ޚަބަރު

ކޮރަޕްޝަނާ ދެކޮޅު ކޮންމެ މީހަކަށް އޭރުގެ ސަރުކާރުން އަދަބު ދިން، މިހާރު އެފަދަ ނުރައްކަލެއް ނެތް: އާތިފް

މުހައްމަދު އިޝާން

ކޮރަޕްޝަން ހުއްޓުވަން މަސައްކަތްކުރި ކޮންމެ މީހަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން އަދަބު ދިން ކަމަށާއި ނަމަވެސް މިހާރު އެފަދަ ވާހަކަ ދައްކައިގެން ސަރުކާރުގެ ފަރާތުން ނުރައްކަލެއް ކުރިމަތިނުވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ދަށުން ހިންގާ ފައިނޭޝިއަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ އާތިފު ޝުކޫރު ވިދާޅުވެއްޖެއެވެ.

ދައުލަތުން އާތިފުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންނާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގައި އިއްޔެ ކުރިމިނަލް ކޯޓުގައި ވާހަކަދައްކަވަމުން ވިދާޅުވީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތް ފެށިގެން ދިޔައިރު އޭރުގެ ގަވަރުނަރު އަހުމަދު ނަސީރުގެ ސަމާލުކަމަށް އެކަން ގެނެސްފައިވާނެ ކަމަށެވެ. އަދި ކަމާގުޅޭ މުއައްސަސާތަކަށް އެކަން ބަޔާންކުރައްވައި ފުރިހަމަކުރަން ޖެހޭ ފޯމުވެސް ފުރުއްވާފައިވާނެ ކަމަށެވެ. އާތިފު ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތް ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް ގެންނަން ކުރި މަސައްކަތުން އޭނާގެ ފުރާނައަށް ނުރައްކާ އޮތްކަން އެނގިގެން ދިޔަ ކަމަށެވެ.

އާތިފު ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތް ދައުލަތުގެ ސަމާލުކަމަށް ގެނައުމުން ދެން ކުރިމަތިލާން ޖެހުނީ ފިއްތުންތަކާ ކަމަށާއި މަގާމުގައި ހުރެގެން އެކަން އިދާރާތަކުގެ ސަމާލުކަމަށް ގެނައުމަށް ކުރެވެން ހުރި ކަންކަން ކޮށްފައިވާނެ ކަމަށެވެ. އަދި އަމަލީގޮތުން އެކަން ހުއްޓުވަން ގާނޫނީ ޒިންމާ އަދާނުކުރީ އޭރުގެ ސަރުކާރުން މަގާމުގެ ޒިންމާ އަދާކުރި ކޮންމެ މީހަކަށް ނުހައްގުން އަދަބުދީފައިވުމުންނާއި އޭރު އެކަހަލަ ކަންކަމުގެ ވާހަކަދެއްކުމުގެ ފުރުސަތު ނެތުމުން ކަމަށެވެ. ނަމަވެސް މިހާރު ހިޔާނާތް ހިނގާކަން ފަޅާ އަރުވައިލިޔަސް ސަރުކާރުގެ ނުވަތަ ދައުލަތުގެ ފަރާތުން ނުރައްކަލެއް ނޯންނަ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހީމް، އެމްއެމްޕީއާރުސީ ހިޔާނާތުގެ ވާހަކަ އޭރުގެ ރައީސް ޔާމީންގެ ސަމާލުކަމަށް ގެނައުމުން ކަންތައްވެގެން ދިޔަގޮތް ސާފު ކަމަށެވެ. ކުރީ ސަރުކާރުގައި ފަނޑިޔާރުން ވެސް ތިބީ ގާނޫނީ މަސްއޫލިއްޔަތު އަދާކުރައްވަން ބިރުން ކަމަށާއި އަދި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާ އިދާރާތަކުގެ ވެރިން ތިބީ މާބޮޑަށް ވެސް ޖެހިލުންވެވަޑައިގެންފައި ކަމަށް ދިފާއުގައި ވާހަކަދައްކަވަމުން އާތިފް ވަނީ ވިދާޅުވެފައެވެ.

އެސްއޯއެފްގެ އެކައުންޓުން ޝައްކު އުފެދޭ މުއާމަލާތްތަކެއް ހިނގިޔަސް އެކަން ހުއްޓުވަން މަސައްކަތް ނުކުރީ ރާއްޖެއަށް އަންނަ ކަޅު ފައިސާ އަތުލައިގަތުމުގެ މަސައްކަތް ކުރުމަށް ގަވަރުނަރު އަހުމަދު ނަސީރު އިރުޝާދު ދީފައިވުމުން ކަމަށާއި އަދި ޓްރާންސެކްޝަންތަކުގެ މައުލޫމާތު ބަޔަކާ ހިއްސާ ނުކުރުމަށް ގަވަރުނަރު ދެންނެވި ކަމަށް އާތިފް ވިދާޅުވިއެވެ.

ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާކަން އެނގުނު ނަމަވެސް އެކަން ނުހުއްޓުވީ ނުފޫޒާއި ބިރު ދެއްކުންތަކުގެ ސަބަބުން ކަމަށް އާތިފް ތަކުރާރުކޮށް ޝަރީއަތުގައި ވިދާޅުވިއެވެ. މަގާމުގެ ގޮތުން އޭނާ އެފަދަ ކަންކަން ރިޕޯޓުކުރަން ޖެހެނީ ގަވަރުނަރަށް ކަމަށާއި ނަމަވެސް އެކަން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް އާތިފް ވިދާޅުވިއެވެ.