އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އެންމެފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ކުޅުނު ފުރަތަމަ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗަކީ މާޒިޔާއާ އަލަށް ހަވާލުވި ކޯޗު، ސާބިއާގެ މަޔޮޑްރަގް ޖެސިކްގެ އިރުޝާދުގެ ދަށުން ޓީމު ކުޅުނު ފުރަތަމަ މެޗެވެ. ކޯޗު ޖެސިކް މާޒިޔާއަށް ގެނައީ ޕްރެސިޑެންޓްސް ކަޕްގެ ފައިނަލުގައި ވެލެންސިއާ އަތުން ވި ބައްޔަށްފަހު، އޭރު ހުރި ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) މަގާމުން ދުރުކޮށްފައެވެ.

މިއަދުގެ މެޗަށް މާޒިޔާއިން ނެރުނު ފުރަތަމަ 11 ގައި ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) އާއި ޕްރެސިޑެންޓްސް ކަޕްގައި ރަނގަޅު ފޯމެއްގައި ކުޅުނު އިބްރާހީމް ވަހީދު ހަސަން (އިއްބެ)، ގައުމީ ޓީމުގެ ޑިފެންޑަރު ހައިޝަމް ހަސަން، މިޑްފީލްޑަރު ހުސައިން ނިހާން (ނިހާޓް) އަދި އަލަށް ޓީމަށް ގެނައި ޕެޑްރޯ ޓާނާ ހިމެނިފައެއް ނުވެއެވެ. އޭގެ ތެރެއިން ޓާނާއާއި ނިހާޓްވެސް މެޗުގެ ފަހު ހާފުގައި ކުޅެން ނުކުމެފައިވެއެވެ.

އަނެއްކޮޅުން ސަސްގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރާ ޔަސްފާދު ހަބީބު (މުލަކޭ) ވެސް މެޗަށް ނުކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

އުންމީދު ކުރި ގޮތަކަށް މެޗަށް ނުކުމެ ސަސްއިން ބޮޑަށް ބެލީ މާޒިޔާގެ އެޓޭކް ހުއްޓުވުމަށެވެ. ގިނަ ކުޅުންތެރިންތަކެއް ފަހަތަށް ޖެހި ކުޅުނު އިރު، މާޒިޔާއަށް އެންމެ އުނދަގޫވީ "ކޮމްޕެކްޓް" ކޮށްގެން ކުޅުނު ސަސްގެ ޑިފެންސް ފޫއަޅުވާލުމަށެވެ. އެ މަސައްކަތުގައި ފުރަތަމަ ހާފުގައި މާޒިޔާއިން ކުރި މަސައްކަތުން އެންމެ އެދެވޭ ނަތީޖާއެއްވެސް ފެނިގެން ގޮސްފައެއް ނުވެއެވެ.

މެޗުގެ ކުރީކޮޅުގައި ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) ޖެހި ބޯޅައެއް ސަސްގެ ޑިފެންޑަރު ބްލޮކްކޮށް ބޭރުކޮށްލި އިރު، އޭގެ ފަހުން ހަމްޒާ މުހައްމަދު (ހަމްޕު) އަރިމަތިން ވަދެ ކަނޑާލި ބޯޅައިގައި އިބްރާހީމް އައިސަމް ޖެހި ބާރު ހަމަލާ ދިޔައީ މާ ބޮޑަށްވެސް މަތިން ބޭރަށެވެ.

ދެވަނަ ހާފަށް އަސައްކޮގެ ބަދަލުގައި ޓާނާ ކުޅެން ނުކުމެފައިވާ އިރު، އެއީ މާޒިޔާ ޖާޒީގައި ޓާނާގެ ފުރަތަމަ ފެނިލުމެވެ. ކުރިން ލަލީގާގައި، ލާސް ޕާމާސްއަށް ކުޅުނު ފޯވަޑް ޓާނާ ދިވެހި ޕްރިމިއާ ލީގަށް އައީ އާ ޗެލެންޖަކަށް ކަމަށް އޭނާ ބުނެފައިވެއެވެ.

ދެވަނަ ހާފުގައިވެސް މާޒިޔާއިން ކުރިއަށް ޖެހި ގޯލަކަށް ބުރަކޮށް މަސައްކަތް ކުރި އިރު، ހާފުގެ ކުރީކޮޅުގައި އައިސަމް ބޮލުން ޖެހި ހަމަލާއެއް ގޯލާ އަމާޒުނުވެ ބޭރަށް ދިޔައެވެ. މާޒިޔާއިން ކުރަމުން ދިޔަ ޕްރެޝަރުގައި އެޓީމުން ލީޑު ނެގީ މެޗުގެ 78 ވަނަ މިނެޓުގައެވެ. މާޒިޔާގެ މެދުތެރެއިން ހަމްޕު މަތިން އެއްލި ބޯޅައަކަށް ކުރިއަށް ޖެހި ގޯލު ޖަހައިދިނީ ސެއިންޓް ވިންސެންޓްގެ ފޯވަޑު ކޯނެލިއަސް ސްޓެވާޓެވެ.

އެ ގޯލަށްފަހު މާޒިޔާއިންވެސް ވަރަށް ބޮޑަށް ހަމަޖެހިލިއެވެ. ލީޑު ހިފަހައްޓަން އެޓީމުން މަސައްކަތް ކުރި އިރު، ލީޑު ފުޅާކުރަން ހަމްޕުއަށް ލިބުނު ފުރުސަތުގައި ޖެހި ބޯޅަ މަތަކުރީ ސަސްގެ ގޯލު ބަލަހައްޓަމުން ދިޔަ މުހައްމަދު ޝަފީއު (ޗެކް) އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅޭ މެޗުގައި ކްލަބު އީގަލްސް ނުކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.