ޚަބަރު

އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލައިގައި ސްޓޭޓް މިނިސްޓަރު ސޯލިހަށް ކުރާ ދައުވާގެ ހެކިބަސް ނަގައި ނިމިއްޖެ

މުހައްމަދު އިޝާން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ކޮރަޕްޝަނުގެ މައްސަލައިގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު ސޯލިހްގެ މައްޗަށް ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާގައި ދެ ފަރާތުން ހެކިބަސް ހުށަހަޅައި މިއަދު ނިންމާލައިފިއެވެ.

ޑރ. އަހުމަދު ސޯލިހުގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ އެސެޓް ރިކަރަވީ ކޮމިޝަނުން ވަކި ރަށްތަކަކާ ގުޅޭ ތަހުގީގު ކުރިއަށް ގެންދާކަން އަންގާފައި ވަނިކޮށް އެ މައުލޫމާތު އެނގި ހުރެ، އެފަދަ ތަހުގީގެއް ކުރިއަށް ނުދާ ކަމަށް ބުނެ ދެ ފަރާތަކަށް ސިޓީ ފޮނުވައި އިތުރު ފަޅެއްގެ ސަބް ލީސް ބަދަލު ކުރުމަށް ހުއްދަ ދިނުމުންނެވެ.

އެ މައްސަލައިގައި ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައި ޑރ. ސޯލިހުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިވެރިންގެ ހެކިބަސް ވަނީ ނަގައި ނިންމައިފައެވެ. އެ ދެ ހެކިވެރިންނަކީ ޓޫރިޒަމް މިނިސްޓްރީގެ ލީގަލް ޑިޕާޓްމެންޓުގައި މަސައްކަތްކުރާ ދެ މުވައްޒަފުންނެވެ.

ހެކިބަސް އަދާކުރަމުން އެ ދެ މުވައްޒަފުން ބުނީ، އެމްއެމްޕީއާރުސީއާ ގުޅޭ ރަށްތަކުގެ ތަހުގީގު ހިންގަމުންދާތީ ރަށްތަކުގެ ހެޑް ލީސް ބަދަލުނުކުރަން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މެމޯއެއް މެދުވެރިކުރައްވައި އަންގަވާފައިވާނެ ކަމަށެވެ. ނަމަވެސް ފަހުން އަލީ ވަހީދު ލީސް ބަދަލުކުރަން އަންގަވާފައިވާ ކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ ގަވާއިދުތަކުގައިވާ ކަންކަން ފުރިހަމަ ކުރުމުން ކަމަށް އަލީ ވަހީދަށް ޑރ. ސޯލިހު އަންގަވާފައިވާނެ ކަމަށެވެ.

އަލީ ވަހީދަށް އެކަން އަންގަވައި ޑރ. ސޯލިހު ފޮނުއްވި ސިޓީގައި ގައި ލީސް ބަދަލު ކުރުމާ ގުޅޭ ކަމެއް ނެތް ކަމަށް އެ ދެ މުވައްޒަފުން ހެކިބަސް ދެމުން ބުންޏެވެ.

ޓޫރިޒަމަށް ދޫކުރާ ރަށްތަކާ ގުޅޭ ގޮތުން އެއްވެސް އިދާރާއަކުން ނުވަތަ ކޮމިޝަނަކުން ތަހުގީގެއް ކުރާނަމަ އެކަން ފުރަތަމަ އަންގާނީ މިނިސްޓްރީގެ އިސްވެރިން ތިއްބަވާ ކޮމިޓީއަށްކަމަށް ދެ ވަނައަށް ހެކިބަސް ދިން ފަރާތުން ބުންޏެވެ. އަދި ބުނީ ތަހުގީގެއް ހިނގަމުން އަންނަ ކަމަށް ބުނެ އާންމު އުސޫލުން އެ މިނިސްޓްރީއަށް ސިޓީ ނުލިބޭނެ ކަމަށެވެ. ނަމަވެސް ލީސް ބަދަލުކުރުން ފަދަ މުއާމަލާތެއް ހިންގަނީ މިނިސްޓަރު ނުވަތަ ވެރިންގެ ހުއްދަ ލިބިގެން ކަމަށެވެ.

މިއަދު ޝަރީއަތުގައި ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ ކިތާބީ ހެއްކެވެ. އެހެންކަމުން ދެން އޮންނާނީ ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ނުވަތަ ހެއްކަށް ރައްދު ދިނުމުގެ މަރުހަލާއެވެ. އެއަށްފަހު މައްސަލައިގެ ހުލާސް ބަޔާން އިއްވުމާއި ހުކުމް ކުރުމެވެ.

މައްސަލައިގައި ހުކުމް ކުރާނެ ދުވަސް ސާފުކުރަން ޑރ. ސޯލިހުގެ ވަކީލުން އެދިވަޑައިގަތުމުން ގާޒީ ވިދާޅުވީ، ކޯޓުގައި ގިނަ މައްސަލަތަކެއް ތާވަލު ކޮށްފައި ހުރުމުން އެ މައްސަލަ ނިންމޭނެ ދުވަހެއް މިވަގުތު ދަންނަވަން ދަތި ކަމަށެވެ. އެކަމަކު ލަސްތަކެއް ނުވެ، އަޑުއެހުންތައް ބާއްވާނެ ކަމަށެވެ.

މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމް އެވެ. ކުރިން މި މައްސަލަ ބައްލަވަމުން ގެންދެވީ ގާޒީ އިބްރާހިމް އަލީ އެވެ. އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ވަނީ އިސްތިއުފާދެއްވައިފައެވެ.