ށ. މިލަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ނ. މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅުނު ކަމަށް ތުހުމަތުކުރާ މީހަކު އެރަށު ޕޮލިސް ޑެސްކުގެ އިންޗާޖު ސާޖެންޓު މުހައްމަދު އަރީޝް ހުއްޓުވުމުން، ރޭ ދަންވަރު ވަނީ އޭނާގެ ސައިކަލުގައި ރޯކޮށްލައިފިއެވެ.
ފުލުހުން މިރޭ ބުނީ އެމައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ހައްޔަރުކޮށްފައިވަނީ ތިން ދިވެހީން ކަމަށެވެ. އެއީ 22 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއްގެ އިތުރުން 31 އަހަރުގެ މީހެކެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އެ މައްސަލައިގެ ތަހުގީގަށް ޕޮލިސް ހެޑްކުއާޓާގައި މަސައްކަތްކުރާ އިންވެސްޓިގޭޝަން އޮފިސަރުންގެ ޓީމެއް މިއަދު މިލަދުއަށް ފޮނުވާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ.
ހަމީދު މިއަދު ވިދާޅުވީ، މިލަދޫގައި އަމާން މާހައުލެއް ގާއިމުކުރުމަށް އަރީޝް ކުރަމުންދާ މަސައްކަތާ މެދު ފަހުރުވެރިވާ ކަމަށެވެ. އަދި އަރީޝްއަކީ ވަރަށް ހިތްވަރާއެކު މަސައްކަތް ކުރަމުންދާ ފުލުހެއް ކަމަށެވެ.
ހަމީދު އިތުރަށް ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތް ހުއްޓުވުމަށް އުނދަގޫ ކުރި ނަމަވެސް އެ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ފުލުހުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތައް ބަލަން ސަރުކާރު ނުތިބޭނެ ކަމަށާއި ސައިކަލުގައި ރޯކޮށްލި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.
ފުލުސް މީހާގެ ސައިކަލުގައި ރޯކޮށްލާ ވީޑިއޯއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯގައި މޫނު ނިވާކޮށްގެން ހުރި އެކަކު ފުލުސް މީހާ ދިރިއުޅޭ ގޭތެރެއަށް ވަދެ އޭނާގެ ސައިކަލަށް ޕެޓްރޯލް ޖަހާތަން ފެނެއެވެ. އަދި މޫނު ނިވާކޮށްގެން ހުރި އިތުރު މީހަކު އެގޭތެރެއަށް ވަނުމަށްފަހު ސައިކަލުގައި ރޯކޮށްލުމަށްފަހު ފިލައިގެންދާ މަންޒަރު ފެނެއެވެ.