އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލުމަށްފަހު ފެންވަޅަކަށް ވައްޓައިލައިފައި އޮއްވައި ފެނުނު މަހުމޫދު އަބޫބަކުރު މަރައިލި މައްސަލައިގައި ހުކުމް އިއްވުން އަންނަ ބުރާސްފަތި ދުވަހު ބާއްވަން ކުރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.

މަހުމޫދު މަރާލުމަށްފަހު ބޮލާއި ފައިގައި ގޯންޏެއް އަޅުވައި، ފަޅުގެއެއްގައި ހުރި ވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނީ ހުސްވި އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ އޮތް ސާފް ޗެމްޕިއަންޝިޕް މެޗަށްފަހު އޭނާ ގެއިން ނުކުމެގެންދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށެވެ.

މަހުމޫދުގެ ހަށިގަނޑު ފެނުނުއިރު 30 ތަނަކަށް ވަޅިން ހަމަލާދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލައިގައި ސާލިމްގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކޮށްފައިވެއެވެ. އެއީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާއެވެ.

މި މައްސަލައިގެ އިބުތިދާއީ އަޑުއެހުމުގައި ސާލިމް ވަނީ ކުށަށް އިއުތިރާފުވެފައެވެ. އަދި އެ މައްސަލައިގައި އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށާއި އިއުތިރާފު ވެފައިވަނީ އެއްވެސް މަޖުބޫރީ ހާލަތެއް އޮވެގެން ނޫން ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މިއަދު އޮތީ ވާރިސުންގެ ބަސް ހޯދައި މައްސަލައިގެ ހުކުމް އިއްވުމެވެ. މިއަދު ޝަރީއަތުން ވަނީ މަހުމޫދުގެ ހުރިހާ ވާރިސުންގެ ބަސް ހޯދައިފައެވެ. ހުރިހާ ވާރިސުން ވެސް ބޭނުންވީ މަރަށް ހިފުމަށެވެ. އެހެންވެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލު ވަނީ ސަލީމަށް މަރުގެ އަދަބު ނޫން އަދަބެއް ދެވެން ނެތްކަން އަންގައިފައެވެ.

އެގޮތަށް ގާޒީ އެންގުމުން ސާލިމު ވަނީ ރޮމުން މާފަށް އެދިފައެވެ. އަދި މަހުމޫދު މަރައިލެވުނީ ޝައިތޯނާ ބޮލަށް އެރުމުން ކަމަށާއި އޭނާގެ މައިންބަފައިންނާއި އަނބިދަރިން ބަލަންޖެހޭ ކަމަށެވެ. އަދި ބުނީ މަރުގެ އަދަބު ނޫން އަދަބެއް ދެވެން އޮތްތޯ ބަލައިދިނުމަށެވެ.

ނަމަވެސް ގާޒީ ވަނީ އޭނާގެ ވާހަކަތައް ހުއްޓުވައި އިޝީނުމަށް އަންގައިފައެވެ. ފަހު ފުރުސަތުގައި ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި ވެސް އަދަބާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ބަދަލުގައި ސާލިމު ވަނީ ކުރިން ދެއްކި ވާހަކަ ތަކުރާރުކޮށްފައެވެ.

މައްސަލައިގެ އަދަބާ ބެހޭ ގޮތުން ވާހަކަދައްކައި ނިމުމުން ގާޒީ ޝަކީލް ވަނީ ދެން އޮންނާނީ ފަނޑިޔާރުގެ ހުކުމް އިއްވުން ކަމަށް ވިދާޅުވެ، އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ހުކުމް އިއްވުމުގެ ޝަރީއަތް އޮންނާނެ ކަން އިއުލާނުކުރައްވައިފައެވެ.