ޔޫކްރެއިނާއި ރަޝިއާގެ ހަމަނުޖެހުމުގެ ސަބަބުން ރާއްޖެއަށް ކޮށްފާނެ އަސަރުތަކަށް ސަމާލުވާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޔޫކްރޭނުގެ މަޝްރަހު ހޫނުވެ، ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން ވަނީ އުފެދިފައެވެ. އެހެންކަމުން އެގައުމަށް ދިވެހިން ދަތުރު ނުކުރުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޔޫކްރެއިން އާއި ރަޝިއާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ ދޭތެރޭ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމުތަކުގެ ތެރޭގައި ޔޫކްރެއިން އާއި ރަޝިއާ ހިމެނޭއިރު، އެ ދެގައުމުގެ ދެމެދު ހަނގުރާމައެއް ފެށިއްޖެ ނަމަ އެކަމުން ނޭދެވޭ އަސަރުތަކެއް ރާއްޖެއަށް ކުރާނެ ކަމަށް ވިދާޅުވިއެވެ.
"މިކަމުން އަޅުގަނޑުމެންނަށް ކޮށްފާނެ އަސަރުތަކާމެދު ސަރުކަރުން ސަމާލުވާން ޖެހޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް 131،753 ފަތުރުވެރިން ޒިޔާރަތް ކުރި އިރު، ޓޮޕް މާކެޓަކީ ރަޝިއާ އެވެ. އެގައުމުން މިދިޔަ މަހު 23،341 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
ޔޫކްރެއިނަށް ބަލާއިރު، އެގައުމު ހިމެނެނީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި 10 ގައުމުގެ ތެރެއިން ހަ ވަނައިގައެވެ. އެ ގައުމުން މިދިޔަ މަހު 5،352 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.