ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރޭ ކުޅުނު މެޗުގައި އިންޓަ މިލާން ބަލިކޮށް ލިވަޕޫލުން ކުއާޓާ ފައިނަލްގެ ފުރުސަތު ބޮޑުކޮށްފިއެވެ.
އިޓަލީގެ ސަންސީރޯގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ 2-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އަވޭ ލެގު ލިވަޕޫލުން ކާމިޔާބު ކޮށްފައިވާ އިރު، ދެން ދެޓީމު ނުކުންނާނީ އެންފީލްޑްގައެވެ. އަވޭ ގޯލް އުސޫލު މިއަހަރުގެ މުބާރާތަށް ޔޫއެފާއިން އުވާލައިފައިވީ ނަމަވެސް ދެ ގޯލުގެ ލީޑަކާއެކު އެންފީލްޑަށް ތައްޔާރުވުމަކީ ލިވަޕޫލަށް އޮތް ބޮޑު ހިތްވަރެކެވެ.
މެޗަށް ލިވަޕޫލުން ނެރުނު ފުރަތަމަ 11ގައި ހާވީ އެލޮއިޓްވެސް ފާހަގަކޮށްލެވުނު އިރު، އިންޓާ މެޗަށް ނުކުތީ ސަސްޕެންޝަނުގައި ހުރި އިޓަލީ މިޑްފީލްޑަރު ނިކޮލާ ބަރޭލާ ނުލައެވެ. އެއީ އިންޓައަށް މުހިންމު ކުޅުންތެރިއަކަށްވީ އިރު، އޭނާ ނެތްތަން ފޫބައްދަން ނުކުތީ ތަޖުރިބާކާރު މިޑްފީލްޑަރު، ޗިލީގެ އަރުޓޫރޯ ވިޑާލްއެވެ. ވިޑާލް ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކައިފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، ލިވަޕޫލްގެ ފަރާތުން ފެނުނީ އެޓީމުގެ ހައި ޕްރެސިން ފުޓުބޯޅައެވެ. އިންޓަ ޑިފެންސަށް އެ ޕްރެޝަރުން ސަލާމަތްވާން އުނދަގޫތަކެއްް ދިމާވި ނަމަވެސް، އެޓީމުން ވަނީ ރަނގަޅަށް ބޯޅަ ހިފަހައްޓައިފައެވެ. ހާއްސަކޮށް ލިވަޕޫލްގެ ހަލުވި ފޯވަޑް ލައިނަށް ޖާގަ ކުޑަކޮށް އިންޓައިން ފިޒިކަލީ ވަރުގަދަ ކުޅުމެއް ދެއްކިއެވެ.
ކައުންޓާ އެޓޭކްގައި އިންޓައިން ފުރަތަމަ ހާފުގައި އުފެއްދި ހަމަލާގައި ހަކަން ޗަލަނޫލީ ޖެހި ބޯޅަ ގޯލުގެ މަތީ ދަނޑިއަށް އަމާޒުވެފައިވާ އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް މުޅިންހެން ކުޅުނީ އިންޓައިންނެވެ. ގިނަ ވަގުތު އިންޓައިން ކުޅުނު ނަމަވެސް އެޓީމު މާޔޫސްވީ ލިވަޕޫލުން ފަހު ކޮޅުގައި ދެ ގޯލު ޖެހުމުންނެވެ.
ފުރަތަމަ ލިވަޕޫލުން ޖެހި ގޯލަކީ ކޯނަރެއްގައި ރޮބާޓޯ ފިރްމީނޯ ޖެހި ގޯލެކެވެ. ފިރްމީނޯ މެޗަށް ނުކުތީ ދެވަނަ ހާފަށެވެ. އޭގެ އިރުކޮޅެއް ފަހުން މުހައްމަދު ސަލާހް ވަނީ ލިވަޕޫލްގެ ލީޑު ފުޅާކޮށްދީފައެވެ. ދެވަނަ ގޯލާއެކު ލިވަޕޫލުން ހަމަޖެހިލައި ފުރަތަމަ މެޗުން ކާމިޔާބު ހޯދިއެވެ.
އިންޓައާއި ލިވަޕޫލް ކުޅޭ ދެވަނަ ލެގު އޮންނާނީ މާޗު ނުވަވަނަ ދުވަހުގެ ރޭގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު