އެމްޑީޕީގެ ޗެއާޕާސަން ކަމުގައި މަގާމަށް ކުރިމަތިލައްވާފައިވާ، އެޕާޓީގެ މިހާރުގެ ތަރުޖަމާނު، އިމްތިޔާޒް ފަހުމީ (އިންތި) އަށް އިހުތިރާމު ކުރައްވާ ކަމަށާއި އެހެން ނަމަވެސް އެމްޑީޕީ ހިންގަން ގަދަވާނީ އޭނާ ކަމަށް، މި މަގާމަށް ކުރިމަތިލައްވާފައިވާ މިހާރުގެ އިކޮނޮމިކް މިނިސްޓަރު، ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ފައްޔާޒް މިހެން ވިދާޅުވީ، އޭނާ "ވަން" އަށް އިއްޔެ ދިން ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ކަމުގެ މަގާމަށް މީހަކު އިންތިހާބު ކުރުމުގެ ވޯޓުލުން އޭޕްރީލް 16 ގައި ބޭއްވުމަށް އެޕާޓީން ވަނީ ނިންމައިފައެވެ.
ފައްޔާޒް އަދި އިންތިގެ ފަހަތަށް ޕާޓީގެ އިސް ސަފާއި އާންމު މެންބަރުން އަންނަނީ ބެހެމުންނެވެ. ޕާޓީގެ އެތެރޭގެ ބައެއް އިންތިހާބުތަކުގައި ކުރީންވެސް ފެނުނު ފަދަ ވާދަވެރިކަމެއްގެ ފެށުން އަންނަނީ ފެންނަމުންނެވެ. އެގޮތުން، ރައީސް ސޯލިހަށް ތާއީދުކުރައްވާ ގިނަ ބޭފުޅުންތަކެއް ފައްޔާޒަށް ތާއީދުކުރައްވަމުން ގެންދަވާ އިރު، ރައީސް ނަޝީދުގެ ގާތް ބޭފުޅުން ގެންދަވަނީ އިންތި ފަހަތަށް އަރައިވަޑައިގަންނަވަމުންނެވެ. އެ ގޮތުން މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ އިންތިއަށް ތާއީދުކުރައްވާކަމަށް ވިދާޅުވެ ޓުވީޓު ކުރައްވައިފަ އެވެ. ހަމަ އެހެންމެ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ޑެޕިއުޓީ ލީޑަރު، ރޮޒެއިނާ އާދަމް ވަނީ އޭނާ ތާއީދު ކުރައްވަނީ ފައްޔާޒަށް ކަމަށް ވިދާޅުވެފަ އެވެ.
އިއްޔެގެ އިންޓަވިއުގައި ފައްޔާޒް ވިދާޅުވީ، އިންތިއަކީ ވެސް ގާބިލު ބޭފުޅެއް ކަމަށާއި ޕާޓީގެ މެންބަރުންގެ ކުރިމަތީގައި މިހުރީ ރަނގަޅު ޗޮއިސްތަކެއް ކަމަށެވެ. އެހެންކަމުން މެންބަރުން ރަނގަޅަށް ވިސްނަވާފައި ވޯޓުދެއްވުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕާޓީން ހާސިލުކުރާން ބޭނުންވާ މަގުސަދު ހާސިލުކުރުމަށް، ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތްކުރުމަށް ޕާޓީ ވަރަށް ބޮޑަށް އެކްޓިވް ވާން އެބަ ޖެހޭ. ޕާޓީގެ ހިންގުން ވަރަށްބޮޑަށް ރަނގަޅުވާން އެބަ ޖެހޭ. އެހެންވީމަ ކުރިޔަށް މިއޮތް 18 ވަރަކަށް މަސްތެރޭ މި ޕާޓީ ގަދަޔަށް ހިންގާލެވޭނީ ކާކަށްތޯ ބަލަންވީ. އެގޮތަށްބަލާއިރު، ޕާޓީއެއް ހިންގުމުގަ އިންތިއަށްވުރެ އަޅުގަނޑު ގަދަވާނެ ކަމަށް ގަބޫލުކުރަނީ. ހިންގުމުގެ ތަޖުރިބާއާއި ގާބިލުކަމަށް ބަލާއިރު އިންތިއަށްވުރެ ކުރީގަ ހުރީ އަޅުގަނޑު ކަމަށް ގަބޫލު މިކުރަނީ. އެއްވެސް ހާލެއްގަ އިންތިއަކީވެސް ގޯސް ބޭފުޅެއް ނޫން." ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ، އެއްވެސް ހުރަހެއް ނެތި، މެދުކެނޑުމެއް ނެތި ޕާޓީގެ މެންބަރުންގެ ބަސް، އެމެންބަރުންގެ ވާހަކަތައް ޕާޓީއާއި ހަމަޔަށް އަދި ސަރުކާރު ތެރެޔަށް ގެންދެވޭނެ ފަސޭހަ މަގެއް އޮންނަން އެބަ ޖެހޭ ކަމަށެވެ. އެއީ ރާއްޖޭގެ ގައުމީ ތަރައްގީއާއި އެމްޑީޕީން ބޭނުންވާ ހެޔޮ ވެރިކަމަށްޓަކައި ކޮންމެހެންވެސް ބޭނުންތެރި ކަމެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ސަރުކާރާއި ޕާޓީ އެކުވެގެން، ރަށްރަށުގައި ވެސް ޕާޓީގެ ހަރަކާތްތައް ހިންގަން އެބަ ޖެހޭ ކަމަށާއި ޕާޓީއާއި ޕާޓީގެ ދާއިރާތަކާވެސް ގުޅުން މިހާރު އޮތީ ފަނޑުވެފައި ކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑު ސަރުކާރު ތެރޭގައިވެސް މަގާމެއް އަދާކުރަމުން ދާތީ، ޕާޓީއާއި ސަރުކާރާއި ޕާޓީއާއި މެންބަރުންނާ އޮތް ގުޅުން ވަރުގަދަކުރުމުގެ އަދި ހުރި މައްސަލަތައް ހައްލުކުރުމުގަވެސް އަޅުގަނޑަށް ވަރަށް ރަނގަޅު ރޯލެއް ކުޅެވޭނެ. އަޅުގަނޑު ސަރުކާރު ތެރޭގައި ހުރީމަ ސަރުކާރާ ހިސާބަށް އެކަންތައްތައް ގެންދިއުމަށް ވަރަށް ބޮޑަށް މަގުފަހިވެގެން އެބަދޭ. އަޅުގަނޑަކީ އެކަންކަމަށް އޮތް ރަނގަޅު ފާލަމެއް." ފައްޔާޒް ވިދާޅުވި އެވެ.
ސިޔާސީ
ސިޔާސީ
ސިޔާސީ
ސިޔާސީ