ރާއްޖެއަށް ވައިގެމަގުން 4.3 ކިލޯގެ ކޮކެއިން އެތެރެކުރަން މަސައްކަތްކުރަނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އިން ހައްޔަރުކުރި ބްރެޒިލްގެ ދެ މީހުންގެ ބަންދަށް 30 ދުވަސް ކުރިމިނަލް ކޯޓުން ޖަހައިފިއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގިޔަން ވެސްލީ އެންމެލް އަލްވެސް (21ފ) އާއި ލުޒިއާ ރީކަލްޑީ (24އ) އެވެ. ބަންދު މުރާޖާ ކުރުމަށް އިއްޔެ ކުރިމިނަލް ކޯޓަށް އެ ދެ މީހުން ހާޒިރުކުރީ ކުރިން ދީފައިވާ ފަސް ދުވަހުގެ ބަންދު ހަމަވާތީއެވެ.
އެ ދެ މީހުން އިއްޔެ ކޯޓަށް ހާޒިރުކުރުމަށްފަހު ފުލުހުން ބުނެފައިވަނީ ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެއްޗާ ހަވާލުވާން ތިބި މީހުން ހޯދުމަށް ހިންގާ ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނަށް އެ މީހުން އެއްބާރުލުން ދެމުންނުދާ ކަމަށެވެ. އެ ދެ މީހުންނަކީ ރޭވިގެން ހިންގާ މަސްތުވާތަކެތީގެ ނެޓްވޯކެއްގައި އުޅޭ ބައެއް ކަމަށް ތުހުމަތުކޮށް އެ މީހުން އެތެރެކުރި މަސްތުވާތަކެއްޗާ ހަވާލުވާނެ ދިވެހިން ތިބޭނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ވާހަކަތަކާ ގުޅިގެން އެ ދެ މީހުން މީހުން ބުނެފައިވަނީ، ފުލުހުންގެ ފަރާތުން އެހީތެރިކަމަށް އެދިފައި ނުވާ ކަމަށެވެ. އަދި ބުނީ މައްސަލައިން ދިފާއުވާން ދިވެހި ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖެހިފައިވީ ނަމަވެސް އެ ވަކީލާ ބައްދަލުވެފައި ނުވާ ކަމަށެވެ.
ބަންދު މުރާޖާ ކުރަން ހުންނެވި ގާޒީ ސަފްވަތު ހަބީބު ދެ ފަރާތުގެ ވާހަކަ އަޑުއެއްސެވުމަށްފަހު ނިންމެވީ، ބްރެޒިލް ދެ މީހުންގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އާއި، މަސްތުވާތަކެތި ކޮންސީލްކޮށްގެން ނުވަތަ ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުމުގެ ސަބަބުންނާއި އަދި މިއީ ރޭވިގެން ޖަމާއަތެއް މެދުވެރިކޮށް ހިންގާފައިވާ އަމަލެއްކަމަށް ވުމުންނާއި އަދި އެ އަމަލުގައި ދިވެހިން ވެސް ބައިވެރިވާތީ ބްރެޒިލް ދެ މީހުންގެ ބަންދަށް އިތުރު 30 ދުވަސް ޖެހުމަށެވެ.
ގިޔަން ވެސްލީ އެންމެލް އަލްވެސް އާއި ލުޒިއާ ރީކަލްޑީ މަސްތުވާތަކެއްޗާއެކު އެއާޕޯޓުން ހުއްޓުވީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮފިސަރެކެވެ. އެ މައްސަލައިގައި އެ މުއައްސަސާއިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަހުގެ ހަތަރުވަނަ ދުވަހު ރާއްޖެ އައި އުމުރުން 21 އަހަރުގެ ބްރެޒިލް ފިރިހެނަކާއި އެ ގައުމަށް ނިސްބަތްވާ 23 އަހަރުގެ އަންހެނަކު ހުއްޓުވައި ލަގެޖް ފާސްކުރިއިރު ލަގެޖްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިގެން ޓެސްޓު ކޮށްފައިވާ ކަމަށެވެ.
އެ ތަކެތި ޓެސްޓްކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި ފިރިހެން މީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 1.8 ކިލޯ ގްރާމް ހުރިއިރު އަންހެން މީހާގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 2.5 ކިލޯ ހުރިކަމަށް ކަސްޓަމުން ބުނެއެވެ.
އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 21.3 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު