު، ގާޒީ އިހުސާންގެ ބަޔާން ނަގައި އަދި ތަހުގީގަށް ބޭނުންވާ އިތުރު ފަރާތްތަކެއްގެ ބަސްވެސް މިހާރު ހޯދާފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ.
ގާޒީ އިހުސާން ވަގުތީ ގޮތުން މަސައްކަތުން ދުރުކުރަން ނިންމި ސަބަބުތައް ވެސް ޖޭއެސްސީން ވަނީ ސާފުކޮށްދީފައެވެ. ކޮމިޝަނުން ބުނިގޮތުގައި، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ބާވަތަށާއި، ތަހުގީގަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި، އޭނާ މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލައިގެ ތަހުގީގަށް ހުރަސްއެޅިދާނެ ކަމަށް ފެންނާތީއެވެ. މީގެ އިތުރުން، މިއީ ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެއް ކަމަށް ވެސް ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.
ސިވިލް ކޯޓުން ވަނީ މިދިޔަ ޖޫން މަހުގެ 17 ގައި ކްލަބު ލެގޫންސްގެ މައްޗަށް ހުކުމެއް ކޮށްފައެވެ. ސިވިލް ކޯޓުން ހުކުމް ކުރީ، ކުލަބުގެ ހިންގާ ކޮމިޓީގެ ހަތަރު މަގާމެއް ހުސްވެފައިވާ ކަމަށްބުނެ އެ ކުލަބުގެ ފަރާތުން 19 އޯގަސްޓް 2025 ގައި ވައިބާ މެދުވެރިކޮށް ބޭއްވި އިންތިހާބަކީ ހިންގާ ގަވާއިދާ ހިލާފަށް ބާއްވާފައިވާ އިންތިހާބަކަށްވާތީ އެއީ ބާތިލު އިންތިހާބެއް ކަމަށެވެ.
ހިންގާ ކޮމިޓީގެ ހަތަރު މަގާމެއް ހުސްވެފައިވާ ކަމަށް ނިންމާފައިވަނީ ހިންގާ ގަވާއިދުގައި ބުނާ އިޖުރާއަތް ފުރިހަމަކުރުމާ ނުލައި ކަމަށްވާތީ، ޖެނެރަލް ސެކްރެޓަރީގެ މަގާމުން އަހްމަދު އަހްލަމް އިސްތިއުފާ ދީފައިވާ ކަމަށް ބަލައި ހިންގާ ކޮމިޓީ އާއި ކުލަބްގެ މެންބަރުކަމުން އޭނާ ވަކިވެފައިވާ ކަމަށް ނިންމާފައިވާ ނިންމުމާއި، ހިންގާ ކޮމިޓީގެ މެންބަރުކަމުން، މުހައްމަދު ޝަރީފާއި ރާމިޒް އިބްރާހިިމް، އިސްތިއުފާދީފައިވާ ކަމަށް ބަލައި އެ މީހުން ހިންގާ ކޮމިޓީގެ މެންބަރުކަމާއި ކުލަބްގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް ނިންމާފައިވަ ނިންމުންވެސް ވަނީ ބާތިލުކޮށްފައެވެ.
އޭގެ އިތުރުން ވައިބާ މެދުވެރިކޮށް ކުރިއަށްގެންދިޔަ އިންތިހާބުގައި ހިންގާ ކޮމިޓީގެ ޖެެނެރަލް ސެކްރެޓަރީ އަކަށް އިބްރާހިމް ލަތީފް އައްޔަންކުރަން ނިންމި ނިންމުމާއި، ހިންގާ ކޮމިޓީގެ މެންބަރުކަމަށް ހަސަން ސުނާން އާއި ހަސަން އިހްސާން އައްޔަންކުރަން ނިންމި ނިންމުމަކީ، ގާނޫނާހިލާފު ނިންމުންތަކެއް ކަަމަށްވެސް ކަނޑައަޅައިފައެވެ.
ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ ގާނޫނީގޮތުން ސައްހަ ހިންގާ ކޮމިޓީއަކީ 11 މާޗް 2022 ގައި އިންތިހާބު ކުރި ހިންގާ ކޮމިޓީ ކަމަށެވެ. އެހެންކަމުން ހިންގާ ކޮމިޓީއަށް ގެނައި ބަދަލު ބާތިލުކޮށް އެކަން އިސްލާހުކޮށް ކޮމިޝަނާ އޮފް ސްޕޯޓްސްއަށް ފޮނުވުމަށް ލެގޫންސް ސްޕޯޓްސް ކްލަބްގެ މައްޗަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
އަދި ކްލަބްގެ އާންމު މެންބަރުކަމުން އަހްމަދު އަލީ އާއި އަބްދުލް ވާހިދު ވަކިކޮށްފައި ވަނީ، ހންގާ ގަވާއިދާ ހިލާފަށް ކަަމަށް ކަނޑައަޅައި ހިންގާ ގަވާއިދާ ހިލާފަށް ހިންގާ ގަވާއިދަށް ގެނެސްފައިވާ ބަދަލުތައް ބާތިލުކޮށް، ބަދަލު ގެނެސްފައިވާ ކަމަށްބުނެ ބަލައި ނުގަތުމަށް ނިންމާފައިވާ މެންބަޝިޕް ފޯމުތައް ބަލައިގަތުމަށްވެސް ކުލަބުގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.
ކުލަބުގެ އާންމު މެންބަރުން ވަކިކުރުމަށް ނިންމާފައިވާ އެންމެހާ ނިންމުންތަކަކީ ހިންގާ ގަވާއިދާ ހިލާފު ނިންމުންތަކެއް ކަމަށް ކަނޑައަޅައި، އެ ނިންމުންތައް ބާތިލުކުރުމަށާއި، އެކި ގޮތްގޮތުން ކުލަބަށް ލިބޭ އާމްދަނީ އާއި ހަރަދުތައް ހިންގާ ގަވާއިދާ އެއްގޮތަށް ކުރިއަށްގެންދަން ކޯޓު ހުކުމްގައި ވަނީ އަމުރުކޮށްފައެވެ.
ކުޅިވަރު ޖަމްއިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދަށް ރިއާޔަތްކޮށް، ހިންގާ ކޮމިޓީގެ އާ އިންތިހާބު ކުރިއަށް ގެންދިއުމުގެ ހުރިހާކަމެއް ކުރިއަށް ގެންދިއުމަކީ 11 މާޗް 2022 ގައި އިންތިހާބު ކުރި ހިންގާ ކޮމިޓީގެ ޒިންމާއެއް ކަަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.
މީގެ އިތުރުން މިދިޔަ މާޗް މަހުގެ ތިންވަނަ ދުވަހު ސިވިލް ކޯޓުން އިންތިހާބު ފަސްކުރުމާ ހަމައަށް އެ ތާރީހުގެ ނިޔަލަށް ކްލަބްގެ މެންބަރަކަށްވުމަށް އެދި ހުށަހަޅާފައިވާ ފޯމުތަކާއި، ކްލަބް އުފެދުނުއިރު ކްލަބްގެ ދަފްތަރުގައި ތިބި 89 މެންބަރުން ހިމެނޭހެން މެންބަރުންގެ ދަފްތަރެއް އެކުލަވާލައި، ގިނަވެގެން 15 ދުވަހުގެ ތެރޭގައި ކޮމިޝަނާ އޮފް ސްޕޯޓްސްގެ ބެލުމުުގެ ދަށުން އިންތިހާބު ބާއްވައި ނިންމުމަށްފަހު އެކަން ދަފްތަރު ކުރުމަށްޓަކައި ކޮމިޝަނަށް ހުށަހެޅުމަށްވެސް ވަނީ މިދިޔަ ޖޫން މަހުގެ 17 ދުވަހު ސިވިލްކޯޓުން ކުރި ހުކުމްގައި އަމުރުކޮށްފައެވެ.
ނަމަވެސް ކްލަބްގެ ގައިރު ހާޒިރުގައި ކޮށްފައިވާ މި ހުކުމް ބާތިލުކޮށްދިނުމަށް، ނުވަތަ ހުކުމް ބަދަލުކޮށްދިނުމަށް އެދި، މިދިޔަ ޖުލައި މަހުގެ ދެވަނަ ދުވަހު ލެގޫންސް ސްޕޯޓްސް ކުލަބުގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅިއެވެ.
މި ހުށަހެޅުމާ ގުޅިގެންވެސް ސިވިލް ކޯޓުން ހުކުމް ކުރީ، ލެގޫންސް ސްޕޯޓްސް ކުލަބުން ހުކުމް ބަދަލުކުރުމަށް އެދި ހުށަހަަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބަލާއިރު، އެ ހުކުމް ބަދަލު ކުރަންޖެހޭ ނުވަތަ ބާތިލު ކުރަންޖެހޭ ތަނެއް ނެތްކަަމަށް ކަނޑައަޅާ ކަމަށެވެ.
އަދި ކުރިން ކޮށްފައިވާ ހުކުމްގައިވާގޮތަށް އަމަލުކޮށް 15 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވައި އެކަން ދަފްތަރު ކުރުމަށް ހުށަހަޅަން އަނެއްކާވެސް އަމުރުކުރިއެވެ.
ލެގޫންސް ސްޕޯޓްސް ކުލަބުން ދެން މި މައްސަލަ ހުށަހެޅީ ހައިކޯޓުގެ އިސްތިއުނާފަށެވެ. އަދި އިސްތިއުނާފް މައްސަލައަށް ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން މި މައްސަލައިގައި ސިވިލް ކޯޓުން ފުރަތަމަ ކުރި ހުުކުމާއި އެ ހުކުމް ދެމެހެއްޓުމަށް އޭގެ ފަހުން ސިވިލްކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގައި އަމުރެއް ނެރުމަށް ވެސް ހުށަހެޅިއެވެ.
ނަމަވެސް ހައިކޯޓުން ނިންމީ، ސިވިލްކޯޓުން ފުރަތަމަ ކޮށްފައިވާ ހުކުމް ދެމެހެއްޓުމަށް ސިވިލްކޯޓުން ފަހުން ކުރި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެންޖެހޭ ތަނެއް ނެތް ކަަމަށެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ކޮމެންޓް