އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ރޭ ކުޅުނު މެޗުގައި ޓޮޓެންހަމް އަތުން ބަލިވެއްޖެއެވެ.

ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު ފޯރިގަދަ މެޗު ޓޮޓެންހަމްއިން ކާމިޔާބުކުރީ 3-2ގެ ނަތީޖާއަކުންނެވެ. މެޗުގެ އިތުރު ވަގުތުގައި ދެ ގޯލު ފެނިގެން ދިޔައިރު، ރޭގެ ނަތީޖާއާއެކު ޓޮޓެންހަމް ވެފައިވަނީ މި ސީޒަންގެ ލީގުގައި ދެ ބުރަށް ސިޓީ ބަލިކުރި ފުރަތަމަ ޓީމަށެވެ.

މިދިޔަ ހަފުތާ ތެރޭ ޗެމްޕިއަންސް ލީގު ގަދަ 16ގައި ސިޓީން ކުޅުނު މެޗުގައި ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން ކޮޅަށް ފަސް ގޯލު ޖަހައި، އެޓީމުން ފޯމުގައި ރޭގެ މެޗަށް ނުކުތް ނަމަވެސް ޓޮޓެންހަމްއިން ވަނީ ކައުންޓާ އެޓޭކް މޮޅު ފުޓުބޯޅައެއް ކުޅެފައެވެ. ހާއްސަކޮށް ޓޮޓެންހަމްގެ އިނގިރޭސި ފޯވަޑް ހެރީ ކޭންގެ ފަރާތުން ރޭގެ މެޗުގައި މޮޅު ކުޅުމެއް ފެނިފައިވެއެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ސީޒަންގައި ސިޓީން ކޭން ގެންދަން ދެ ފަހަރަށް ބިޑްކޮށްގެންވެސް ޓޮޓެންހަމްއިން އެކަމަށް އެއްބަސްވެފައެއް ނުވެއެވެ. ކޭން އަމިއްލައަށް ދާން ބޭނުންވެ އެކަން އިއުލާން ކުރި ނަމަވެސް، ޓޮޓެންހަމްއިން ދޫ ނުކުރުމުން ކޭންއަށް ޖެހުނީ މަޑުކުރާށެވެ. އެހެންކަމުން ރޭގެ މެޗުގެ ފޯކަސް މާ ކުރިންވެސް އޮތީ ކޭންއަށް ހުއްޓިފައެވެ.

މެޗު ފެށިގެން ފަސް މިނެޓު ތެރޭގައި ޓޮޓެންހަމްއިން ލީޑު ނެގިއެވެ. ކައުންޓާ އެޓޭކުގައި ހިއުން މިއުން ސޮން ކުރިއަށް ޖެހި އުފެއްދި ހަމަލާގައި ޓޮޓެންހަމް ލީޑު ނެގީ ޑީޖާން ކްލުސެވްސްކީގެ ގޯލުންނެވެ. ކްލުސެވްސްކީއަކީ ޖެނުއަރީ ޓްރާންސްފާގައި ޓޮޓެންހަމްއަށް ދިޔަ ޒުވާން ކުޅުންތެރިއެކެވެ.

އޭގެ ފަހުން މެޗުގެ 15 ވަރަކަށް މިނެޓުގައި ދެން ފެނުނީ ސިޓީން އެޓޭކަކަށްފަހު އެޓޭކެއް ކުރިތަނެވެ. ޓޮޓެންހަމް ޑިފެންސަށް އުނދަގޫތަކެއް ކުރިމަތިކޮށް ސިޓީން ނުރައްކާ ކުރި އިރު، އިލްކާއީ ގުންޑޮގަން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށްވެސް އަމާޒުވިއެވެ. ސިޓީން ކުރި ޕްރެޝަރުގައި އެޓީމުގެ ފުރަތަމަ ގޯލު ފެނުނީ މެޗުގެ 33 ވަނަ މިނެޓުގައެވެ. އަރިމަތިން ޖާއޯ ކާންސެލޯ ނަގައިދިން ހުރަސް ޓޮޓެންހަމްގެ ގޯލްކީޕަރު ހޫގޯ ލޮރިސް އަތުގައި ޖެހިފައި އޭރިއާ ތެރެއަށް ވެއްޓުމުން ގޯލު ޖަހައިދިނީ ގުންޑޮގަންއެވެ.

ސިޓީން މޮޅަށް ކުޅެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް ޓޮޓެންހަމުން ދެވަނަ ހާފުގައި ކައުންޓާ އެޓޭކް ރަނގަޅުކޮށް ޓެކްޓިކަލީ ކުރި ހޯދިއެވެ. އެންޓޯނިއޯ ކޮންޓޭ ސްޓައިލްގެ ދިގު ބޯޅަތަކެއް ކުރިއަށް ލައި، ޓޮޓެންހަމުން ކުރި ކައުންޓާ އެޓޭކްގެ ފައިދާ ނަގައި، މެޗުގެ 59 ވަނަ މިނެޓުގައި ކޭން އޭނާގެ ފުރަތަމަ ގޯލު ޖެހިއެވެ. އެއީ ސޮންގެ ހިތްގައިމު ހުރަހަކުން ޖެހި ގޯލެކެވެ.

މެޗުގެ "ޑްރާމާ" އެންމެ ބޮޑަށް ދެން ފެނިގެން ދިޔައީ 90 މިނެޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. މެޗުގެ 90 ވަނަ މިނެޓުގައި ސިޓީއަށް ޕެނަލްޓީއެއް ލިބުނެވެ. އެ ޕެނަލްޓީ ސިޓީއަށް ލިބުނީ އޭރިއާ ތެރެއިން ޓޮޓެންހަމްގެ އާޖެންޓީނާގެ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ އަތުގައި ބޯޅައިން ޖެހުމުންނެވެ. އެ ނިންމުން ނިންމަން ރެފްރީ ވީއޭއާރްގެ އެހީވެސް ހޯދި އިރު، ޕެނަލްޓީ ކާމިޔާބުކޮށްދީ ނަތީޖާ ހަމަހަމަ ކޮށްދިނީ ރިޔާދު މަހަރޭޒްއެވެ.

ސިޓީން ޕޮއިންޓެއް ޔަގީން ކުރެވުނީ ކަމަށް ހީކޮށްލައިގެން ތިއްބައި، މެޗުގެ 95 ވަނަ މިނެޓުގައި ޓޮޓެންހަމުން އިތުރު ކައުންޓާ އެޓޭކެއް އުފައްދައި އަނެއްކާވެސް ލީޑު ނެގިއެވެ. އެ ގޯލަކީ އަރިމަތިން ނެގި ހުރަސް ބޮލުން ގޯލަށް ވައްދާލައި ކޭން ޖެހި ގޯލެކެވެ.

ސިޓީއަށް ލީގު ތާވަލުގެ އެއްވަނައިގައި 26 މެޗުން 63 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ލިވަޕޫލް ވަނީ ރޭ ކުޅުނު މެޗުން މޮޅުވެ، ސިޓީއާ ހަ ޕޮއިންޓަށް ގާތް ކޮށްފައެވެ. އެއީ އަދި 25 މެޗު ކުޅެގެންނެވެ. ޓޮޓެންހަމަށް 23 މެޗުން 39 ޕޮއިންޓް ލިބިފައި އޮތް އިރު، އެޓީމު އޮތީ ތާވަލުގެ ހަތް ވަނައިގައެވެ. ހަވަނައިގައި އާސެނަލް އޮތީ 23 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ.