މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތް ހިންގާފައިވަނީ ދައުލަތާއި ބޭންކިން ނިޒާމުގެ އެހީއާއިއެކު ކަމަށް ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ކުރީގެ އިސްވެރިޔާ އާތިފު ޝުކޫރު ވިދާޅުވެއްޖެއެވެ.
ކުރިމިނަލް ކޯޓުގައި އިއްޔެ ކުރިއަށް ގެންދިޔަ އާތިފުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިން އާއި ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގައި ވާހަކަ ދައްކަވަމުން އާތިފު ވިދާޅުވީ، އެމްއެމްޕީއާރްސީ ހިޔާނާތުގެ ކަންކަން ހިނގަމުން ދިޔައީ ބޭންކިން ނިޒާމުގެ ވަކި ވެއްޓެއްގައިކަމަށްވުމުން އެކަން ކުރަނީ ދައުލަތާއި ބޭންކިން ނިޒާމުގެ އެއްބާރުލުމާއެކު ކަން އެނގުނު ކަމަށެވެ. އަދި ވިދާޅުވީ ބޭންކިން ނިޒާމުގެ ވަކި ވެއްޓެއްގައި ހިނގާ ހުރިހާ ކަމެއް ދެނެގަންނަން އުނދަގޫވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެފްއައިޔޫގެ އިސްވެރިޔާގެ މަގާމާ ހަވާލުވިއިރު ވެސް ސަސްޕިޝިއަލް ޓްރާންސެކްޝަން (އެސްޓީއާރް) ހިނގާފައިވާ ކަމަށެވެ. އަދި އެސްޓީއާރްތަކުން މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ އަމަލުތައް ހިންގަމުންދާކަން ސާފުވާ ކަމަށެވެ.
އާތިފު ވިދާޅުވީ، މަގާމާ ހަވާލުވުމަށްފަހު އެފްއައިޔޫގެ ޑޭޓާބޭސް ދިރާސާކުރުމުގެ މަސައްކަތް ކުރަމުން ދިޔައިރު 2014 ވަނަ އަހަރުން ފެށިގެން ބައެއް ފަރާތްތަކުގެ އެކައުންޓުނަށް 40 މިލިއަން ރުފިޔާ އާއި 50 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ޖާމަވެފައިކާން އެނގުނު ކަމަށެވެ. އަދި ހަމަ އެދަދަށް ފައިސާ ކޭޝްވިތުޑްރޯ ކޮށް އެކި ފަރާތްތަކަށް ބަހާފައިވާކަން އެނގުނު ކަމަށެވެ. އާތިފު ވިދާޅުވީ އެ ހުރިހާ ކަމެއް ކުރީ ބޭންކިން ނިޒާމުގެ އާދައިގެ މީހެއްގެ އަތް ނުފޯރާ ފަށުން ކަމަށެވެ.
އާތިފު ވިދާޅުވީ އެސްއޯއެފްގެ އެކައުންޓުން ސަސްޕިޝިއަލް ޓްރާންސެކްޝަންތަކެއް ހިނގިޔަސް އެކަން ހުއްޓުވަން މަސައްކަތް ނުކުރީ ރާއްޖެއަށް އަންނަ ކަޅު ފައިސާ އަތުލައިގަތުމުގެ މަސައްކަތް ކުރުމަށް ގަވަރުނަރު އިރުޝާދު ދީފައިވުމުން ކަމަށެވެ. އަދި ޓްރާންސެކްޝަންތަކުގެ މައުލޫމާތު ބަޔަކާ ހިއްސާ ނުކުރުމަށް ގަވަރުނަރު ވިދާޅުވި ކަމަށް އާތިފު ވިދާޅުވިއެވެ. ނަމަވެސް އެކަން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ.
މީގެ އިތުރުން އާތިފު ވިދާޅުވީ ދައުލަތުގެ ކަމާބެހޭ މުވައްސަސާތަކަށް އެކަމުގެ މައުލޫމާތު ދިނުމުން ކުރިމަތިލާން ޖެހުނީ ސަރުކާރުގެ ނުފޫޒާއި ފިއްތުންތަކާ ކަމަށެވެ. އެހެންވެ އެފްއައިޔޫގެ އިސްވެރިޔާގެ މަގާމުން އިސްތިއުފާދެއްވި ކަމަށާއި ހިނގި ކަންކަމުގެ މައުލޫމާތު އޭނާ ރިޕޯޓުކުރައްވަން ޖެހިވަޑައިގަންނަވާ ފަރާތް ކަމަށްވާ ގަވަރުނަރަށް ހިއްސާކުރެއްވި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު