ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) މެދުވެރިކޮށް ސަރުކާރުން ދޫކުރާ ގެދޮރުވެރިޔާ ލޯނަށް 297 މީހަކު އެދިފައިވާ ކަމަށާއި އޭގެ ތެރެއިން 96 މީހެއްގެ ލޯނު އެޕްރޫވްވެފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ނައިފަރުގައި މި ސަރުކާރުން އެޅި 100 ހައުސިން ޔުނިޓު އެރަށުގެ ކައުންސިލާ ހަވާލުކުރުމަށް މިއަދު ހަވީރު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، އަތޮޅުތެރޭގެ 14 ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށެވެ. އެ މަޝްރޫއުތަކުގެ އަގު 1.5 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ރާއްޖޭގެ ގިނަ ރަށްތަކަށް ކުރިމަތިވަމުން އަންނަ އެންމެ ބޮޑު އިޖުތިމާއީ މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަ ކަމަށާއި އެ މައްސަލަ ހައްލުކުރަން ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ގެވަޅެއް އޮތް ނަމަވެސް މާލީ ދަތިކަމުގެ ސަބަބުން، ގެ އަޅައިގެން އެތަންތަނަށް ބަދަލުވެވޭނެ ގޮތެއް ނެތް އާއިލާތައްވެސް ގިނަކަން ފާހަގަކުރެއްވިއެވެ،.

"ގެ އަޅަން ގެދޮރުވެރިޔާ ލޯނަށް 297 މީހުން އެދިފައިވޭ. އޭގެ ތެރެއިން 96 މީހެއްގެ ލޯންވަނީ އެޕްރޫވްކޮށްފައި. އަދި 28 މީހުންނަށް ލޯނުގެ ފައިސާ ދޫކުރުމާއި ހަމައަށް މިހާރު މަސައްކަތް ގޮސްފައިވޭ." އަސްލަމް ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ލޯން ސްކީމްގެ ލޯން ދޫކުރާނީ އަމިއްލަ ގޯތީގައި އަލަށް ގެއެއް އަޅަން ނުވަތަ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ނުވަތަ ގެ އިމާރާތް ކުރުމަށެވެ. އޭގެ ގްރޭސް ޕީރިއަޑަކީ 12-15 މެހެވެ. ހަ ޕަސެންޓް އިންޓަރެސްޓް ރޭޓުގައި ދޭ އެ ލޯނު އަނބުރާ ދައްކަން ޖެހޭނީ ގިނަވެގެން 20 އަހަރުގެ މުއްދަތަކަށް ބަހާލައިގެންނެވެ.