ކުޅިވަރު

ނޭމާގެ ޕެނަލްޓީ ނާކާމިޔާބުވެ ޕީއެސްޖީއަށް ހަޑި ބައްޔެއް

ފްރާންސް ލީގުގައި ރޭ ކުޅުނު މެޗުގައި ނޯންޓް އަތުން ޕީއެސްޖީ ބަލިވެއްޖެއެވެ.

ނޯންޓްގެ ދަނޑުގައި ރޭ ކުޅުނު މެޗުން ޕީއެސްޖީ ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. ރޭގެ ބައްޔަކީ ތަރިންގެ ޕީއެސްޖީއަށް މި ސީޒަނުގެ ލީގުގައި ކުރިމަތިލާން ޖެހުނު ދެވަނަ ބައްޔެވެ. ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީ ކޮޅަށް ތިން ގޯލު ޖަހައިފައިވާ އިރު، މެޗު އަނބުރާލަން ދެވަނަ ހާފުގައި އެޓީމުން ކުރި މަސައްކަތްވީ ނާކާމިޔާބެވެ.

ރޭގެ މެޗަށް ޕީއެސްޖީ ނުކުތީ އެންމެފަހުން މިދިޔަ ހަފުތާ ތެރޭގައި ކުޅުނު ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑް ބަލިކުރުމަށް ފަހުއެވެ. 1-0 އިން އެ މެޗުގައި ޕީއެސްޖީން ރެއާލް ބަލިކުރި އިރު، ގޯލު ޖެހީ ކިލިއަން އެމްބާޕޭ އެވެ. ރޭގެ މެޗަށް ޕީއެސްޖީން ނެރުނު ފުރަތަމަ 11 ގައިވެސް އެމްބާޕޭއާއި ނޭމާގެ އިތުރުން ލިއޮނަލް މެސީވެސް ހިމެނުނެވެ. އޭގެ އިތުރުން މެދުތެރެއިން މާކޯ ވެރާޓީ އާއި އިދުރީސީ ގާނާ ގާޔޭ އަދި ޖީނީ ވައިނާލްޑަމްވެސް ފާހަގަވެގެން ދިޔައެވެ.

ވަރުގަދަ ލައިން އަޕަކާއެކު މެޗަށް ނުކުތް ޕީއެސްޖީ ކޮޅަށް ފަސް މިނެޓްވެސް ނުވަނީސް ނޯންޓުން ގޯލު ޖެހިއެވެ. ރަންޑަލް ކޯލޯގެ އެ ގޯލާއެކު ނޯންޓުން ލީޑު ނެގި އިރު، މުޅި މެޗުގައިވެސް ނޯންޓްގެ ގޯލްކީޕަރު އަލްބާން ލަފޮންޓްގެ ތަފާތު މޮޅު ކުޅުން ފާހަގަވެގެން ދިޔައެވެ.

ނޯންޓްގެ ދެވަނަ ގޯލު ކުއެޓިން މާލިން ޖެހި އިރު، ތިންވަނަ ގޯލަކީ ހާފު ނިމެން ދަނިކޮށް ލިބުނު ޕެނަލްޓީއެއްގައި ލުޑޮވިކް ބްލާސް ޖެހި ގޯލެކެވެ.

މެޗަށް އަނބުރާ ވަނުމަށް މަސައްކަތް ކުރި ޕީއެސްޖީން ދެވަނަ ހާފަށް ނުކުމެ ނޭމާގެ ގޯލާއެކު މެޗު އަނބުރާލަން އުންމީދު އާކުރިއެވެ. އެ އުންމީދު ފަނޑުވެގެން ދިޔައީ މެޗުގެ 59 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ނޭމާ ނާކާމިޔާބު ކޮށްލުމުންނެވެ. ނޭމާ ޖެހި ޕެނަލްޓީ މަޑުމަޑުން އޭނާ ޖެހީ ގޯލްކީޕަރު ލަފޮންޓްގެ އަތަށެވެ.

ފްރެންޗް ލީގުގެ އެއް ވަނައިގައި ޕީއެސްޖީ އޮތީ 25 މެޗުން 59 ޕޮއިންޓާ އެކުގައެވެ. ދެ ވަނައިގައި އޮތް މާސޭ އަށް 24 މެޗުން 46 ޕޮއިންޓް ލިބިފައިވާ އިރު، މިރޭ ކުޅޭ މެޗުން މޮޅުވެ، އެއްވަނައިގައި އޮތް ޕީއެސްޖީއާ 10 ޕޮއިންޓް ގާތަށް ޖެހުމަށް މާސޭއަށް ފުރުސަތު އެބައޮތެވެ.