ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމު ކޮށްފައިވާ ހައިކޯޓުގެ ވަކި ވަކި ގޮފިތައް އުވާލުމަށްޓަކައި ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅަން ނިންމައިފި އެވެ.

ކޯޓުތަކުގެ ގާނޫނަށް ގެންނަ އިސްލާހެއްގެ ގޮތުގައި ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވާނީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު އެވެ.

މިދިޔަ ހަފުތާގައި މި ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގައި ވަނީ އިއްވައިފައެވެ.

އެކޯޓުގެ ގޮފިތައް އުފައްދާފައި ވަނީ ކޯޓުތަކުގެ ގާނޫނުގެ 35 މައްދާގެ (ށ) އާއި އޭގެ ތިރިން ހުރި އަކުރުތަކުން ބާރު ލިބިގެންނެވެ.

ކޯޓުތަކުގެ ގާނޫނުގެ 35 މާއްދާގެ (ށ)ގައި ބުނެފައި ވަނީ، ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދެއްގައި ހައިކޯޓުގެ ދެ ގޮފި ގާއިމުކޮށް އެ ސަރަހައްދުތަކުގެ

މެޖިސްޓްރޭޓް ކޯޓުތަކުގެ ނިންމުންތައް އިސްތިއުނާފު ކުރެވޭނެ އިންތިޒާމު ހަމަޖައްސަންވާނެކަމަށެވެ.

އެ ދެ ގޮފި ގާއިމުކުރާނެ ރަށަކާއި، އެ ދެ ގޮތްޕަށް ނިސްބަތްވާ ސަރަހައްދުތަކަކީ ކޮބައިކަން ކަނޑައަޅާނީ ސުޕްރީމްކޯޓުން ކަމަށްވެސް ބުނެފައިވެއެވެ. އަދި ހައިކޯޓަށް ވަކި ހާއްސަ އިހުތިސާސްތަކެއް ކަނޑައެޅިފައި ވީނަމަވެސް، ހައިކޯޓުގެ ދެ ގޮފީގެ ތެރެއިން ކޮންމެ ގޮތްޕެއްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭނީ އެ ސަރައްދެއްގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރުން އެކަނި ކަމަށްވެސް ކަނޑައަޅާފައި ވެއެވެ.

އެ މާއްދާގައި އިތުރަށް ބުނެފައި ވަނީ، ހައިކޯޓުގެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖައްސާނީ ހައިކޯޓަށް އައްޔަންކޮށްފައިވާ 11 ފަނޑިޔާރުންގެ ތެރެއިން ކޮންމެ ގޮތްޕަކަށް ތިން ފަނޑިޔާރުންގެ ނިސްބަތުން ކަމަށެވެ. އަދި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން އެ ގޮފިތަކަށް ހައިކޯޓުގެ ފަނޑިޔާރުން ހަމަޖެއްސުމަކީ ސުޕްރީމްކޯޓުގެ މަސްއޫލިއްޔަތެއް ކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ހައިކޯޓުގެ ގޮފިތައް ގާއިމު ކުރަން ޖެހޭގޮތަށް ގާނޫނު އިސްލާހު ކުރީ 2014 ވަނަ އަހަރުއެވެ. އޭގެ ފަހުން ރާއްޖޭގެ ދެ ސަރަހައްދު ކަމަށްވާ، ހދ. ކުޅުދުއްފުށީގައި ހައިކޯޓުގެ އުތުރު ގޮފި، އައްޑޫސީޓީގައި ހައިކޯޓުގެ ދެކުނު ގޮފި ވަނީ ގާއިމުކޮށްފައެވެ.

އޭގެ ތެރެއިން އުތުރުގޮފީގައި ހިމެނޭ އަތޮޅު ތަކަކީ ހއ، ހދ، ށ، ނ، ރ އަދި ބ. އަތޮޅެވެ. ދެކުނުގައި ހިމެނޭ އަތޮޅޫ ތަކަކީ ގއ، ގދ، ޏ، އަދި އައްޑޫ ސިޓީއެވެ.

ނަމަވެސް ކޯޓުތަކުގެ ގާނޫނަށް ބަދަލު ގެނެސް ގޮފިތައް އުވާލުމަށް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލު ފޮނުވައިފައެވެ.

މިދިޔަ ހަފުތާގައި އެބިލުގެ ފުރަތަމަ ކިއުން މަޖިލީހަށް އިއްވާފައިވާއިރު އެ ބިލު މަޖިލީހަށް ހުށަހަޅުއްވާނީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ.

މި ބިލުގައި ގާނޫނުގެ 35 މާއްދާއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ހައިކޯޓު އަދި ހައިކޯޓުގެ އެންމެހައި ޝަރީއަތްތަކުގެ އަޑުއެހުން އާއްމު ގޮތެއްގައި ހިނގަމުންދާނީ، އަދި ހައިކޯޓަށް އައްޔަންކުރާ އެންމެހައި ފަނޑިޔާރުން ގާއިމުވެ ތިބޭނީ މާލޭގައި ކަމަށެވެ. އެކަން އެހެން އޮތް ނަމަވެސް ހައިކޯޓުގައި ހިނގަމުންދާ މައްސަލަތަކުގެ އަދަދަށް ބަލައި، ހައިކޯޓުގެ ގަވާއިދުގައި ކަނޑައަޅާ އުސޫލަކުން، މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ހައިކޯޓުގެ ޝަރީއަތުގެ އަޑުއެހުންތައް ބޭއްވުމުގެ އިހުތިޔާރު ހައިކޯޓަށް ލިބިގެންވާ ކަމަށްވެސް ބުނެފައިވެއެވެ.

ގާނޫނަށް މި އިސްލާހު ގެނެސް އަމަލު ކުރަން ފެށުމުން ހައިކޯޓުގެ ގޮފިތަކާ ގުޅިގެން ނެރެފައިވާ، ސުޕްރީމް ކޯޓުގެ ރޫލިންތަކާއި ގަރާރުތަކާއި، ސާކިއުލާތަކާއި، އާއްމު ސިޓީތައް އުވުނީކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.