ޚަބަރު

އުނދަގޫ ކުރިޔަސް މަސްތުވާތަކެއްޗާ ދެކޮޅަށްކުރާ މަސައްކަތް ހުއްޓާނުލާނަން: ސީޕީ

މުހައްމަދު އިޝާން

ބިރު ދައްކައި އުނދަގޫ ކުރި ނަމަވެސް މަސްތުވާތަކެއްޗާ ދެކޮޅަށްކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ނ. މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅުނު ކަމަށް ތުހުމަތުކުރާ މީހަކު އެރަށު ޕޮލިސް ޑެސްކުގެ އިންޗާޖު ސާޖެންޓު މުހައްމަދު އަރީޝް ހުއްޓުވުމުން، ރޭ ދަންވަރު ވަނީ އޭނާގެ ސައިކަލުގައި ރޯކޮށްލައިފިއެވެ. އެ މައްސަލަ ތަހުގީގުކުރުމުގެ މަސައްކަތް މިހާރު ފުލުހުން ވަނީ ފަށައިފައެވެ.

އަރީޝް ސައިކަލުގައި ރޯކޮށްލި ހާދިސާއާ ގުޅިގެން ހަމީދު މިއަދު ވިދާޅުވީ، މިލަދޫގައި އަމާން މާހައުލެއް ގާއިމުކުރުމަށް އަރީޝް ކުރަމުންދާ މަސައްކަތާ މެދު ފަހުރުވެރިވާ ކަމަށެވެ. އަދި އަރީޝްއަކީ ވަރަށް ހިތްވަރާއެކު މަސައްކަތް ކުރަމުންދާ ފުލުހެއް ކަމަށެވެ.

ހަމީދު ވިދާޅުވީ އަރީޝްގެ ސައިކަލުގައި ރޯކޮށްލި މައްސަލަ ތަހުގީގުކުރަން ޕޮލިސް ހެޑްކުއާޓާއިން ޓީމެއް ފޮނުވާފައިވާ ކަމަށާއި ސައިކަލުގައި ރޯކޮށްލި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތައް ހައްޔަރުކުރުމަށް މިލަދޫ ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ގައުމީ ލެވެލްގަ އާއި ބައިނަލްއަގުވާމީ ލެވެލްގައި ކުރަމުންގެންދާ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

އެމައްސަލައިގައި ފުލުހުން ވަނީ ކޯޓް އަމުރެއްގެ ދަށުން ތިން ދިވެހީން ހައްޔަރުކޮށްފައެވެ. އެއީ 22 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނެއްގެ އިތުރުން 31 އަހަރުގެ ފިރިހެނެކެވެ.

އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ފުލުހުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތައް ބަލަން ސަރުކާރުން ނުތިބޭނެ ކަމަށެވެ. އަދި އަރީޝްގެ ސައިކަލުގައި ރޯކޮށްލި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.

ފުލުސް މީހާގެ ސައިކަލުގައި ރޯކޮށްލާ ވީޑިއޯއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯގައި މޫނު ނިވާކޮށްގެން ހުރި އެކަކު ފުލުސް މީހާ ދިރިއުޅޭ ގޭތެރެއަށް ވަދެ އޭނާގެ ސައިކަލަށް ޕެޓްރޯލް ޖަހާތަން ފެނެއެވެ. އަދި މޫނު ނިވާކޮށްގެން ހުރި އިތުރު މީހަކު އެގޭތެރެއަށް ވަނުމަށްފަހު ސައިކަލުގައި ރޯކޮށްލުމަށްފަހު ފިލައިގެންދާ މަންޒަރު ފެނެއެވެ.