ދިވެހި ޕްރިމިއާ ލީގު

ދިވެހި ޕްރިމިއާ ލީގުގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ

އެފްއޭއެމް ފުރަތަމަ ޑިވިޝަން، ދިވެހި ޕްރިމިއާ ލީގު 2022ގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

އެކަން އިއުލާން ކުރުމަށް މިއަދު ވަނީ ހަފުލާއެއް ބާއްވައިފައެވެ. އެ ހަފުލާގައި އުރީދޫ މޯލްޑިވްސްގެ އާ ސީއީއޯ ހާލިދު ހަސަން އަލް ހަމަދީއަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ގައުމީ ޓީމުގެ ޖާޒީއެއް އަރުވައިފައެވެ.

އެފްއޭއެމްއާއެކު ވެވުނު އެއްބަސްވުމަށްފަހު އުރީދޫން ބުނީ ލީގު ސްޕޮންސަރަކަށްވުމަކީ އެ ކުންފުންޏަށް ފަހުރެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ފުޓުބޯޅައަށް އިތުރު ހިދުމަތްތައް ކޮށް، އާ ޖީލެއް ބިނާކުރުމުގެ މަސައްކަތްތައް އެފްއޭއެމްއާއެކު ކުރާނެ ކަމަށެވެ. އަދި އެފްއޭއެމުން ވަނީ ލީގު ސްޕޮންސަރު އުރީދޫއަށް ފުޓުބޯޅަ އާއިލާގެ ނަމުގައި ޝުކުރު އަދާކޮށްފައެވެ.

އުރީދޫއަކީ 2015 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ޑިވިޝަން ދިވެހި ޕްރިމިއާ ލީގަށް ރީ ބްރޭންޑް ކުރި ފަހުން ޖެހިގެން އައި ދެއަހަރުވެސް ލީގުގެ ޓައިޓަލް ސްޕޮންސަރެވެ. އުރީދޫން ލީގު ޓައިޓަލް 2017 ވަނަ އަހަރު ދޫކޮށްލި އިރު، މިއީ އެފަހުން ޓައިޓަލް ނެގި ފުރަތަމަ ފަހަރެވެ.

އުރީދޫއަކީ ރާއްޖޭގެ ކުޅިވަރު އާއިލާއާ ގާތް ގުޅުމެއް އޮންނަ ކުންފުންޏެކެވެ. ބޮޑެތި ކުޅިވަރު އިވެންޓުތައް ސްޕޮންސާ ކުރުމުގެ އިތުރުން ފުޓުބޯޅަ ކްލަބުތަކުގެ ސްޕޮންސަރުގެ ގޮތުގައިވެސް އުރީދޫން އަންނަނީ ހަރަކާތްތެރިވަމުންނެވެ.