ޕީއެސްޖީގެ ތަރި ކިލިއަން އެމްބާޕޭއަކީ ހުނަރުގެ ގޮތުން އޭލިއަންއެއް ކަމަށް، އޭނާއާއެކު އެއް ކްލަބަކަށް ކުޅެމުން އަންނަ އިޓަލީ ގޯލްކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާ ބުނެފިއެވެ.
ފްރާންސްގެ ޕެރިހުގައި ރޭ ކުޅުނު ޗެމްޕިއަންސް ލީގު ގަދަ 16 ގެ ފުރަތަމަ ލެގުގެ މެޗު، ޕީއެސްޖީން ކާމިޔާބުކުރީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ. މެޗުގައި ލިއޮނަލް މެސީ އަތުން ޕެނަލްޓީއެއް ނާކާމިޔާބުވި އިރު، ޕީއެސްޖީގެ ގޯލު، ފަހު މިނެޓުގައި ޖަހައިދިނީ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ އެވެ. ރެއާލްއިން ލޯ އަޅަމުން އަންނަ ފޯވަޑް އެމްބާޕޭގެ އެ ގޯލާއެކު ޕީއެސްޖީއަށް ވަނީ ކުއާޓާއަށް ފުރުސަތު ބޮޑުވެފައެވެ.
އެމްބާޕޭ އެ ގޯލު ޖެހީ ނޭމާ ދިން ބެކްހީލް ޕާހެއް އޭރިއާ ބޭރުން ހޯދައި، ކޮއްޓާފައި އޭރިއާ ތެރެއަށް ވަދެ، އޭރިއާ ތެރެއިން ރެއާލްގެ ދެ ޑިފެންޑަރުން އެއް ފަހަރާ ނައްޓާލުމަށްފަހުއެވެ. ހިތްގައިމުކޮށް ދެ ޑިފެންޑަރުން ނައްޓާލައި، އެމްބާޕޭ ގޯލަށް ބޯޅަ ވައްދާލީ ފޯމުގައި ކުޅެމުން ދިޔަ ރެއާލްގެ ބެލްޖިއަމް ގޯލްކީޕަރު ތީބޯ ކޯޝުއާ ފައި ދަށުންނެވެ.
"އެމްބާޕޭއަކީ އާދަޔާ ހިލާފު ކުޅުންތެރިއެއް. ތަފާތު މޮޅު ކުޅުންތެރިއެއް. އެއީ އޭލިއަނެއް. އެމްބާޕޭއާއެކު ކޮންމެ ވަގުތެއްވެސް އެއީ ޖާދުވީ ވަގުތެއް. ދަނޑު ބޭރުންނާއި ދަނޑު ތެރެއިންވެސް އެންބާޕޭގެ ޝޯ ހިތްގައިމުވާނެ،" މެޗަށްފަހު ޕީއެސްޖީގެ އިޓަލީ ގޯލްކީޕަރު ޑޮނަރޫމާ ބުންޏެވެ.
ޑޮނަރޫމާ ވަނީ އެމްބާޕޭ ޕީއެސްޖީ ދޫކޮށްލާނެ ކަމަށް ދެކެވޭ ވާހަކަތަކަށްވެސް ޖަވާބު ދީފައެވެ. މި ސީޒަނަށްފަހު އެމްބާޕޭ ރެއާލް މެޑްރިޑަށް ދާނެ ކަމަށް ވާހަކަތައް ހުރި އިރު، ގޯލްކީޕަރު ޑޮނަރޫމާ ބުނީ އެމްބާޕޭގެ ނިންމުން އޭނާ ކޮންމެ ގޮތަކަށް ނިންމިޔަސް މައްސަލައެއް ނެތް ކަމަށާއި، މިއަދު އެމްބާޕޭގެ ފަރާތުން ހިނިތުންވުން ލިބެނީ ޕީއެސްޖީއަށް ކަމަށްވުމަކީ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.
އުމުރުން 23 އަހަރުގެ އެމްބާޕޭއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާއެވެ. އެމްބާޕޭއަކީ މުސްތަގުބަލުގައި ބެލޮންޑިއޯ ހޯދުން ގާތް ކުޅުންތެރިއެއް ކަމަށް ގިނަ ބަޔަކު ދެކޭ އިރު، އޭނާގެ ޓްރާންސްފާ ނިންމުމަކަށް ޔޫރަޕް އަންނަނީ ލޯ އަޅަމުންނެވެ.
ޕީއެސްޖީއާއި ރެއާލް ވާދަކުރާ ދެވަނަ ލެގުގެ މެޗު ސްޕެއިންގެ ސަންތިއޭގޯ ބާނަބޭއޫގައި އޮންނާނީ އަންނަ މަހު 10 ވަނަ ދުވަހުއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު