މ. މުލީ އެއާޕޯޓާއި ގދ. ފަރެސްމާތޮޑާ އެއާޕޯޓް މިއަހަރުގެ ތެރޭގައި ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްުޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޅ. މަޑިވަރު އެއާޕޯޓު ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސް ސޯލިހު ވިދާޅުވީ، މަޑިވަރު އެއާޕޯޓު ހުޅުވުމާއެކު މާލެއިން އުތުރުގެ ކޮންމެ އަތޮޅެއްގައި މިހާރު އެއާޕޯޓެއް ހުޅުވިފައިވާ ކަމަށާއި ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް 30 މިނިޓުން ދެވޭ ހިސާބުގައި އެއާޕޯޓުތައް ގާއިމުކުރުން ކަމަށެވެ.
"މިއަހަރުގެ ތެރޭގައި އަދި އިތުރު ދެ އެއާޕޯޓު ހުޅުވިގެންދާނެ. އެއީ ފަރެސްމާތޮޑާ އެއާޕޯޓާއި މުލީ އެއާޕޯޓް. އޭގެ އިތުރުން، ހަ އެއާޕޯޓެއްގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ގައުމެއްގެ ތަރައްގީގެ އެންމެ މުހިންމު އެއް ވަސީލަތަކީ ފަސޭހަ ދަތުރުފަތުރުކުރެވޭނެ ނިޒާމެއް އޮތުން ކަމަށެވެ.
ފަރެސްމާތޮޑާ އެއާޕޯޓާއި މުލީ އެއާޕޯޓުގެ މަސައްކަތްކުރަމުން އަންނަނީ އެމްޓީސީސީންނެވެ.
ފަރެސްމާތޮޑާ އެއާޕޯޓު ޖުމުލަ 144.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާ އިރު، އެ އެއާޕޯޓުގައި 1200 މީޓަރުގެ ރަންވޭއަކާއި ޓެކްސީވޭއަކާއި އޭޕްރަންއަކާއި ސާވިސް ރޯޑު އިމާރާތް ކުރާނެއެވެ.
މުލީ އެއާޕޯޓު އަޅަނީ 22.1 މިލިއަން ރުފިޔާ ހަރަދުކޮށްގެނެވެ. އެ އެއާޕޯޓުގައިވެސް 1200 މީޓަރުގެ ރަންވޭއެއް ގާއިމުކުރާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު