ސްޕެނިޝް ލަލީގާގައި އަލާވޭސް ކައިރިން ހޯދި މޮޅާއެކު ރެއާލް މެޑްރިޑުން ލީގު ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.
ރޭ ރެއާލް ދަނޑުގައި އެޓީމުން އަލާވޭސް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ރެއާލް އަތުން ބަލިވި އަލާވޭސް ލީގު ތާވަލުގެ 19 ވަނައިގައި މިވަގުތު އޮތް އިރު، ރެއާލް އެއްވަނައިގައި އޮތީ 25 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ސެވިއްޔާ އޮތީ 24 މެޗުން ހޯދި 50 ޕޮއިންޓާ އެކުގައެވެ. ލަލީގާ ތާވަލުގެ ތިންވަނައިގައި ރެއާލް ބެޓިސް މިވަގުތު އޮތް އިރު، ހަތަރުވަނައިގައި އޮތީ އެންމެފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑެވެ.
ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއަށްވެސް އެންމެ އެކަށޭނެ ހަމަލާތަކެއް އުފެއްދިފައި ނުވި ނަމަވެސް މެޗުގެ 63 ވަނަ މިނެޓުގައި މާކޯ އަސެންސިއޯ ޖެހި ގޯލާއެކު ރެއާލް ލީޑު ނެގިއެވެ. ރެއާލްގެ ފަރާތުން ފުރަތަމަ ހާފުގައި ފެނުނު ދަށް ކުޅުމުން ސަޕޯޓަރުން މާޔޫސްކަމުގައި ތިބި ނަމަވެސް މެޗުގެ 80 ވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއާ ވަނީ ރެއާލްގެ ދެވަނަ ގޯލު ޖަހައިފައެވެ.
މެޗުގައި ރެއާލް ޖެހި ތިންވަނަ ގޯލަކީ މެޗު ނިމެން ދަނިކޮށް ކަރިމް ބެންޒެމާ ޖެހި ޕެނަލްޓީއެކެވެ.
ރޭގެ މެޗަށް ރެއާލް ނުކުތީ މިދިޔަ ހަފްތާ ތެރޭގައި ޔޫއެފާ ޗެމްޕިއަންސް ލީގި ގަދަ 16ގެ ފުރަތަމަ ލެގުގައި ޕީއެސްޖީ ކައިރިން ވި ބަލި ހަނދާން ނައްތާލުމަށެވެ. ޕީއެސްޖީ ކައިރީ ފުރަތަމަ ލެގުގައި ރެއާލްއިން 1-0 އިން ބަލިވި ނަމަވެސް ހޯމް ލެގުގައި ނަތީޖާ އަނބުރާލުމަށް ރެއާލްއަށް ފުރުސަތު އެބައޮތެވެ. ރެއާލް ދަނޑުގައި ކުޅޭ ދެވަނަ ލެގު އޮންނާނީ މާޗު 10 ވަނަ ދުވަހުއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު