ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިހާރު މަޖިލީހުގެ ތާއީދު ނެތް ކަމަށާއި، އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮނޑީގައި އެމަނިކުފާނަށް ނީނދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހެޅުއްވި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ޖޭއެސްސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އާއި، ޖޭއެސްސީގައި އިންނަވާ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ތުހުމަތު ކުރައްވައި، ޖާބިރު ވިދާޅުވީ، ހިސާންގެ ލޯފާމުންނާއި މަޖިލިސް ރައީސް ނަޝީދުގެ އަމުރުފުޅަށް ޖޭއެެސްސީ ހިންގާ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުން ބަލައިގަންނާނެ ކަމެއްނޫން ކަމަށެވެ. އަދި އެމްޑީޕީއަށް ފައިނޭންސް ކުރި މީހެއްގެ ހައިސިއްޔަތުން އެއީ އޭނާ ގަބޫލު ކުރައްވާނެ ކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، އަލަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އަންނަންޖެހޭ ބޭފުޅަކީ، އެމްޑީޕީގެ ޕީޖީ ލީޑަރުކަމަށް އަލަށް އިންތިހާބުވި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ކަމަށެވެ.

"އަލަށް މި މަޖިލީހުގެ ރައީސަކަށް އަންނަން ޖެހޭ ބޭފުޅަކީ އައްޑުއަތޮޅު މެންބަރު އަސްލަމް، އޭނާއަށް އެ މަގާމު ހައްގު ވެއްޖެ ކަމަށް ގަބޫލު ކުރަން، ތާއީދު ނެތް މީހަކު މި މަޖިލީހުގެ ރައީސްކަމުގައި އިނދެެގެން ނުވާނެ، އެއީ ރައީސް ނަޝީދު ކަމަށްވިޔަސް، މިއަދު އޭނާގެ ތާއީދު ގެއްލިއްޖެ،" ޖާބިރު ވިދާޅުވިއެވެ.