ރިސޯޓެއްގައި މަސައްކަތް ކުރި ސައުތު ކޮރެއާގެ އަންހެނަކު ރޭޕް ކުރިކަމަށް ސާބިތުވެ، ނ. މަނަދޫ، ދިލްބާހަރުގެ މުހައްމަދު ނިޔާޒު 15 އަހަރަށް ޖަލަށްލާން ހައި ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށް، ރޭޕްގެ ކުށްތައް ސާބިތު ކުރުމާ ބެހޭ ވަރުގަދަ އުސޫލުތަކެއް އެ ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ދަންވަރު 3:30 ހާއިރު ރިސޯޓެއްގެ ސައުތު ކޮރެއާ އަންހެނަކު ރޭޕް ކޮށްފައިވަނީ ތިން މީހަކު ވެގެންނެވެ. އެއީ އެ ރިސޯޓުގައި މަސައްކަތް ކުރި ތިން ދިވެހީންނެވެ.

އެ އަންހެން މީހާ ރޭޕްކުރީ ކަނު ބަނދެގެން، ކަރުގައި ތޫނު އެއްޗެއް ޖައްސައި ބިރުދައްކައިގެންނެވެ. އެ ތިން މީހުންގެ ތެރެއިން ދެ މީހެއްގެ މައްޗަށް ދައުވާ ކުރީ ރޭޕް ކުރުމުގެ ދައުވާއެވެ. އަދި ބާކީ ހުރި މީހާގެ މައްޗަށް ކުރީ ރޭޕް ކުރުމުގައި ބައިވެރިވުމުގެ ދައުވާއެވެ.

އެ މައްސަލަ ބެލުމަށްފަހު ކުރިމިނަލް ކޯޓުން ހުކުމްކުރީ އެ ތިން މީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށެވެ.

ނަމަވެސް ޕީޖީގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ނިޔާޒުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ އެ އަންހެން މީހާގެ ޖިންސީ ގުނަވަނުން، ނިޔާޒުގެ ޑީއެންއޭ ސްވޮބްއެއް ފެނިފައިވުމާ ގުޅިގެންނެވެ.

ހައިކޯޓުން ކުރި ހުކުމާމެދު ހިތްހަމަ ނުޖެހިގެން ނިޔާޒުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިނާފު ކުރިއިރު، ބުނެފައި ވަނީ އޭނާގެ ޑީއެންއޭ ރިޕޯޓަކީ ގާނޫނާ ހިލާފަށް ހޯދާފައިވާ ހެއްކެއް ކަމަށާއި އެ ރިޕޯޓަކީ މައުލޫއީ ގޮތުން ޝައްކުތަކެއް އުފެދިފައިވާ ރިޕޯޓެއް ކަމަށެވެ.

ނަމަވެސް ފަނޑިޔާރު ހުސްނުސުއޫދުގެ ރައުޔަށް، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ތާއީދުކޮށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ސައުތު ކޮރެއާގެ އަންހެން މީހާގެ ކުރިމަތި ފަރާތުން ނެގި ޑީއެންއޭ އާއި ކުށް ސާބިތުވި މީހާގެ ސްޕާމް ހެޑް ޑީއެންއޭ ދިމާވާ ކަމަށެވެ. އަދި އަންހެން މީހާގެ ކުރިމަތި ފަރާތުން ނިޔާޒުގެ ޑީއެންއޭ ފެންނަން ޖެހުނު ސަބަބެއް އޭނާ ބުނެދީފައިނުވާ ކަމަށްވެސް ހުކުމުގައި ބުންޏެވެ.

ހުކުމުގައި ބުނީ ފަތުރުވެރިޔާގެ ކޮޓަރިން ފެނުނު ބާލީސް އުރަތަކުން އެ މައްސަލައިގައި ތުހުމަތު ކުރެވުނު އެހެން މީހުންގެ ޑީއެންއޭ ވެސް ފެނިފައިވާ ކަމަށެވެ.

އަންހެން މީހާ ރޭޕް ކުރުމަށްފަހު އެ މީހުން އެ ކޮޓަރީގެ ތަޅުންގަނޑު މައްޗަށް ފެން އެޅި ކަމަށް އަންހެން މީހާ ބުނެފައިވާ ކަމަށާއި ތުހުމަތު ކުރެވުނު އެހެން މީހެއްގެ ފިންގަޕްރިންޓް އެ ކޮޓަރީގައި ހުރި ފެންތަށްޓަކުން ފެނިފައިވާ ކަމަށެވެ. އަދި އެއީ ތަޅުންގަނޑު މައްޗަށް ފެން އަޅަން އެ މީހުން ގެންގުޅުނު ތަށި ކަމަށް ބެލެވޭ ކަމަށްވެސް ހުކުމުގައިވެއެވެ.

ފަނޑިޔާރު ސުއޫދު ވިދާޅުވީ ރޭޕްގެ ކުށްތައް ހިންގަނީ ސިއްރުން ކަމަށް ވާތީ އެފަދަ މައްސަލަތައް ސާބިތު ކުރުމުގައި ލުއި މިންގަނޑެއް ޖިންސީ ކުށުގެ ގާނޫނުގައި އެބައޮތް ކަމަށެވެ. އެހެންކަމުން ރޭޕްގެ ޝިކާރައަކަށްވާ މީހާގެ ބަހަކީ އެންމެ މައިގަނޑު އަސާސް ކަމަށް ބަލަންޖެހޭ ކަމަށާއި އަދި އޭނާގެ ބަހަށް ބާރުދޭ ހެކި ހުރި ނަމަ ކުށް ސާބިތު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މި މައްސަލައިގެ ހުކުމް އިއްވުމުގައި ކީރިތި ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ވެސް ވަނީ ރިއާޔަތް ކުރައްވައިފައެވެ.

އެގޮތުން ރައުޔުގައި ފަނޑިޔާރު ސުއޫދު ވިދާޅުވީ ކީރިތި ރަސޫލާގެ ދުވަސްވަރު އަންހެނަކު ނަމާދަށް ދަނިކޮށް އަނދިރި ކަމުގެ ތެރޭގައި ގަދަކަމުން ފިރިހެނަކު އޭނާއާ ޒިނޭ ކުރުމަށްފަހު ދުވެފިލި ކަމަށެވެ. އަދި އެ ފިރިހެން މީހާ ހޯދައިގެން އަނިޔާ ލިބުނު އަންހެން މީހާގެ ގާތަށް ގެނައުމުން، އަންހެން މީހާގެ ބަހާއި ދެން ހުރި ހެކިތަކަށް ކީރިތި ރަސޫލާ ބުރަވެވަޑައިގެން އެ ފިރިހެން މީހާ ރަޖަމް ކުރަން އަމުރު ކުރެއްވި ކަމަށް ސުއޫދު ވިދާޅުވިއެވެ.

ފަނޑިޔާރު ސުއޫދު ވިދާޅުވީ އެ ހާދިސާ އިލްމުވެރިން ބޭނުންކުރަނީ އަންހެން މީހާ ބުނާ ބުނުމުގެ މައްޗަށް އިތުރު ގަރީނާ ހުރެއްޖެނަމަ ރޭޕްގެ ކުށް ސާބިތުވާނެ ކަމުގެ ދަލީލު ދެއްކެވުމަށް ކަމަށެވެ. ކީރިތި ރަސޫލާގެ ހުކުމް ބިނާވަނީ އެ ފިރިހެން މީހާ ހަނު ހުރުމާއި އެތަނުގައި ތިބި މީހުން އޭނާ ހައްޔަރު ކުރުމުން ލިބުނު ގަރީނާއަށާއި އަނިޔާ ލިބުނު އަންހެނާގެ ހެކިބަހުގެ މައްޗަށް ބިނާކޮށް ކަމަށް އިލްމުވެރިން ވިދާޅުވާ ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.

އެ ހާދިސާތަކަށް ރިއާޔަތް ކުރައްވައި ހުސްނުއްސުއޫދު ވިދާޅުވީ ޖިންސީ ކުށްތަކަކީ އަނދިރީގައި ނުވަތަ ސިއްރުން ކުރާ ކުށްތަކަކަށް ވުމުން އެހެން މައްސަލަތަކާ ހިލާފަށް ހެކި ވަޒަންކުރުމުގައި ލުއި މިންގަނޑެއް ގެންގުޅެން ޖެހޭ ކަމަށެވެ. އަދި އަނިޔާ ލިބުނު ފަރާތުގެ ހެކިބަހާއި އެހެނިހެން ހެކިތައް ގުޅުވާލެވޭނަމަ ސާބިތުވާނެ ކަމަށް ކަނޑައެޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ރޭޕް ކުރުމުގެ މައްސަލައެއްގައި ރޭޕް ކުރުމުގެ ތުހުމަތު އުފެދިފައިވާ ހާލަތުގައި އަނިޔާ ލިބުނު ފަރާތުގެ ޖިންސީ ގުނަވަނުގެ ތެރެއިން ރޭޕްގެ އަމަލު ހިންގި ފަރާތުގެ ޑީއެންއޭ ފެންނަ ހާލަތުގައި އެ ޑީއެންއޭ ހެކި ކޮރޮބޮރޭޓް ކުރުމަށް މޯޓިވްއެއް އޮތްކަމަށް ދައްކައިދޭ ގަރީނާ އާއި ކުށް ކުރުމަށް ފުރުސަތު ލިބިފައި އޮތްކަމުގެ ގަރީނާ އާއި ރުހުން ނެތްކަން އެނގޭނެ ގަރީނާއެއް އޮތްނަމަ ޑީއެންއޭ ހެކީގެ މައްޗަށް ބަލައި މުއްތަހަމުގެ މައްޗަށް ރޭޕް ކުރުމުގެ ކުށް ސާބިތު ކުރުމަށް ފުދޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ރިސޯޓުގެ ކޮޓަރި ސާފުކުރަން މަސައްކަތް ކުރި އެ ފިރިހެން މީހާގެ މަސައްކަތްތަކާ ބެހޭގޮތުން އެ އަންހެން މީހާ ރިސޯޓުގެ ވެރިންނަށް ކުރިން ޝަކުވާ ހުށަހަޅާފައިވެއެވެ. އެހެންވެ، ފަނޑިޔާރު ސުއޫދު ވިދާޅުވީ އެއީ އޭނާގެ ކުށުގެ ނިޔަތް އޮތްކަމަށް ބާރު ލިބޭ ގަރީނާއެއް ކަމަށެވެ. އަދި އޭނާ ރިސޯޓުގައި ނިދާ ސަރަހައްދުގެ ބަދަލުގައި ރިސޯޓުގައި އެ ހާދިސާ ހިނގި ސަރަހައްދުގައި އޭނާ އެރޭ އުޅެފައިވުމަކީ ކުށްކުރަން ފުރުސަތު ލިބުނު ގަރީނާއެއް ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.

މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސްނުއްސޫއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރުއެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުސްނުއްސުއޫދެވެ.